ވިއްސާރަ ދުވަހެއް، މޫސުން ގޯސްވާނީ ދެކުނުގެ ހިސާބުތަކަށް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވިއްސާރަ ކުރާނެ ކަމަށާއި މޫސުން އެންމެ ބޮޑަށް ގޯސްވާނީ ދެކުނުގެ ހިސާބުތަކަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފި އެވެ.


މެޓުން މިއަދު ވަނީ، މުޅި ރާއްޖެ އަށް ވިއްސާރަވާނެ ކަމަށް ލަފާކޮށް، ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އެ އެލާޓް ނެރެނީ، ވައިގެ ބާރުމިން، ގަޑިއަކު 23 މޭލާއި 30 މާލޭ ދެމެދުގައި އުޅޭ ނަމަ އެވެ.

އެ އިދާރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެކި ހިސާބުތަކަށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭއިރު، އެންމެ ބޮޑަށް ވައިގަދަވާނެ ކަމަށް ލަފާކުރެވިފައި ވަނީ ފުވައްމުލަކާއި އައްޑޫއާ ދެމެދުގެ ހިސާބުތަކަށް ކަމަށެވެ. އަންނަ ހޯމަ ދުވަހާ ހަމައަށް ދެކުނުގެ ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފޮނަދު އަށް ރޭ ނަގޫރޯޅިއެއް އަރައި ގެއަކަށް ގެއްލުން ވެފައި.-- ޓްވިޓާ ފޮޓޯ/އެމްއެންޑީއެފް

މެޓުން ބުނިގޮތުގަި ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ދެކުނުގެ އަތޮޅުތަކަށް ހުނޅަގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.

ދިޔަވަރު ބޮޑުވާ ގަޑީގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމަކަށް ވާތީ މޫސުމަށް ސަމާލުކަން ދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކަނޑު ގަދަ ދުވަހެއްގައި ފެރީއެއް ދަތުރުކުރަނީ: ކަނޑު ދަތުރުކުރާއިރު މޫސުމަށް ސަމާލުކަންދޭން މެޓުން ވަނީ އިލްތިމާސްކޮށްފައި.--ފޮޓޯ/މިހާރު

މޫސުން ގޯސްވެ، ރޭ ވަނީ ލ. ފޮނަދު އަށް ނަގޫރޯޅިއެއް އަރައި އެ ރަށުގެ ބައެއް ގޭގޭ ފުރާޅުއެއްލާލައިފަ އެވެ. އެ ހާދިސާގައި ގެއްލުންވި އާއިލާތަކަށް ފުލުހުންނާއި ސިފައިން އަދި ރަށުގެ ރައްޔިތުން އަންނަނީ އެހީތެރިވަމުންނެވެ.

ރާއްޖެ އަށް ވިއްސާރަ ކުރަން މިފެށީ، ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހި އޮތުމަށް ފަހު އެވެ. ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމުން، މިދިޔަ ހަފުތާގައި އިސްތިސްގާ ނަމާދު ވެސް ކުރި އެވެ.