ދެހިވަލަ ހޮޓަލުގައި ބޮން ގޮއްވާލި މީހާގެ އަސްލު އަމާޒަކީ ތާޖު ހޮޓެލް

ކޮލަމްބޯގެ ދެހިވަލަ ޒޫ ކައިރީގައި ހުންނަ ކުޑަ ހޮޓަލްގައި މިދިއަ ހަފުތާގެ އާދިއްތަ ދުވަހު ބޮން ގޮއްވާލައި މުޅި ތަން ފުނޑުކޮށްލި މީހާގެ އަސްލު އަމާޒަކީ މަތީ ފެންވަރުގެ ހޮޓަލެއް ކަމަށްވާ ތާޖު ކަމަށް، ލަންކާގެ ރަސްމީ ފަރާތްތަކުން ބުނެފި އެވެ.


އެންމެ ފަސް ކޮޓަރި ހުންނަ ކުޑަކުޑަ ޓްރޮޕިކަލް އިން ހޮޓަލްގައި އަމިއްލައަށް މަރުވެގެން ބޮން ގޮއްވާލި އަބްދުއްލަތީފް ޖަމީލުގެ އިތުރުން ދެން މަރުވީ އެވަގުތު ހޮޓަލުގައި ތިބި ލަންކާގެ ދެމަފިރިއެކެވެ.

ޓްރޮޕިކަލް އިންގެ ފަރާތުން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނީ ބޮމުގެ ހަމަލާގައި ތަން އެކީގައި ހަލާކުވެފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ބައެއް ފަހަރަށް ދިވެހިން އެ ހޮޓަލުގައި ތިބެ އެވެ.

ޖަމީލްގެ ހަމަލާގައި މަރުވީ، އޭނާ ބުނި ގޮތުގައި، 23 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ.

"ދިވެހިން ވެސް މާ ގިނަ ދުވަހު އެތަނުގައި ނުތިބޭނެ. އެއީ އާދައިގެ ކުޑަ ހޮޓަލެއް،" އޭނާ ބުންޏެވެ.

ޓްރޮޕިކަލް އިން ކައިރީގައި ލަންކާ ފުލުހުން މަޑުކޮށްލައިގެން. މި ހޮޓަލުގައި ދިން ބޮމުގެ ހަމަލާގައި ލަންކާގެ ދެ މީހަކު ވަނީ މަރުވެފައި. --- ފޮޓޯ: ރޮއިޓާސް

އޭނާ ބުނީ ކޭންޑީ އަށް އުފަން ޖަމީލް ހޮޓަލުން ކޮޓަރިއެއް ހިފަން އައީ ބެކްޕެކެއް އަޅައިގެން ކަމަށެވެ. ކޮޓަރި އަށް ވަދެ ބެކްޕަކް ބާއްވާފައި ހެދުން ބަދަލުކޮށްގެން ހޮޓަލުން ބޭރަށް ގޮސް އެނބުރި އައީ ގާތްގަނޑަކަށް 15 މިނިޓެއްހާ އިރު ފަހުން ކަމަށް އޭނާ ބުންޏެވެ.

ދެން މާ ގިނައިރެއް ނުވެ މުޅި އިމާރާތް ފުނޑުވީ ބޮމުގެ ހަމަލާގަ އެވެ.

ދިވެހިން ވެސް އާންމުކޮށް އުޅޭ ސަރަހައްދެއްގައި ހުންނަ ހޮޓާ ޖެހޭނީ އަލުން އިމާރަތްކުރަން ކަމަށް، ހޮޓަލުގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޖަމީލް އުޅުނީ ތާޖް ހޮޓަލްގައި ބޮން ގޮއްވާލަން

އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އިން ތައުލީމް ހާސިލް ކުރި ޖަމީލް 37، އެންމެ ފުރަތަމަ މަސައްކަތް ކުރީ ޓްރޮޕިކަލް އިންއާ 10 ކިލޯމީޓަރު ދުރުގައި ހުންނަ ފަސް ތަރީގެ ތާޖް ހޮޓަލްގައި ބޮން ގޮއްވާލުމަށެވެ. ބެކްޕެކެއް އަޅައިގެން އެ ހޮޓަލްގެ ތެރެއަށް އޭނާ ވަން މަންޒަރު ބައެއް މީހުންނަށް ފެނިފައިވެ އެވެ.

