އެމެރިކާގެ ޓްރެވަލް އެޑްވައިޒަރީގައި ރާއްޖެއާ ބެހޭ ސައްހަ ނޫން މައުލޫމާތު

ރާއްޖޭގައި ޓެރަރިސްޓުން ހަމަލާ ދީފާނެ ކަމަށް ބުނެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ސައްހަ ނޫން މައުލޫމާތު އެބަހުރި ކަމަށް އެމެރިކާ އިން ބުނެފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


ރާއްޖެ އަށް އެމެރިކާ އިން ލެވަލް 2 ގައި ނެރުނު ޓްރެވެލް އެޑްވައިޒަރީގައި ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ގައުމުގެ ރައްޔިތުންނަށް އިރުޝާދު ދީފައި ވަނީ ޓެރަރިސްޓް ހަމަލާއެއް ދީފާނެތީ އާއި މަދަނީ ހަމަނުޖެހުންތައް އުފެދިފައި ވުމެވެ. އަދި މި ކަންކަމާ ގުޅިގެން މުޅި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ނެރުނު ޓްރެވެލް އެޑްވައިޒަރީއާ ބެހޭ ގޮތުން އެމެރިކާ އެމްބަސީއާ ސަރުކާރުން ވާހަކަ ދައްކަމުން އަންނަ ކަމަށާއި އޭގައި ސައްހަ ނޫން މައުލޫމާތު ހުރުމުން އެކަން އިސްލާހުކުރާނެ ކަމަށް އެމެރިކާ އިން ބުނެފައިވާ ކަމަށެވެ.

"އެއީ އެމީހުންނަށް ހެދިފައިވާ ހަގީގީ ގޯހެއް ކަމަށާއި ވީހާ އަވަހަކަށް އެކަން ރަނގަޅުކުރަން މަސައްކަތް ކުރާކަން އަޅުގަނޑުމެންނަށް ވަނީ އަންގާފައި،" ޝާހިދު ވިދާޅުވެފައި ވެ އެވެ.

ރާއްޖޭގައި އެންމެ ފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައްޔަރުކުރި ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރުމުން، އެ އަމުރު ތަންފީޒު ނުކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ 5 ގަ އެވެ. ސުޕްރީމް ކޯޓުން އެ އަމުރު ނެރުމާ އެކު ހަމަނުޖެހުންތައް ވެސް ވަރަށް ބޮޑަށް އިތުރުވެ ނުތަނަވަސްކަން އުފެދުނެވެ. އޭރު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލީ މާޗް 22 ގަ އެވެ.

އެމެރިކާ އިން ރާއްޖެ އަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރުނީ އަވަށްޓެރި ސްރީ ލަންކާގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކަށް ފަހުގަ އެވެ. އެމެރިކާ އިން ވަނީ ލަންކާ އާއި މި ސަރަހައްދުގެ އެހެން ގައުމުތަކަށް ދަތުރުކުރުމުގައި ވެސް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.