ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ނުކުރެވޭ އިސްލާހު ތަސްދީގު ކުރައްވައިފި

ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.


ގާނޫނުއަސާސީ ފުރަތަމަ އެކުލަވައިލިއިރު ވެސް އޮތީ ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކު ނުކުރެވޭ ގޮތަށެވެ. އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށް، ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.

އެ އިސްލާހު އުވާލައި، ކުރިން ވެސް އޮތްގޮތަށް ބޭރުގެ ފަރާތްތަކަށް ބިން މިލްކު ނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން މަޖިލީހުން މި މަހު ފާސްކުރި ބިލް ރައީސް ތަސްދީގު ކުރެއްވީ މިއަދެވެ.

އެ އިސްލާހު ތަސްދީގު ކުރެއްވުމާ އެކު، ރާއްޖޭގެ ބިމެއް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ނުވުމުގެ އިތުރުން، ބޭރުގެ ފަރާތަކަށް ރާއްޖޭގެ ބިމެއް ކުއްޔަށް ނުވަތަ އެ ނޫން ވެސް ބޭނުމަކަށް ދެވޭނީ ކުރިން ވެސް ގާނޫނުއަސާސީގައި އޮންނަ ގޮތަށް، އެންމެ ގިނަވެގެން 99 އަހަރަށެވެ.

ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް އިސްލާހު ގެނައީ އެގޮތަށް ވިއްކާ ބިންތަކުގައި އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގަން ލާޒިމްވާ ގޮތަށް ގާނޫނުއަސާސީ އަށް ބާބެއް ވެސް އިތުރު ކުރުމަށް ފަހު އެވެ. އެކަމަކު ރައީސް މިއަދު ތަސްދީގު ކުރެއްވި އިސްލާހުގެ ދަށުން އެ ބާބު ވެސް މިހާރު ވަނީ އުވިފަ އެވެ.

ބިދޭސީންނަށް ބިން މިލްކު ކުރެވޭ އިިސްލާހު އުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ވައުދެކެވެ. ޔާމީންގެ ސަރުކާރުގައި އެ އިސްލާހު އެގޮތަށް ގެނައީ އޭރު އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ހިމެނޭ ގޮތަށް، 70 މެމްބަރުންގެ ވޯޓުންނެވެ.