ސައިކަލެއް ކާރެއްގެ ދަށުވެ، ނުރައްކާތެރި އެކްސިޑެންޓެއް

މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލެއް ކާރެއްގެ ދަށުވެއްޖެ އެވެ. ކާނިވާ ކައިރީގައި ހިނގި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.


ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓު ލިބިފައި ވަނީ ރޭ 10:30 ހާއިރު ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓުވި ކާރަކީ ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހަސަން ޒަކަރިއްޔާގެ ކާރެވެ. އެކްސިޑެންޓުވި އިރު، ކާރު ދުއްވަން އިނީ ވެސް ޝުއައިބެވެ.

ކާރު ދަށުގައި އޮތް ސައިކަލް ނަގާފައި ވަނީ ފޯކްލިފްޓެއް ބޭނުންކޮށްގެންނެވެ. މި އެކްސިޑެންޓުގައި ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.

ފަހަކަށް އައިސް، މާލޭގައި އެކްސިޑެންޓުތައް ހިނގުން ވަނީ އާންމުކަމަކަށް ވެފަ އެވެ.