ސިފައިން، ސިޔާސީ ގޮތުން މަގާމުން ވަކިކުރަން ފުރުސަތެއް ދެން ނުދޭނަން: މާރިޔާ

ސިފައިން، ސިޔާސީ ބޭނުމަށް ވަޒީފާ އިން ވަކި ނުކުރެވޭނެ ކަމުގެ ޔަގީންކަން ހޯއްދައި ދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ.


ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ، އޭނާ އެ މަގާމާ ހަވާލުވުމަށް ފަހު، ސިފައިންގެ ކަންކަން ބެއްލެވިއިރު، އެތަނުގެ ކަންކަން އޮތީ ދެރަވާ ފަދަ ހާލަތެއްގައި ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ ބޭނުމަށްޓަކައި ސިފައިން ވަރަށް ބޮޑަށް ބޭނުން ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން، ސިފައިންގެ އެތައް ބަޔަކު ސިޔާސީ ބޭނުމަށްޓަކައި ވަޒީފާ އިން ވަކިކޮށް ނުވަތަ އެހެން ތަންތަނަށް ބަދަލު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެކަންކަމާ މެދު ޝަކުވާ ކުރާނެ ނިޒާމުތަކެއް ނެތި، ވަޒީފާގެ ޔަގީންކަން ސިފައިންނަށް އޭރު ގެއްލިފައިވާ ކަމަށާއި އެކަމަކު އެ ކަންކަމަށް ދެން ފުރުސަތު ނުލިބޭ ގޮތަށް ކަންކަން އިންތިޒާމު ކުރަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި ގެންދަނީ މި ކަންކަމުގައި ވެސް ރަނގަޅު އުސޫލުތަކެއް ކަނޑައަޅައި، ލިޔެ ތަރުތީބު ކުރަމުން. ޝަކުވާ ބެލޭނެ ނިޒާމެއްގެ އޮނިގަނޑު ތައްޔާރުކޮށް، ރަނގަޅު މެކޭނިޒަމެއް ތައާރަފު ކުރަމުން. ބޭނުމަކީ ބޮޑުން ހިތު ހުރިހާ ގޮތަކަށް، އެތައް ޒަމާނެއް ވަންދެން ރެއާއި ދުވާލު ސިފައިންގެ ޚިދުމަތުގައި އުޅުއްވާފައިވާ ސިފައިން ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާ އިން ވަކިކުރުމުގެ ފުރުސަތު ނުދިނުން،" ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އަމާޒަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އަދި ޕްރޮފެޝަނަލް ކަމާއި ހުނަރުވެރިކަމާ އެކު މަސައްކަތްކުރާ ވަރުގަދަ ފައުޖެއްގެ ގޮތުގައި ސިފައިން ހެދުމެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވޭނީ ސިފައިންގެ އިއްޒަތާއި ކަރާމާތް އަނބުރާ ގެނެސް، ސިފައިންގެ ދައުރު ފުރިހަމައަށް އަދާކުރެވޭ ބަޔަކަށް ހަދައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ ރޭގެ ހަފުލާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އަސްކަރިއްޔާ އަކީ ފައިޓިން ފިޓު، މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާކުރާ އަދި ޖަވާބުދާރީވާ އަސްކަރީ ފައުޖަކަށް ހެދުމަށް،" ދިވެހި އަސްކަރިއްޔާގެ ތަސައްވުރާ ގުޅޭ ގޮތުން މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުގައި ސިފައިންގެ ކަންކަން ހަރުދަނާ ކުރަން މަސައްކަތްތަކެއް ކުރި ކަމަށް ވިދާޅުވެވެން ނެތް ކަމަށާއި ސިފައިންގެ ވަސީލަތްތަކާއި ގިނަ އާލާތްތައް ވެސް ހުރީ މަރާމާތު ކުރަން ޖެހިފައި ކަމަށެވެ. އެގޮތުން، ކޯސްޓްގާޑުގެ ގިނަ އުޅަނދުތައް ވެސް ހުރީ މަރާމާތު ކުރަން ޖެހިިފައި ކަމަށް މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސިފައިންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކުރީގެ ސަރުކާރުން ފެށި ސިފްކޯ ފްލެޓްތަކުގެ މަޝްރޫއު ވެސް އެ ސަރުކާރުގައި ވީ ސިފައިން މާޔޫސް ކުރުވި ކަމަކަށެވެ. އެ ފްލެޓަށް ވަނުމަށްޓަކައި ސިފައިން ރައްކާކުރި ހުރިހާ ފައިސާތައް ދައްކައި، އަދި ބައެއް މީހުން ލޯނު ނަގައިގެން ވެސް ޑިޕޮސިޓު ފައިސާ ދެއްކިއިރު އެ ފްލެޓްތަކަށް ވެސް ނުވަދެވި އަދި ސިފައިން ތިބީ ދަރަނިވެރިވެފައި ކަމަށް މާރިޔާ ވިދާޅުވި އެވެ.

ރޭގެ ހަފުލާގައި ބައިވެރިވި ބައެއް ސިފައިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އެ ކުދިން ތަހައްމަލު ކުރަމުންދިޔަ ދަތިތަކަށް މާ ބޮޑު އަޅާލުމެއް ނެތް. އަޅުގަނޑު މިއަދު އުފަލާ އެކު ފާހަގަ ކުރަން ރައީސް ސޯލިހްގެ ސަރުކާރުން ގެންދަވަނީ ސިފްކޯ ހިޔާ ފްލެޓްތައް އެޅުމުގެ މަސަައްކަތް ބާރަށް ކުރަމުން،" ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ވެލްފެއާގެ ކަންކަން ވެސް އިތުރަށް ހަރުދަނާ ކުރުމުގެ ވިސްނުންތަކެއް ސަރުކާރުގައި އެބަހުއްޓެވެ. އޭގެ ބައެއް މަސައްކަތްތައް މިހާރު ވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.