ލަންކާގައި ދިން ހަމަލާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ދަނީ ބަލަމުން: ރައީސް

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ރާއްޖޭގައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ލަންކާގައި ދިން ހަމަލާތަކުގައި ކުށެއް ނެތް ބަޔަކު މަރާލުމަކީ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް ބަޔަކު ހިންގި ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެ ހަމަލާއަކީ ލަންކާގައި ދިން ހަމަލާއެއް ކަމަށްވިޔަސް، އޭގެ ނުރައްކާ މި ސަރަހައްދަށް ވެސް އެބައޮތް ކަމަށާއި އެހެންވެ، އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ނުރައްކާތެރި ހަމަލާއާ ގުޅިގެން ގައުމީ ދިފާއީ ބާރާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ދިވެހި ފުލުހުން ގުޅިގެން މިހާރުގެ ސަލާމަތީ ހާލަތު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، މަސައްކަތް މި އަންނަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. --މިހާރު ފޮޓޯ: ނިޝާން އަލީ

ސިފައިންނަކީ ގައުމުގެ ސަލާމަތަށްޓަކައި ކުރިން ވެސް މުހިންމު ގުރުބާނީތަކެއް ވެފައިވާ ބައެއް ކަން ތާރީޚުން ފެންނަން އޮތް ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެ ހަގީގަތް ދުވަހަކު ވެސް ބަދަލު ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތް ކަށަވަރު ކުރުމުގައި ސިފައިންގެ ސަފުތައް އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިރޭ ވެސް ޔަގީންކޮށް އަރުވާނީ ރާއްޖޭގެ މިނިވަންކަމާއި ރައްޔިތުންގެ ހިމާޔަތަށް ރުކުރުވާލާފައި މިވާ ސަފުތަކުގެ ބަދަހިކަން ދިވެހި ސިފައިންގެ އެންމެ ފަހު މީހާގެ އެންމެ ފަހު ނޭވާއާ ހަމައަށް ވެސް ކުޑަ ވެސް ލޮޅުމެއް ނާރާނެ ކަން،" ރައީސް ވިދާޅުވި އެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ސިފައިން. --މިހާރު ފޮޓޯ: ނިޝާން އަލީ

އިންސާފު ގާއިމް ކުރުމަކީ މި ސަރުކާރުގެ އަމާޒުކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ސިފައިންގެ ތެރޭގައި ވެސް އެންމެންނާ މެދު އަމަލު ކުރެވެނީ އިންސާފުން ކަން ކަށަވަރު ކުރުމަށްޓަކައި ލިޔެފައިވާ ޑޮކްޓްރިންއެއްގެ މުހިންމު ކަން ވަރަށް ބޮޑު ކަމަށެވެ. އަދި މިރޭގެ ރަސްމިއްޔާތުގައި ނެރުނު ސިފައިންގެ ޑޮކްޓްރިންގެ ސަބަބުން އެކަންކަމަށް ވެސް މަގުފަހިވެ، ސިފައިންގެ ބާރުތައް އަލުން ތަރުތީބުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ސަބަބުން ސިފައިންނަކީ ހުރިހާ ހާލަތަކަށް ވެސް ތައްޔާރު ވެފައިވާ ހުނަރުވެރި ބަޔަކަށް ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެ ޑޮކްޓްރިން ގެނެސްދޭ ބަދަލުތަކާ އެކު ދިވެހިރާއްޖޭގެ ގައުމީ ދިފާއު ބާރު ވާނީ އަސްކަރިއްޔާއެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ ހުނަރާއި ތަމްރީން ލިބިފައިވާ އަދި ވަސީލަތްތަކުގެ ގޮތުން ވެސް ގާބިލްކަން ލިިބިފައިވާ ލަޝްކަރަކަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ސިފައިންގެ މީހަކަށް ޑިފެންސް މިނިސްޓަރު މާރިޔާ (ކ) ހަނދާނީ ލިޔުމެއް އަރުވަނީ. --މިހާރު ފޮޓޯ: ނިޝާން އަލީ

ރައީސް ވިދާޅުވި ގޮތުގައި ސިފައިންނަކީ އިލްމީ ގޮތުންނާއި ސިއްހީ ގޮތުން ވެސް ފުރިހަމަ ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. ސިފައިންގެ އަސްކަރީ މަސައްކަތްތަކުގެ އިތުރުން މަދަނީ ޚިދުމަތުގެ ދާއިރާއިން ވެސް ސިފައިންގެ އެހީތެރިކަން ގައުމަށް ލިބެމުން ދާއިރު، ސަރުކާރުގެ ލާމަރުކަޒީ ނިޒާމުގެ ސިޔާސަތުގެ ތެރެއިން ސިފައިންގެ ޚިދުމަތްތައް ވެސް އަތޮޅު ތެރޭގައި އިތުރު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު ގާއިމްކޮށްފައި ހުރި އޭރިޔާ ކޮމާންޑްތަކުގެ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދިނުމަށްޓަކައި ކޯސްޓްގާޑާއި ފަޔާގެ ޚިދުމަތް ހިމެނޭ ގޮތުން އިތުރު އައުޓް ޕޯސްޓްތައް ގާއިމް ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ސިފައިންގެ މީހަކަށް ރައީސް އައްޑަނަ ހަވާލުކޮށްދެއްވަނީ. --މިހާރު ފޮޓޯ: ނިޝާން އަލީ

ސިފައިންނަކީ ރައްޔިތުންނަށްޓަކައި ގުރުބާނީތަކެއް ވަމުން އަންނަ ބައެއް ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ސިފައިން އާއިލާ އާއި ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހޭދަ ކުރަން ޖެހޭއިރު ސިފައިންނާއި އާއިލާތަކުގެ ސިއްހީ ކަންކަން ރަނގަޅު ކުރުމާ އެކު ސިފައިންނަށް ލިބޭ އެކި އިނާޔަތްތައް ރަނގަޅު ކުރަންޖެހޭ ކަމަށެވެ. އަދި ސެނަހިޔާ ވެސް ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށާއި ކުރިއަށް އޮތް ދެ މަސް ތެރޭގައި ހޮސްޕިޓަލަށް އެތަން ބަދަލު ކުރެވި، އޭގެ ފައިދާ ލިބެން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސިފައިންނަށް ދެމުން އައި ޗުއްޓީ އާއި އެލަވަންސްތައް މިހާރު ވާނީ އިތުރަށް ރަނގަޅު ކުރެވިފައި. އަދި ސިފައިންނަށް ދެވޭ އިނާޔަތްތައް ވެސް އިތުރަށް ރަނގަޅު ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވާހަކަ ދައްކަވަނީ. --މިހާރު ފޮޓޯ: ނިޝާން އަލީ

އާންމު ރައްޔިތުންނެކޭ އެއްގޮތަށް ސިފައިންނަށް ވެސް އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސިފްކޯ ފްލެޓްތަކުގެ މަސައްކަތް ވެސް މި އަހަރު ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެކަމަށް ބޭނުންވާ ބަޖެޓް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.