ޖުޑިޝަރީގެ އިސްލާހީ އެޖެންޑާ އަކީ ފުރުސަތެއް: މާރިޔާ

ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށްޓަކައި ޖުޑިޝަރީން އެކުލަވައިލި އެޖެންޑާ އަކީ އިސްލާހު ކުރުމުގެ ފުރުސަތެއް ކަމަށް ދެކި އޭގެ ބޭނުންކުރުން މުހިންމު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.


ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް ކުރަން ޖެހޭ 20 ކަމެއް ހިމެނޭ މަގުޗާޓެއް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރޭ ވަނީ އިފުތިތާހު ކޮށްދެއްވައިފަ އެވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ބުނީ، އެއީ މިދިޔަ ފެބުރުއަރީ މަހު ބޭއްވި ޖުޑިޝަރީއާ ގުޅޭ ފޯރަމްގެ ބައިވެރިންނާއި ޔޫއެންޑީޕީގެ މަޝްވަރާ އާއި ބޭރުގެ ޖަމިއްޔާތަކުން ރާއްޖޭގެ ޝަރުއީ ދާއިރާއާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާތަކާއި ރިޕޯޓްތަކަށް ބަލައިގެން އެކުލަވައިލި މަގުޗާޓެއް ކަމަށެވެ. އެ މަގުޗާޓް އިފްތިތާހު ކުރުމަށް ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވެސް މިނިސްޓަރު މާރިޔާ ބައިވެރިވެވަޑައިގެންނެވި އެވެ.

އޭގެ ފަހުން މިއަދު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ އިސްލާހީ އެޖެންޑާ އަކީ ފުރުސަތެއް ކަމަށް ދެކި، ދިވެހިން ރާއްޖެއަށް އިސްލާހު ގެނައި ކަމަށެވެ.

"ރައީސް މައުމޫނުގެ އިސްލާހީ އެޖެންޑާ އަކީ ފުރުސަތެއް ކަމަށް ދެކި ރާއްޖޭގެ މީހުން ރާއްޖެ އަށް އިސްލާހު ގެނައި ގޮތަށް ޖުޑިޝަރީގެ އިސްލާހީ އެޖެންޑާ، ފުރުސަތެއް ކަމަށް ދެކި އެ ފުރުސަތުގެ ބޭނުން ކުރުން މުހިންމު ކަމަށް ދެކެން،" ޝަރުއީ ނިޒާމު އިސްލާހު ކުރަން ސުޕްރީމް ކޯޓުން އިސް ނަގައިގެން އެކުލަވާލާފައިވާ މަގުޗާޓަށް ތާއީދު އޮތްކަން ހާމަކުރައްވައި މާރިޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ޝަރުއީ ދާއިރާ އިން އިފުތިތާހު ކުރި މަގުޗާޓްގައި ހިމެނޭ ބައެއް މުހިންމު ކަންކަމުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ގާނޫނުތައް އިސްލާހު ކުރުމާއި ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމާއި ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމާއި ރައްޔިތުންގެ ޝަކުވާތައް ފަސޭހަ އިން ހުށަހެޅޭނެ ނިޒާމެއް ގާއިމު ކުރުން ހިމެނެ އެވެ.

މީގެ އިތުރުން، ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމުގެ ނިޒާމެއް ގާއިމު ކުރުމާއި ހުކުމް ތަންފީޒު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމާއި ހުރިހާ ސިޓީތަކެއްގައި ސުޕީރިއާ ކޯޓުތައް ގާއިމު ކުރުމާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ނިޒާމު ހަރުދަނާ ކުރުން ފަދަ ކަންކަން ހިމެނެ އެވެ.