ނުރައްކާތެރި ހަތިޔާރުން ހަމަލާ ދޭ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުކުރުން ލާޒިމް: ހައި ކޯޓް

ތޫނު އެއްޗިއްސާއި ނުރައްކާތެރި ހަތިޔާރުން މީހުންނަށް ހަމަލާ ދިނުމުގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހަކު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތް ނަމަ، ތަހުގީގާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން އެ މީހަކު ބަންދުގައި ބަހައްޓަން އަމުރު ކުރުމަކީ ލާޒިމް ކަމެއް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.


ހައި ކޯޓުން އެގޮތަށް ހުކުމްކުރީ ޖުލައި، 2017 ގައި އެލްސިއޯން ބޭކަރީ ކައިރިން ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގެ ދައުވާ ލިބޭ މީހަކު ޝަރުތުކޮށް، ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލައެއްގަ އެވެ. ޝަރީއަތް ނިމެންދެން އެ މީހާ ބަންދުގައި ބެހެއްޓުމަށް ފަހު ދަށު ކޯޓުން އޭނާ ބަންދުން ދޫކޮށްލީ މިދިޔަ އަހަރުގެ ޖުލައި މަހު ޝަރުތުތަކާ އެކު އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނު އޮންނަ ގޮތުން އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބަހައްޓަން ދައުލަތުން އެދެފި ނަމަ، އަދި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ހާލަތްތަކުގެ ތެރެއިން ހާލަތެއް އޮތް ނަމަ، އެ މީހަކު ތަހުގީގާއި ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކުރުން ލާޒިމްވާނެ ކަމަށެވެ.

އެހެންވެ، އެ މައްސަލާގައި ވެސް އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމުގައި ބަލަންޖެހޭނީ އެ ގާނޫނަށް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އެ މީހާއާ ދެކޮޅަށް ހެކިންގެ ގޮތުގައި މަންޒަރު ދުށް މީހުންނާއި ސީސީޓީވީ ފުޓޭޖާއި ސައިންޓިފިކް ހެކި ދަށު ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އަދި އެ މައްސަލާގެ ހެކިބަސް ނަގައި ނުނިމި އޮތް ކަން ދައުލަތުގެ ބަހުން އެނގޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ އެ މީހާ ބަންދުން ދޫކޮށްލަން ދަށު ކޯޓުން އެންގި އަމުރުގައި، އެ މީހާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ބަޔާން ކޮށްފައިވާ ކަމަށާއި އެކަމަކު އެ ނިންމުމާ ހަމައަށް ވާސިލްވި ގޮތެއް ބަޔާން ކޮށްފައި ނެތް ކަމަށެވެ. އެކަމަކު ބަންދާ މެދު ގޮތެއް ނިންމުމުގައި، އެ ނިންމުމަކާ ހަމައަށް ވާސިލްވި ގޮތެއް ބަޔާން ކުރަން ޖެހޭނެ ކަމަށާއި އެގޮތަށް އަމަލު ނުކުރުމަކީ އެ ނިންމުމަކާ މެދު ސުވާލު އުފެދުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމެއް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުން ދަށު ކޯޓުތަކަށް ގާނޫނުއަސާސީން ލާޒިމްކުރާ ކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ އެ ހާދިސާއާ ގުޅިގެން ބަންދުގެ އެހެން ބައެއް އަމުރުތައް ހައި ކޯޓުގައި ކުރިން އިސްތިއުނާފް ކުރެވުމުން އެ މައްސަލަތަކުގައި ދަށު ކޯޓުން ބަލަންޖެހޭ ގާނޫނީ އުސޫލުތައް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށެވެ. އެ ނިންމުންތަކާ އެއްގޮތަށް ދަށު ކޯޓުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި، އޮވެއްޖެ ނަމަ އެއީ ގާނޫނާ އެއްގޮތަށް ކުރެވިފައިވާ ކަމެއް ކަމަށް ނުބެލެވޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން ދަށު ކޯޓުގައި ޝަރީއަތް ހިނގަމުންދާ މައްސަލަތަކުގައި ހައި ކޯޓުން ބަންދާ މެދު ގޮތެއް ނިންމުމަކީ އެ މައްސަލައިގެ މައުޟޫއުގެ ތެރެއަށް ހައި ކޯޓުން ވަނުން ކަމަށް ބެލެވޭނެ އެވެ. އެގޮތަށް އަމަލު ކުރުމަކީ އިސްތިއުނާފްގެ ނިޒާމާ ޚިލާފް ކަމެއް ކަމަށާއި އަދި އޭގެ ސަބަބުން އިސްތިއުނާފްގެ ހައްގަށް ނުރަނގަޅު އަސަރު ކުރާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އިސްތިސްނާ ހާލަތްތަކުގައި މެނުވީ، ދަށު ކޯޓުގައި ހިނގާ ޝަރީއަތްތަކުގައި ބަންދާ މެދު އެ ކޯޓުން ނިންމާ ނިިންމުން ހައި ކޯޓުން ބާތިލް ކުރުމުން، ބަންދާ މެދު އަލުން ގޮތެއް ނިންމުމަކީ ދަށު ކޯޓުން ކުރަންޖެހޭ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ހުކުމުގައިވަނީ އެ މީހާ ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ބާތިލްކޮށްފަ އެވެ. އަދި އެ މީހާ އަލުން ބަންދުގައި ބަހައްޓަން ދައުލަތުން ފަސް ދުވަސް ތެރޭގައި ދަށު ކޯޓަށް ހުށަހަޅައިފި ނަމަ، އެކަމުގައި އަލުން ދަށު ކޯޓުން ގޮތެއް ނިންމަން އެ ހުކުމުގައި އަމުރު ކޮށްފައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ނިޔާޒެވެ.