ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލަކަށް ގީލާ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލް އަކަށް ގީލާ އަލީ އައްޔަން ކޮށްފި އެވެ.


ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްކަމަށް ގީލާ ހަމަޖެއްސީ މިއަދު ބޭއްވި އެ ޕާޓީގެ ފުރަތަމަ މަޝްވަރާ ބައްދަލުވުމުގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަދި ފަހުން ފޮރިން މިނިސްޓްރީގެ އިސް މަގާމެއް ފުރުއްވި ގީލާ ވަނީ އިއްޔެ ރޭ ބޭއްވި ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ ކައުންސިލަށް ވެސް ވާދަކުރައްވައިފަ އެވެ. އެކަމަކު އޭނާ ކައުންސިލަކަށް ނުހޮވެ އެވެ.

މަޝްވަރާ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ޕީއެންސީން ވަނީ އެ ޕާޓީގެ ނައިބު ރައީސުންގެ މަސްއޫލިއްޔަތުތައް ވެސް ކަނޑައަޅައިފަ އެވެ.

އެގޮތުން، މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮންގްރެސްގައި ނައިބު ރައީސްގެ މަގާމަށް ހޮވި ވަޑައިގަތް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ދާއިރާ އަކީ މާލީ އަދި އިދާރީ ކަންކަމެވެ. ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހާއްސަކުރީ މީޑިއާ އާއި ޕަބްލިކް ރިލޭޝަންސްގެ އިތުރުން މެމްބަޝިޕަށެވެ. ޒުވާނުންގެ ހަރަކާތްތަކަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހާއްސަކުރި އިރު، މުހައްމަދު ހުސެން ޝަރީފް (މުންދު) ބަލަހައްޓަވާނީ ޚާރިޖީ ގުޅުމުގެ ކަންކަމެވެ.

ޕީއެންސީގެ ރައީސް ކަމަށް ހަމަޖައްސާފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ހަތަރު ބޭފުޅުން އިންތިޚާބު ކުރީ އެ ޕާޓީގެ އަސާސީ ގަވައިދު މިދިޔަ ހުކުރު ދުވަހު އިސްލާހު ކޮށްގެންނެވެ. ޕާޓީގެ ކުރީގެ އަސާސީ ގަވައިދު ބުނާގޮތުން އެ ޕާޓީގައި ތިބޭނީ ދެ ނައިބު ރައީސުންނެވެ. އެ މަގާމުގައި ވަގުތީ ގޮތުން ކުރިން ތިއްބެވީ ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.