ސުއޫދު ވާހަކަ ދެއްކީ ތެދުނިޔަތުގައި، ހާޒިރުކުރީ ބިރުދައްކަން: އެމްޑީޕީ

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނެގީ، ފަނޑިޔާރުގެ އިސްލާހުކުރަން ވާހަކަ ދައްކާ ފަރާތްތަކަށް ބިރު ދައްކަން ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.


ސުޕްރީމް ކޯޓަށް މިއަދު ސުއޫދު ހާޒިރުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޓީވީ ޕްރޮގްރާމްގައި ސުއޫދު ދެއްކެވީ ފަނޑިޔާރުގެއިން އިންސާފު ނުލިބޭތީ ރާއްޖޭގެ ގިނަ މީހުންނާއި ބޭރުގެ ފަރާތްތަކުން ވެސް ދައްކާ ވާހަކަތައް ކަމަށެވެ. އަދި އެ ވާހަކަތައް އޭނާ ދެއްކެވީ، ފަނޑިޔާރުގޭގައި ހުރި މައްސަލަތަކާއި ސާބިތުވާން ހުރި މައްސަލަތަކުގެ މައްޗަށް ތެދުނިޔަތުގައި ކަމަށް ބުންޏެވެ.

އެހެންވެ. ގާނޫނު އަސާސީގައި ކުށެއް ކަމަށް ބަޔާން ނުވާ ކަންކަމުގައި ސުޕްރީމް ކޯޓަށް ހާޒިރުކޮށް މައްސަލަ ބަލަން ފެށުމަކީ، ފަނޑިޔާރުގެ އިސްލާހު ކުރަން ވާހަކަ ދައްކާ ފަރާތްތަކަށް ބިރު ދެއްކުމަށް ކުރި ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ގެ ޕްރޮގްރާމްގައި ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރު ނެތް ކަމަށާއި އެ ހުރިހާ ބޭފުޅުން މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީން ބުނިގޮތުގައި ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމާއި ފަނޑިޔާރުގެއާ މެދު ކަންބޮޑުވުން ފާޅުކޮށް، ގިނަ ދިވެހިންނާއި ބޭރުގެ ފަރާތްތަކުން ދަނީ އެތަން އިސްލާހު ކުރުމަށް ގޮވާލަމުންނެވެ. އެގޮތުން ފަނޑިޔާރުންނާއި ވަކީލުންނާ ބެހޭ އދ. ގެ ހާއްސަ މުޝީރު ވެސް ރާއްޖެ ވަޑައިގެން، ވަކީލުން ސަސްޕެންޑް ކުރާ މައްސަލަ އާއި ޝަރުއީ ނިޒާމު އޮތްގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ސުއޫދު މިއަދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން އަންނަ ޑީޖޭއޭ އަށް އޭނާ ހާޒިރުކޮށް، އެ ވާހަކަތައް ދެއްކެވީ ކޮން މަގުސަދެއް ހާސިލް ކުރަންތޯ އެތަނުން އެއްސެވެ. އޭނާއާ ސުވާލު ކުރެއްވީ ޑީޖޭއޭ އާއި ސުޕްރީމް ކޯޓުގެ އިސް ބައެއް ބޭފުޅުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން މަގުސަދެއް ނެތޭ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ބޭނުންކުރީ. އެއީ އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ދެއްކި ވާހަކައެއް ކަން ފާހަގަކުރީ،" ސުއޫދު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ޝަރުއީ ދާއިރާގެ އެކި ކަންކަމަށް ފާޑު ވިދާޅުވެގެން ސުއޫދާއި އެހެން ބައެއް ވަކީލުން ސުޕްރީމް ކޯޓުން ވަނީ ސަސްޕެންޑްކޮށް، އެ ވަކީލުންގެ މައްސަލަ ބަލައިފަ އެވެ. އެކަމަކު، ފަހުން، އެ ހުރިހާ ވަކީލުންނަށް ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ވަނީ ދީފަ އެވެ. އެކަމަކު ސުއޫދު އަދިވެސް ހުންނެވީ ސަސްޕެންޝަނުގަ އެވެ.