ޕީއެންސީގެ ރައީސަކަށް އަބްދުއްރަހީމް، ނައިބުންގެ ވާދަވެރިކަން ބޮޑު!

ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް ކަމަށް އެ ޕާޓީގެ ވަގުތީ ރައީސް ކަމުގައި ހުންނެވި އަބްދުއްރަހީމް އަދި ނައިބު ރައީސުންގެ ގޮތުގައި ހަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.


ނައިބު ރައީސުންނަށް ކުރިމަތިލެއްވީ އެނގިފައިވާ ގޮތުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޕީއެންސީއާ އަލަށް ގުޅިވަޑައިގަތް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާނާއި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ.

ޕީޕީއެމްގައި އުފެދުނު ގާނޫނީ މައްސަލަތަކާ ހެދި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕާޓީގެ ވަގުތީ ނައިބުންގެ ގޮތުގައި މިހާރު ތިއްބެވީ އާއްމު އިންތިޚާބުގައި މާވަށު ދާއިރާ އަށް ހޮވިވަޑައިގެންނެވި ސައީދުގެ އިތުރުން މަޑުއްވަރީ ދާއިރާ އަށް އިންތިޚާބުވި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

ނައިބު ރައީސަކަށް އާދަމް ޝަރީފް ކުރިމައްޗެއް ނުލައްވަ އެވެ.

ޕީއެންސީގެ ނައިބު ރައީސުންގެ މަގާމުގެ ވާދަވެރިކަން ބޮޑުވެފައިވިޔަސް އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީގައި ތިއްބަވާނީ ދެ ނައިބުންނެވެ.

އޭގެއިތުރުން މަޝްވަރާ މަޖިލީސް ނުވަތަ ކައުންސިލަށް 20 މެމްބަރުން އަންނަ ހުކުރުދުވަހު ބާއްވާ ކޮންގްރެސްގައި ހޮވާނެ އެވެ. އިސްތިއުނާފް ކޮމިޓީ އަށް ތިން މެމްބަރުންނާއި އިންތިޚާބުތަކާ ބެހޭ ކޮމިޓީ އަށް ފަސް މެމްބަރުން ހޮވާނެ އެވެ.

ޖެނުއަރީ، 31، 2018 ގައި އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ކުރި ޕާޓީގެ ކޮންގްރެސް މި މަސް ނިމުމުގެ ކުރިން ބާއްވަން ޖެހެ އެވެ. ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި ވާ ގޮތުން، ޕާޓީއެއް ރަޖިސްޓަރީ ކުރާތާ ލަސްވެގެން ތިން މަސް ތެރޭގައި ދާއިމީ މަގާމުތަކަށް މެމްބަރުން އައްޔަން ކުރަން ޖެހޭނެ އެވެ. އަދި ނުވަ މަސް ތެރޭގައި ކޮންގްރެސް ބާއްވަން ޖެހެ އެވެ.

ޕީޕީއެމް، ދެ ފަޅިކޮށް ޕީއެންސީ އުފެއްދީ، ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތަކާ ހެދި ޕާޓީގެ ކުރިމަގަށް ހިޔަނިއެޅުމުންނެވެ. އެ ޕާޓީގައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި އާއްމު މެމްބަރުންނަށް ޕްލެޓްފޯމެއް ހޯދައިދޭން އުފެއްދި ޕީއެންސީން މިހާރު ވަނީ ޕީޕީއެމާ އެކު ކޯލިޝަން ހަދައިފަ އެވެ.

ޕީޕީއެމް ހިންގުމަށް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަދިވެސް ޝައުގުވެރިވެވަޑައިގަންނަވާ އިރު، ގާނޫނީ އިމުގެ ތެރެއިން ޕީޕީއެމް އެމަނިކުފާނާ ހަވާލުކޮށްދެއްވާނެ ކަމުގެ ވައުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވެވަޑައިގެންފަ އެވެ.