އެމްއެމްޕީއާސީގެ 3 ބިލިއަން ރުފިޔާގެ މާލީ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރެއް ނުވޭ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން 2015 ގައި ކުރި މުއާމަލާތްތަކުގައި ހިމެނޭ 3 ބިލިއަން ރުފިޔާއަކީ ސައްހަ އަދަދުކަން ކަށަވަރު ނުވާ ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.


ތިން އަހަރަށް ފަހު ނެރުނު މާލީ ރިޕޯޓްގައި ވާ ގޮތުން އެމްއެމްޕީއާރުސީން 2015 ގައި ކުރި މުއާމަލާތްތަކުން އެ ކުންފުންޏަށް ލިބެން ޖެހޭ، އެ ކުންފުނިން އެހެން ފަރާތްތަކަށް ދައްކަން ޖެހޭ އަދި އެކައުންޓްތަކުގައި ހުރި ފައިސާގެ މިންވަރު ވެސް އެއީ ކަށަވަރު އަދަދުކަން ޔަގީނެއް ނުކުރެވެ އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެމްއެމްޕީއާރުސީން ޓޫރިޒަމްގެ ތަރައްގީއަށް ދޫކުރި ރަށްރަށާއި ފަޅުތަކުން ދައުލަތަށް ލިބެން ޖެހޭ 1.3 ބިލިއަން ރުފިޔާ، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަން، އޮޑިޓް އޮފީހާއި އޭސީސީން ކުރި ތަހުގީގުތަކުން ސާބިތުވެފައިވެ އެވެ. އެމްއެމްޕީއާރުސީގެ އެ ހިޔާނާތާ ބެހޭ ހާއްސަ އޮޑިޓް ރިޕޯޓެއް 2015 އަދި އޭސީސީން ހިންގި ހާއްސަ ތަހުގީގުގެ ނިންމުން މިދިއަ ފެބްރުއަރީ މަހު އާންމުކުރި އެވެ.

ހިޔާނާތް ފަޅާއެރި އަހަރުގެ މާލީ ރިޕޯޓް ނެރުން އެހާ ލަސްވީ ކީއްވެގެންކަމެއް ނޭނގެ އެވެ.

އެ ރިޕޯޓްގައި އެމްއެމްޕީއާރުސީން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއަށް ދޭން ޖެހޭ 1.5 ބިލިއަން ރުފިޔާއެއްގެ ވާހަކަ ވެސް އޮތެވެ. އެކަމަކު އެއީ ވެސް ކަށަވަރު އަދަދުކަން ޔަގީންކުރެވިފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި އެއީ ރަށްރަށާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެވެ.

ނަގުދު ފައިސާގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދައްކާފައިވާ 166 މިލިއަން ރުފިޔާގެ ސައްހަކަން ވެސް ކަށަވަރު ނުވާ ކަމަށް މާލީ ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ކުންފުނިން ނަގުދު ފައިސާގެ މުއާމަލާތްތައް ހިންގި އިރު އެކަންކަން މޮނީޓަކުރުމުގެ ފުރުސަތު އޮޑިޓް އޮފީހަށް ލިބިފައެއް ނުވެ އެވެ.

އެމްއެމްޕީއާރުސީގެ އެކައުންޓްތަކުގައި 2015 ވަނަ އަހަރު 57 މިލިއަން ރުފިޔާ ހުރި ކަމަށް ވިޔަސް އެއީ ވެސް އަސްލު ހުންނަން ޖެހޭ އަދަދުކަން ކަށަވަރުވެފައެއް ނުވެ އެވެ.

އެ އަހަރުގެ އާމްދަނީގެ ގޮތުގައި ލިބުނު ކަމަށް ދައްކަނީ 96 މިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ކޯސްޓް އޮފް ސޭލުގެ ގޮތުގައި 70 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެ އެވެ. ނަމަވެސް އެއީ ވެސް ކަށަވަރު އަދަދުތައް ނޫން ކަމަށް، މާލީ ރިޕޯޓުން ދޭހަވެ އެވެ.

އޮޑިޓް އޮފީހުން ބުނީ ރިޕޯޓަށް ބޭނުންވާ އެންމެ ފުރިހަމަ މައުލޫމާތު އެމްއެމްޕީއާރްސީން ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެންމެ ފުރިހަމައަށް މާލީ ހާލަތު އޮޑިޓް ކުރެވިފައި ނުވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި އޭރު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ ދިގު މުއްދަތުގެ ޖަލު ހުކުމް އައިސްފަ އެވެ.