ޕާޓީގެ މަގާމުތަކާ ގުޅޭ ގޮތުން ހިޔާލުފާޅު ކުރުމަކީ މައްސަލައެއް ނޫން: ހަސަން ލަތީފް

ރައްޔިތުންގެ މަޖިލިހުގެ އެކި މަގާމުތަކުގައި ތިއްބަވާނެ އެމްޑީޕީގެ މެމްބަރުންނާއި އެ ޕާޓީގެ އެ ނޫން ވެސް އިސް މަގާމުތަކާ ގުޅޭ އިންތިޚާބުތަކާ މެދު ހިޔާލުފާޅު ކުރުމަކީީ ޕާޓީ އަށް އެންމެ ރަނގަޅު ގޮތް ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.


މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި 65 ގޮނޑިއާ އެކު އެމްޑީޕީން ހޯދި ތާރީޚީ ކާމިޔާބީއާ އެކު މިހާރު އެ ޕާޓީގައި ޝައުގުވެރި ބަހުސަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހިގެ ރައީސާއި ނައިބު ރައީސްކަން ފުރުއްވާނެ ބޭފުޅުން ކަނޑައެޅުމެވެ. އެ ދެ މަގާމަށް ގާބިލް ގިނަ ބޭފުޅުންތަކެއް އެމްޑީޕީގައި ތިއްބެވި ކަން ފާހަގަކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިސާލެއްގެ ގޮތުން ނެންގެވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމެވެ. ނައިބަކަށް އަންހެން ބޭފުޅަކު އިންނެވުން މުހިއްމު ކަމަށް ދެކި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ނަމަށް އެއް ބަޔަކު އަންނަނީ ތާއީދު ކުރަމުންނެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ވެސް އެ ދެ މަގާމަށް ޝައުގުވެރިވާ ގިނަ ބަޔަކު އެ ޕާޓީގައި އެބަތިއްބެވި އެވެ.

މަޖިލީހުގެ ރައީސަކަށް ވަކި ބޭފުޅެއްގެ ނަން ނަޝީދު ވިދާޅުވުމަކީ އެ ނަމަކަށް ޕާޓީގެ ގިނަ ބައެއްގެ ތާއީދު ލިބޭނެ ކަމެއް ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މިކަމާ ގުޅޭގޮތުން "މިހާރު" ން ސުވާލުކުރުމުން ހަސަން ވިދާޅުވީ ޑިމޮކްރަސީގެ ރީތީ އުސޫލުތަކާ އެއްގޮތަށް ތަރުތީބުވެފައި އޮތް އެމްޑީޕީގެ މަގާމުތަކާއި އެ ނޫން ވެސް ކަންކަމަށް ހިޔާލުފާޅުކުރުމުގެ ޖާގަ އޮތީ ހުޅުވިފައި ކަމަށެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ނުވަތަ އެހެން މަގާމެއް ފުރުއްވަން އެ މީހަކަށް ފެންނަ ނަމެއް ހުށަހެޅުމަކީ އެމްޑީޕީން ހުއްޓުވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެއީ، ހުއްޓުވޭނެ ކަމެއް ވެސް ނޫން. އަބަދުވެސް ހުރިހާ އެންމެންގެ ހިޔާލާ އެއްގޮތަށް ހުރިހާ ކަމެއް ނިމިގެން ނުދޭ. އެެހެންވީމާ އެމްޑީޕީން އަބަދުވެސް ކަންތައް ކުރާ ގޮތަކީ ވާހަކަ ދައްކައި މަޝްވަރާކުރުން. އެ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ހިޔާލުފާޅުކުރުން. މަޖިލީހުގެ މަގާމުތަކަށް ވެސް އެގޮތުގެ މަތިން ހިޔާލުފާޅުކުރެވެމުން އެ ދަނީ،" އާއްމު އިންތިޚާބުގައި ހެންވޭރު ހުޅަނގު ދާއިރާ އަށް ހޮވިވަޑައިގެންނެވި ހަސަން ވިދާޅުވި އެވެ.

"އެއީ ރައީސް ނަޝީދު ވިޔަސް އަދި ޕާޓީގެ އެހެން މަގާމެއްގައި ހުންނެވި ބޭފުޅަކަސް އާއްމު މެމްބަރަކަސް ދެކެވަޑައިގަންނަވާ ގޮތް ހާމަކުރެއްވުމަކީ މައްސަލައެއް ނޫން."

ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ތަފާތު ބޮޑު ކާމިޔާބީއެއް ލިބުމުގެ އުފަލުގައި ރާޅުގަނޑު ސަރަހައްދުގައި ޕާޓީގެ އިސް ބޭފުޅުންނާއި އާއްމު މެމްބަރުން އުފާފާޅުކުރަނީ. -- ފޮޓޯ: ހުސެން ވަހީދު /މިހާރު

އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ މަގާމްތަކަށް ޕާޓީން މީހުން އިންތިޚާބު ކުރަން، ޕާޓީން ވަނީ ހިޔާލު ހޯދަން ވެސް ފަށައިފަ އެވެ. އޭގައި، މަޖިލިހުގެ ރައީސާއި ނައިބު ރައީސް ހޮވާނީ ކިހިނެއްތޯ އާއި އެ ކަންކަމުގައި އެކި މެމްބަރުން ދެކެވަޑައިގަންނަވާ ގޮތް ވެސް ސާފުކުރާނެ ކަމަށް ވިދާޅުވި އެވެ.

"އެއީ، ސިއްރު ވޯޓަކުންތޯ ނުވަތަ އާއްމުކޮށް ހުޅުވާލައިގެންތޯ އެކަން ކުރާނީ. އެ ހިޔާލު ހޯދުމުގެ ކަންކަން ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ކުރެވެމުން އެބަދޭ. މި ކަންކަން ކުރަމުންދާއިރު އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ގެންދާނެ،" ހަސަން ވިދާޅުވި އެވެ.

ނަޝީދު ވެސް ފާޅުކުރެއްވީ އެމަނިކުފާނުގެ ހިޔާލުފުޅު ކަމަށާއި އެގޮތަށް އެހެން މެމްބަރުން ވެސް ފާޅުކުރައްވަމުން ގެންދަވަނީ އެ ބޭފުޅެއްގެ ހިޔާލު ކަމަށް ވިދާޅުވި އެވެ. އެއީ، އެކަން އޮންނަ ޖެހޭ ގޮތް ވެސް ކަމަށާއި ޕާޓީގެ އާއްމު މެމްބަރުންނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"އެގޮތަށް ހިޔާލުފާޅުކުރަނީ، ޕާޓީ އަށް އެންމެ ރަނގަޅު ގޮތް ކަމަށް އެ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތް ވީމަ. އޭގެ ތެރެއިން ގިނަ މީހުން ބޭނުންވާ ގޮތަކަށް ކަންކަން ނިމިގެންދާކަން އެއީ އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތެއް. އެއީ ހުއްޓުވަން ރަނގަޅު ކަމެއް ކަމަށް އަޅުގަނޑު ނުދެކެން،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 'އެޖެންޑާ 19' އަދި 'ޖަޒީރާ ރާއްޖެ' މެނިފެސްޓޯގައިވާ ވައުދުތައް ތަންފީޒުކުރުމާ ގުޅޭ ކަންކަމަށް ގެންދަން މަޖިލީހުގެ އިންތިޚާބަށް ފަހު އެ ޕާޓީން ފަސް ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފަ އެވެ. އެ ކޮމިޓީތައް އެކުލަވާލީ 'އެޖެންޑާ 19' ގައި ހިމެނޭ މައިގަނޑު އަސާސްތަކުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

'އެޖެންޑާ 19' ތަރުތީބުކޮށްފައި ވަނީ އިންސާފާއި އޯގާތެރި ސަރުކާރާއި ފަޚުރުވެރި އާއިލާ އާއި ޖަޒީރާ ދިރިއުޅުން އަދި ނޫ އިގްތިސާދު، މައިގަނޑު ފަސް ހައްލަކަށް ބަލައިގެންނެވެ. މި ފަސް ދާއިރާ އިން އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ހަސަން ވިދާޅުވި ގޮތުގައި، މަޖިލީހަށް މިފަހަރު ހޮވިވަޑައިގެންނެވި މެމްބަރުންނާއި އެ ކޮމިޓީތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި ވަޒީރުންނެވެ.

އޭގެ އިތުރުން އެކި ދާއިރާތަކުން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ފަންނީ މާހިރުން ވެސް ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"މި ކޮމިޓީތަކުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. އެ މަސައްކަތަކީ މަޖިލީހުގެ މަސައްކަތްތައް ފެށެންވާ އިރަށް މަޖިލީހުގައި ކުރަން ޖެހޭ ކަންކަން ކަނޑައަޅައި ކުރިއަށް ގެންދިއުން،" ހަސަން ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކޮމިޓީގެ ބައްދަލުވުންތައް އަންނަ ހޮނިހިރުދުވަހުން ފެށިގެން ވަޒީރުންނާ އެކު ފެށޭނެ ކަމަށެވެ. މަޖިލީހަށް ހުށަހަޅަން ޖެހޭ ހުރިހާ ކަމެއް ނިންމާނީ ސަރުކާރާ އެކީގައި ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.