ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދަން ގޮވާލި ހިނގާލުމުގައި ރައީސް

ބްލޮގަރު ޔާމީން ރަޝީދުގެ މަރަށް ދެ އަހަރު ފުރުމާ ގުޅިގެން އޭނާ އަށް އިންސާފު ހޯދަން ގޮވާލާ މިއަދު ބޭއްވި ހިނގާލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގެންފި އެވެ.


އަނިޔާވެރި ގޮތަކަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި ޔާމީންގެ މަރަށް ދެ އަހަރު ފުރުމާ ގުޅިގެން މިއަދު ހަވީރު ރަސްފަންނު ސަރަހައްދުން ފެށިގެން މަޖީދީމަގުން އާޓިފިޝަލް ބީޗާ ހަމައަށް ކުރިއަށް ގެންދިޔަ އެ ހިނގާލުން ފެށުނީއްސުރެން ނިމެންދެން ރައީސް ބައިވެރިވެ ވަޑައިގަތެވެ.

ރައީސާ އެކު ޔާމީން ރަޝީދުގެ އާއިލާ އާއި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާގެ މެމްބަރުން ވެސް ބައިވެރިވި އެވެ.

ހިނގާލުމުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ -- މިހާރު ފޮޓޯ/ނިޝާން އަލީ

ރައީސްގެ އިތުރުން ބައެއް ވަޒީރުންނާއި އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުން ވެސް އެ ހިނގާލުމުގައި ބައިވެރިވެ ވަޑައިގަތެވެ.

އެ ހިނގާލުމުގައި ރައީސް ބައިވެރިވެ ވަޑައިގަތްއިރު، ޔާމީން ރަޝީދާއި ރިލްވާންގެ މައްސަލާގައި "ދުލެއް ނުކުރާނަން" ކަމަށް ވިދާޅުވެ، ރައީސް މިއަދު ވަނީ ޓްވީޓް ވެސް ކުރައްވައިފަ އެވެ.

ޔާމީންގެ މަރާ ގުޅިގެން ހަތް މީހެއްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ. ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ދެ މީހެއްގެ މައްޗަށް ދައުވާ ކުރިޔަސް، އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ. އެހެންވެ، މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން އޮތީ ނިންމައިފަ އެވެ.