ބްރިޖް މަޝްރޫއު މަޑުޖެހިފައިވާ ކަމަށް ދެކެވޭ ހުރިހާ ވާހަކަތަކެއް މިނިސްޓަރު ދޮގުކުރައްވައިފި

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް އާއްމުން ދައްކާ ހުރިހާ ވާހަކަތަކެއް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގުކުރައްވައިފި އެވެ.


ރާއްޖޭގައި މިހާރު ހިންގާ އެންމެ ބިޔަ މަޝްރޫއުގެ މަސައްކަތުގެ ސްޕީޑް ލަސްވެ، މައްސަލަތަކެއް އުޅޭ ކަމުގެ އަޑުތައް ފެތުރެމުންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. މި ވާހަކަ އެންމެ ގަދައަށް ދައްކާ އެއް ބައަކީ، ބްރިޖްގެ މަސައްކަތް ހިނގާ ގޮތް ބަލަން ލޮނުޒިޔާރަތްކޮޅަށްދާ މީހުންނެވެ.

ބައެއް މީހުން ބުނާގޮތުގައި، ދެ ޝިފްޓަށް ބަހާލައިގެން ރޭގަނޑާ ދުވާލު ކުރަމުން އައި މަސައްކަތުގެ ސްޕީޑު މިހާރު ލަހެވެ. ބްރިޖްގެ މަސައްކަތް ކުރަން އަޅާފައި ހުރި ޕްލެޓްފޯމު މަތިން އުޅަނދުތައް ދަތުރުކުރުން މަދު ވުމާއި ބޮޑެތި ކްރޭންތައް ހަރަކާތްކުރާ މަންޒަރު ފެންނަލެއް މަދުވުމަކީ އެ މީހުން ސުވާލު އުފައްދާ ކަމެކެވެ.

ހުޅުލޭ ކޮޅުގައި ތަނބުތައް ޖެހި އަވަސް މިނުގައި މާލޭ ކޮޅުގައި ތަނބުތައް ޖަހަމުން ނުދެ އެވެ. މިހެންވެ ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތަށް ސެޕްޓެމްބަރު ނިމޭއިރު ތަނބުތައް ފެނުން މައްޗަށް ފެންނަން ހުންނާނެ ކަމަށް ބުނާ ވާހަކަ ބައެއް މީހުން ގަބޫލެއް ނުކުރެ އެވެ.

މިނިސްޓަރު މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މި ހުރިހާ ތުހުމަތެއް ދޮގުކުރައްވަމުން މިނިސްޓަރު ވިދާޅުވީ ބްރިޖްގައި މިހާރު ކުރާ މަސައްކަތް ލޮނުޒިޔާރަތްކޮޅުގައި ތިބެގެން ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ދެއްކެވީ، މިހާރު ބްރިޖް މަތީގައި ތިބެގެން ބްރިޖުން ބޭރަށް ނުފެންނަ ގޮތަށް ހުރި މަސައްކަތްތައް ކުރުމެވެ.

"ރެއާ ދުވާލު މަސައްކަތް ކުރިއަށް އެބަދޭ. އެއްގަމު ކޮޅުގައި ނުވަތަ ލޮނުޒިޔާރަތްކޮޅުގައި ތިބެގެން ބަލާއިރު މިހާރު ހިނގާ ގިނަ ކަންތައްތަކެއް ނުފެންނާނެ. ކުރީގައި ވިއްޔާ ވަރަށް ފަސޭހަ އިން ފެންނާނެ ޓްރެސަލް ބްރިޖް ހަދަމުން ދިޔަ ތަން. އެ ހަދާ ނިމުނީމަ ދެން އެ މަސައްކަތެއް ނުފެންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކަނޑުއަޑި އަށް ހަ ހޮޅި މިހާރު ވަނީ ޖަހައިފަ އެވެ. ހުޅުލޭ ކޮޅުގައި ހޮޅި ޖެހުމުގެ 85 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު ޓްރެސަލް ބްރިޖްގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލޭކޮޅުގައި ކުރާ މަސައްކަތް ޝެޑިއުލަށް ވުރެ ބާރަށް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ވަރަށް ބާރަށް ކުރިއަށް ދިޔަ ބްރިޖްގެ ތަނބުތައް ޖެހުމުގެ މަސައްކަތް މަޑުޖެހުނު ސަބަބެއް ކަމަށް ބައެއް މީހުން ބުނަނީ، ބްރިޖްގެ ތަނބުތައް ޖަހަން ހަވާލުކޮށްފައިވާ ޖަރުމަނުގެ ކުންފުންޏަށް ފައިސާ ދިނުމުގައި މައްސަލަތަކެއް ކުރިމަތިވުމެވެ. އަދި ބްރިޖް އެޅުމަށްޓަކައި ކުރި ސާވޭ އިން ދެއްކި ގޮތާ ހިލާފަށް ބައެއް ކަންކަން ކުރިމަތިވެފައިވާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ. އެކަމަކު މި ދެ ވާހަކަ އާއި ކުރިން ލަފާކުރިވަރަށް ވުރެ ބްރިޖްގެ އަގު ބޮޑުވާނެ ކަމަށް ދައްކާ ވާހަކަ ވެސް މުއިއްޒު ދޮގުކުރެއްވި އެވެ.

"ވަރަށް ރަނގަޅަށް ބްރިޖްގެ މަސައްކަތް ކުރިއަށް އެބަދޭ. މިހާރު ހަ ތަނބު ޖެހިއްޖެ އިތުރު 26 ތަނބު ޖަހާނެ،" މުއިއްޒު ވިދާޅުވި އެވެ. "ފައިސާގެ މައްސަލަތައް އުޅޭ ކަމަށް ދައްކާ ވާހަކަތަކުގައި ވެސް ހަގީގަތެއް ނެތް."

މުއިއްޒު ވިދާޅުވީ މި މަޝްރޫއުގައި ފުރަތަމަ ފައިސާ ދައްކަން ޖެހެނީ އެއްބަސްވުމުގައިވާ ގޮތުން ދިވެހި ސަރުކާރުންނެވެ. އެ ފައިސާ ސީސީސީސީ ކުންފުންޏަށް ދައްކައި ހަލާސްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބްރިޖް މަޝްރޫ އަކީ ދެ ގައުމުގެ ސަރުކާރުން ވެސް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދޭ މަސައްކަތެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ވެސް ބްރިޖް މަސައްކަތަކީ ޗައިނާ އިން އެންމެ އިސްކަންދޭ މަޝްރޫ ކަމަށެވެ. ސަރުކާރުގެ އިސްވެރިން، ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުވާ ކޮންމެ ފަހަރަކު ވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަމުގެ ޔަގީންކަން ދެއްވަ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ބްރިޖް ނިންމަން ސީސީސީސީން އެއްބަސްވެފައި ވަނީ 2018ގެ ސެޕްޓެމްބަރަށެވެ. އެކަމަކު އޭގެ ދެ މަސްކުރިން ޖުލައި 26 އަށް ބްރިޖް ނިންމާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.

ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖް އަޅަން ގާތްގަނޑަކަށް 220 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދެނީ ޗައިނާ ސަރުކާރުންނެވެ.

އަނެއް ބައި ލޯނެއްގެ ގޮތުގައި ދޭ އިރު ދިވެހި ސަރުކާރުން ވެސް އެ މަޝްރޫއުއަށް ހޭދަކުރެ އެވެ.