މެމްބަރުންގެ އަދަދު ކަނޑައެޅުމުން ފައިސާ ދޫކުރަން ފޮނުވާނަން: އީސީ

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްދޭން އެދި ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކޮށް ނިމުމުން، ޕާޓީތަކަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީގައި އެދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.


ދައުލަތުގެ ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް ކަނޑައަޅާ ފައިސާ، ގާނޫނުގައިވާ ގޮތުން، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭންޖެހެ އެވެ. މި އަހަރުގެ ބަޖެޓުގައި ޕާޓީތަކަށް 25 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

މިދިޔަ އަހަރުގެ ބަޖެޓުގައި ޕާޓީތަކަށް ކަނޑައެޅީ 24 މިލިއަން ރުފިޔާ އެވެ. ޕީޕީއެމް ފިޔަވައި އެހެން ހުރިހާ ޕާޓީތަކަށް އެ ފައިސާ ވަނީ ދޫކޮށްފަ އެވެ. ޕީޕިއެމްގެ ފައިސާ ދޫނުކޮށް ހިފަހައްޓާފައި ވަނީ ފިނޭންސް މިނިސްޓްރީންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތޮފާ "މިހާރު" އަށް ވިދާޅުވީ މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ސިޔާސީ ޕާޓީތަކުން ގިނަ އަދަދެއްގެ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްދޭން ހުށަހަޅާފައިވާ އެ ފޯމުތައް ޕްރޮސެސްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އެއްފަހަރާ ވަރަށް ބައިވަރު ފޯމުތަކެއް ހުށަހެޅީ. އެ ފޯމުތައް ޕްރޮސެސްކޮށް ނިމުނީމާ ކަނޑައެޅޭނީ ޕާޓީތަކުގައި މެމްބަރުން ތިބި ސައްހަ އަދަދު، އެ އަދަދު އެނގުނުހާ އަވަހަކަށް ފައިސާ ދޫކޮށްދޭން އެދޭނަން،" އަމްޖަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްދޭން ގިނަ އަދަދެއްގެ ފޯމު ހުށަހަޅާފައި ވަނިކޮށް، އެ ފޯމުތައް ޕްރޮސެސްނުކޮށް ފައިސާ ދޫކުރުމަކީ އެންމެ އިންސާފުވެރި ގޮތަކަށް ނުވާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިހާތަނަށް ނުވަ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެ އެވެ. އެކަމަކު ފައިސާ ދޫކުރާނީ 10،000 އަށް ވުރެން މެމްބަރުން ގިނަ ޕާޓީތަކަށް އެކަންޏެވެ. އެ އަދަދަށް މެމްބަރުން ހަމަވަނީ، ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގައި އެކަންޏެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ ގޮތުން ޖުލައި، 31، 2018 އާ ހަމައަށް އެންމެ މެމްބަރުން ގިނައީ ޕީޕީއެމްގަ އެވެ. އެއީ، 48،129 މެމްބަރުންނެވެ. ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކުރަން ނިންމީ ވެސް އެ ޕާޓީ އަށެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ، މެމްބަރުންގެ އަދަދުން އޮތީ ދެ ވަނައިގަ އެވެ. ސައްހަ މެމްބަރުންގެ ގޮތުގައި އެ ޕާޓީގައި ރަޖިސްޓްރީކޮށްފައި ވަނީ 29،008 މެމްބަރުންނެވެ. ތިން ވަނާގައި އޮތް ޖޭޕީގައި ތިބީ 10،090 މެމްބަރުންނެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނެފައި ވަނީ ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓުގެ ފައިސާ ސިޔާސީ ޕާޓީތަކަށް ޚާއްސަ ކުރަންޖެހޭ ކަމަށެވެ. މި އަހަރަށް 25.6 މިލިއަން ރުފިޔާ ކަނޑައެޅި އިރު، އެއީ ޕާޓީތަކަށް ސަރުކާރުން މި އަހަރު ދިން އަދަދަށް ވުރެ، އެއް މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.