ބޭރުން ދެވޭނެ ފަރުވާއެއް ނެތިގެން އަޒްމީ ރާއްޖެ ގެންނަނީ

ރާއްޖޭން ބޭރުން ދެވޭނެ އިތުރު ފަރުވާއެއް ނެތިގެން، މުސްތަފާ އަޒްމީ ރާއްޖެ ގެންނަން ނިންމައިފި އެވެ.


މުހައްމަދު ޖަމީލް މިސްކިތުގެ މަސައްކަތެއްގައި އުޅެނިކޮށް އެތަނުގެ ދެ ވަނަ ބުރިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެއްޓި އަޒްމީގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު އޭނާ ރަނގަޅުވާނެ ކަމުގެ އުއްމީދު ވަނީ ކަނޑާލައިފަ އެވެ. ނަމަވެސް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދެވޭނެ އިތުރު ފަރުވާއެއް އޮތްތޯ ބެލުމަށް އާއިލާއިން އޭނާ ގެންދިޔައީ އިންޑިއާގެ ބެންގަލޫރަށެވެ.

އެނގިފައިވާގޮތުގައި، އެސްޓީއޯގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ (އައިޓީ) ޑިޕާޓްމަންޓުގެ ހެޑަކަށް މަސައްކަތްކުރައްވާ އަޒްމީ އަށް ދެވޭނެ އިތުރު ފަރުުވާއެއް ނެތިގެން އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ވެއްޓުނު އިރު މޭގެ ތިން ކަށިގަނޑެއް ބިންދައިގެން ގޮސް ފުއްޕާމެ އަށް ހެރުމުގެ ސަބަބުން އޭނާގެ ލޭގެ ޕްރެޝަރު ހިފެހެއްޓުމުގައި ދަތިތަކެއް ދިމާވެފައި ވެ އެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނީގައި މަސައްކަތްކުރައްވާތާ 25 އަހަރުވެފައިވާ އަޒްމީއަކީ އަތްތެރި މަސައްކަތަށް ވެސް ކުޅަދާނަ ބޭފުޅެކެވެ. އޭނާ ވެއްޓުނީ ވެސް ލަކުޑީގެ މަސައްކަތެއްގައި އުޅުއްވަނިކޮށެވެ.