ވަޒީފާގެ ބާޒާރަށް ކޯސްތައް ފަރުމާ ކުރަން ޖެހޭ: ސީއެސްސީ

ރާއްޖޭގެ ވަޒީފާތަކަށް މީހުން ނަގާ ގޮތަށް ބަލައި ޔުނިވާސިޓީތަކުން ކުރިއަށް ގެންދާ ގޯސްތައް ފަރުމާ ކުރަން ޖެހޭ ކަމަށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.


އިލްމީ އަދި ގާބިލް މީހުންގެ ބަދަލުގައި ޝަރުތު ހަމަނުވާ ބަޔަކު ސިވިލް ސާވިސްގެ އެކި މަގާމުތަކަށް ހަމަޖައްސާ ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާތީ އެކަން ބެލުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ސީއެސްސީގެ މެމްބަރުން މިއަދު ހާޒިރު ކުރުމަށް ފަހު މަޖިލިސް މެމްބަރުން ވަނީ އެކި ސުވާލުތައް ކޮށްފަ އެވެ.

އެގޮތުން ދިވެހި ބަހުގެ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް ވަޒީފާ ހޯދަން ދަތިވެފައިވާ ކަމަށް މެމްބަރު ހިތަދޫ ދެކުނު ދާއިރާގެ އަލީ ނިޒާރު ވިދާޅުވެ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ސީއެސްސީގެ ރައީސް ޝަމީމް ވިދާޅުވީ ވަޒީފާގެ ބާޒާރުގައި ޑިމާންޑް އޮތްގޮތަށް ކޯސްތައް ފަރުމާ ކުރަން ޖެހޭ ކަމަށެވެ.

ސިވިލް ސާވިސްގެ ވަޒީފާތައް ދިނުމުގައި އެމީހަކު ކިޔެވި ދާއިރާއަށް ބަލާއިރު މިހާރު ކޯސްތައް ފަރުމާ ކުރެވިފައިވަނީ އެ މޮޑިއުލްތައް ހިމެނޭގޮތަށް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ދިވެހި ބަހުގެ ޑިގްރީ ނަގާއިރު އަދިއެއް ނެތް މެނޭޖްމަންޓުގެ އެއްވެސް މޮޑިއުލްއެއް އޭގައި. އެހެންވީމަ ސިވިލް ސާވިސް ކޮމިޝަންގެ އެޑްމިނިސްޓްރޭޝަން އޮފިސަރަކަށް ދިވެހި ޑިގްރީ ނަގައިގެން ކުރިމަތި ލައިފިއްޔާ އެ ފަރާތެއް ޝަރުތު ހަމައެއް ނުވޭ،" މިސާލު ދައްކަވަމުން ޝަމީމް ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ ވަޒީފާ ދޭއިރު ވަޒީފާއާ ގުޅޭ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވޭތޯ ބަލަ އެވެ. ވަޒީފާއާ ގުޅޭ ސީދާ ދާއިރާއިން ތައުލީމް ހާސިލްކޮށްފައި ނުވާ ނަމަ ކިޔެވި އެއްޗެއްގެ 30 ޕަސެންޓް ކޮންޓެންޓަކީ އެ ވަޒީފާއާ ގުޅޭ ދާއިރާއާ ގުޅުން ހުރި އެއްޗެއްތޯ އެ ކޮމިޝަނުން ބަލަ އެވެ.

ޝަމީމް ވިދާޅުވީ ޑިގްރީ ކޯސްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވަޒީފާ އަށް ޝަރުތު ހަމަކުރުމުގެ ގޮތުން ޔުނިވާސިޓީން އިންޓަގްރޭޓެޑް ޕްރޮގްރާމްތަކެއް ހިންގުމަށް ލަފާ އަރުވާފައިވާ ކަމަށެވެ. އޭރުން ޑިގްރީ ނަގާ ފަރާތްތަކަށް ތަފާތު ވަޒީފާތަކަށް ޝަރުތު ހަމަވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.