"ލަންކާގައި ކުރި ދާހިލީ ހަނގުރާމައަށް ފަހު، ސެކިއުރިޓީ ވަރަށް ބޮޑަށް ދަށްކޮށްފައި އޮންނަނީ. އެމީހާ ވަދެގެން ދިޔައިއިރު، ބެކްޕެކެއް ބަލައި ފާހެއް ނުކުރޭ. އަހަރުމެންނަށް ނޭނގޭ އެމީހާ ކިހާ ވަގުތެއް އެތަނުގެ ތެރޭގައި ހޭދަކުރި ކަން. އެކަމަކު ބޮޑު ކަމަކުން ގެސްޓުން ސަލާމަތްވިކަން އެއީ ނަސީބެއް،" ފަސް ތަރީގެ ހޮޓަލްގެ އިސް ވެރިޔަކު، ނަން ނުޖަހާ ގޮތަށް، ރޮއިޓާސް އަށް ބުންޏެވެ.

ލަންކާގެ ހޮޓަލެއްގައި ބޮން ގޮއްވާލި ޖަމީލް.

ޖަމީލް ތާޖް ހޮޓަލަށް ވަދެގެން ދިޔައީ ހެނދުނުގެ ބުފޭ އަށް ވެއިޓަރުންނާއި ޝެފުން ތައްޔާރުވަމުން ދިޔަ ވަގުތުގަ އެ. އެހެންވެ، އޭނާ މަސައްކަތް ކުރީ އެ ގަޑީގައި ބޮން ގޮއްވާލަން ކަމަށް ބެލެވެ އެވެ. އެކަމަކު އޭނާ ނުކުތީ، ރަސްމީ ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި، ކޮންމެވެސް ކަމެއް ދިމާވެގެން ބޮން ގޮއްވޭ ގޮތް ނުވުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޓްރޮޕިކަލް އިން އިން ކޮޓަރިއެއް ހިފީ ބޮމަށް ވީ ގޮތެއް ބެލުމުގެ މަސައްކަތް ކުރާށެވެ. ބާރުގަދަ އަޑަކާ އެކު، އެ ބޮން ގޮވައި، ހޮޓާ ބިމާ ހަމަވީ، އެއް ބަޔަކު ލަފާކުރާ ގޮތުގައި، އެ ބޮމާ އޭނާ ކުޅެމުން ދަނިކޮށެވެ.

ޖަމީލްގެ ބައެއް ގާތް މީހުން ބުނި ގޮތުގައި އިނގިރޭސި ވިލާތުގައި ކިޔެވުމަށް ފަހު އެނބުރި ލަންކާ އަށް އައިއިރު، ޖަމީލަކީ އަހުލާގު ރަނގަޅު މީހެކެވެ. އެކަމަކު، އޮސްޓްރޭލިއާގައި ކިޔެވުމަށް ފަހު ގައުމަށް އައި އިރު، "ހަރުކަށި ފިކުރު"ގެ ވިސްނުންތަކެއް ގެންގުޅެމުން ދިޔަ ކަމަށް އެމީހުން ބުންޏެވެ.

"އޭނާ ވަރަށް ރުޅި އަންނާނެ އެމެރިކާ ދެކެ. އެއީ އެމެރިކާ އިން އިރާގުގައި ދިން ހަމަލަތަކާ ގުޅިގެން. އޭނާ ހައްދުފަހަނައަޅައި ދިޔައީ އޮސްޓްރޭލިއާގައި ހުއްޓައި. އެނބުރި ގައުމަށް އައީ ވަރަށް ބޮޑަށް ބަދަލުވެގެން،" ޖަމީލްގެ ގާތް މީހަކު ރޮއިޓާސް އަށް ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.

ޖަމީލް 2014 ގައި ސީރިއާ އަށް ދާން ވެސް މަސައްކަތް ކުރި ކަމަށް ލަންކާގެ އިންޓަލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށްވެ އެވެ. އެކަމަކު އޭނާ އަށް ދެވުނީ ތުރުކީއާ ހަމައަށް ކަމަށާއި ކޮންމެވެސް ސަބަބަކާ ހުރެ އަނބުރާ ލަންކާ އަށް އަންނަން ޖެހުނީ ކަމަށް އޭނާގެ ގާތް މީހުން ބުނެ އެވެ.