ގާނޫނު އިސްލާހު ނުވުމަކީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ނުވާންވީ ސަބަބެއް ނޫން: ނައިބު ރައީސް

ގާނޫނުތައް އިސްލާހު ކުރެވިފައި ނެތުމަކީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ނުކުރެވެންވީ ސަބަބެއް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.


މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ނޭޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭން އިފްތިތާހުކޮށް ދެއްވުމަށް ޖެން ހޮޓެލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވަމުން ފައިސަލް ވިދާޅުވީ، އެކްޝަން ޕްލޭނާ އެއްގޮތަށް މަގުމަތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމުގައި ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ގާނޫނަކަށް ނުވަތަ ގަވާއިދަކަށް ބަދަލެއް ގެނެވިފައި ނެތުމަކީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށާއި އެއީ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމަކީ އެއީ ވަކި އެއްޗެއްގައި ލިޔެފައި ނެތަސް، ކޮންމެ އިންސާނެއްގެ ކޮންމެ މީހެއްގެ ހައްގެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ." ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަގުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވުމުގެ މައްސަލަ އަކީ މުޅި ރާއްޖޭގައި ވެސް ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެހެންވެ. މި ސަރުކާރުގައި މާލޭގައި އެ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި އަތޮޅުތެރޭގައި އެ ކަންކަން ހައްލު ކުރުމަށް ލޯކަލް ކައުންސިލްތަކުގެ އެއްބާރުލުން ދިނުމުގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނާއި ޒުވާނުން ވެސް މިކަމަށް ހޭލުންތެރި ކުރުވަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ރޯޑް ސޭފްޓީ އެކްޝަން ޕްލޭން އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ޚާއްސަ މަސައްކަތްތަކެއް ސްކޫލް ތެރޭގަ އާއި ޒުވާނުންގެ މެދުގައި މިކަމާ ގުޅޭގޮތުން ކަންކަންތަކެއް ފަށްޓަވާށޭ. އަޅުގަނޑުމެން މަސައްކަތް ކޮށްފި ނަމަ އެއްވެސް ޝައްކެއް ނެތް ގޮތުގައި އަޅުގަނޑުމެންނަށް މިކަންތައްތައް ކާމިޔާބު ކުރެވޭނެ." ނައިބު ރައީސް ވިދާޅުވި އެވެ.

މާލެއަކީ ދިވެހިންގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީން ވެސް ދިރިއުޅޭ ތަނެއް ކަން ފާހަގަ ކުރައްވައި، ނައިބު ރައީސް ވިދާޅުވީ، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ އެފަދަ މަސައްކަތެއް ބިދޭސީންނަށް ވެސް އަމާޒު ކުރަން ޖެހޭނެ ކަމަށެވެ. އެފަދަ މުހިންމު މަސައްކަތެއް ކުރާ ނަމަ، އެކަމެއް ވަރަށް ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި މަގުމަތީގެ ނުރައްކާތެރި ހާދިސާތައް އާ އެކްޝަން ޕްލޭނާ އެކު މަދުވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރޯޑް ސޭފްޓީ އެކްޝަން ޕްލޭން އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އަޅުގަނޑު މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ހަދައި، 2020 އަންނައިރު 50 އިންސައްތައެއް ނޫން. އެ އަށް ވުރެ ވެސް ދަށް ކުރެވޭތޯ މަސައްކަތް ކުރުން." ނައިބު ރައީސް ވިދާޅުވި އެވެ.

ޒަމާނަށް އައި ބަދަލާ އެކު ގިނަ ކަންތައްތަކެއް ބަދަލުވެފައިވާ ކަން ފާހަގަ ކުރައްވައި، ނައިބު ރައީސް ވިދާޅުވީ ހެޔޮ ބަދަލުތަކާ އެކު ދަސްކުރަން ޖެހޭނީ ރަނގަޅު ކަންކަން ކުރަން ކަމަށެވެ. އެގޮތުން މަގުމަތީގެ އަދަބުތަކަށް އިހްތިރާމް ކުރަން ފަށަން ޖެހޭ ކަމަށާއި މަގުމަތި ބޭނުން ކުރުމުގައި އެކަކު އަނެކަކަށް ޖާގަ ދިނުމާއި މަގުމަތީގެ ގަވާއިދުތަކަށް އިހްތިރާމް ކުރަން ފެށުމުގެ އާދަ ހިފަހައްޓަންޖެހޭ ކަމަށް ވިދާޅުވި އެވެ. އެގޮތުގައި އެކަން ކުރެވޭ ނަމަ، މަގުމަތީގެ ނުރައްކާތެރި ހާދިސާތައް ވަރަށް ބޮޑަށް މަދުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.