ސީ ލައިފް އައްމަޓީ ހައްޔަރުކުރަން އިންޓަޕޮލްގެ އެހީ އަށް އެދިއްޖެ

ހުޅުމާލޭގައި ފްލެޓް އަޅަން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު، ފްލެޓް ނާޅައި އަދި އެ ފައިސާ އަނބުރާ ނުދިން މައްސަލާގައި ހިމެނޭ ސީލައިފްގެ ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހައްޔަރުކުރަން އިންޓަޕޮލްގެ އެހީ އަށް އެދިއްޖެ އެވެ.


ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްމަޓީ ހޯދަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެދޭން ފުލުހުން އެދިފައިވާ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދުގެ ޓުވީޓު

ސީލައިފްގެ މައްސަލަ ފުލުހުން ބަލަން ފެށުމާ އެކު އައްމަޓީ ވަނީ ރާއްޖެ އިން ބޭރަށް ގޮސްފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ އުޅެނީ ސްރީ ލަންކާގަ އެވެ. އެއީ އިންޓަޕޮލްގެ މެންބަރު ގައުމެކެވެ.

އައްމަޓީ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފަ އެވެ.

ބޯހިޔާވަހިކަމަށް އެތައް ބަޔަކު އެއްކުރި ފައިސާ ނަގައި، އެ މީހުންނަށް ބޮޑު ހިތްދަތިކަމެއް ލިބިފައިވާ އިރު އެކަމުގައި އެ އާއިލާތަކަށް އިންސާފު ލިބުން ވަނީ ދިގުލައިގެން ގޮސްފަ އެވެ.

އެޗްޑީސީން، ސީ ލައިފްއާ ހަވާލުކުރީ ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށެވެ. ސީ ލައިފުން ފްލެޓްތަކަށް އެތައް ބައެއްގެ އަތުން ފައިސާ ނެގި ނަމަވެސް ފްލެޓް އެޅުމުގެ މަސައްކަތެއް ނުކުރެ އެވެ. އެ ކުންފުންޏަށް ފައިސާ ދެއްކި 200 އަށް ވުރެ ގިނަ މީހުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ފުލުހުންގެ އިތުރުން އޭސީސީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.