ލަންކާގައި އުޅޭ ދިވެހިން ބޭރަށް ނުކުމެ ފޮޓޯ ނުނަގަން އިލްތިމާސްކޮށްފި

ބޮން ގޮއްވާލައި ސްރީ ލަންކާގައި ދިން ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަނާ ގުޅުން ހުރި ކަންކަން ބެލުމަށް މަގުމައްޗަށް ނުކުމެ، ފޮޓޯ ނެގުން ފަދަ ކަންކަން ނުކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.


އެ މިނސިްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ، ފޮރިން މިނިސްޓްރީ އާއި ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އެދެނީ ކާފިއުގެ ވަގުތުގައި ދިވެހިން އެއްގޮތަކަށް ވެސް ބޭރަށް ނުނިކުތުމަށް ކަމަށެވެ. އަދި އެ ނޫން ވަގުތުތަކުގައި ވެސް ޒަރޫޒީ ބޭނުމެއް ނެތި މަގުތަކަށް ނުނިކުތުމަށް ފޮރިން މިނިސްޓްރީން އެދެ އެވެ.

"ހާއްސަ ސަމާލުކަމެއް ދޭންވީ ބޭރުގައި އުޅޭ ވަގުތުތަކުގައި ފޮޓޯ ނުނަގަން" އޭނާ ވިދާޅުވި އެވެ.

ސްރީ ލަންކާގައި އާދިއްތަ ދުވަހު ބޮން ގޮއްވާލައި 200 އަށް ވުރެ ގިނަ މީހުން މަރުވި މައްސަލައިގައި އެ ގައުމުގެ ގެތައް ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ސަލާމަތީ ބާރުތަކުން ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ދިވެހިން އުޅޭ ގެތައް ވެސް ހިމެނެ އެވެ.

ލަންކާ ފުލުހުން ރޭ ބަޓިކަލޯލާގައި ހިިންގި އޮޕަރޭޝަނެއްގައި 15 މީހުން މަރުވި އިރު އޭގެ ތެރޭގައި ހަ ކުޑަކުދިންނާއި ތިން އަންހެނުން ހިމެނެ އެވެ. އެ މީހުން މަރުވީ ލަންކާ ފުލުހުންގެ ހަމަލާތަކުގައި ކަމެއް ނުވަތަ ހަނގުރާމަވެރިންގެ ހަމަލާގައި ކަމެއް އަދި ނޭނގެ އެވެެ.