ތުނބުޅިއާ ގުޅުވައިގެން ވަޒީފާ އިން ވަކިކުރުމަކީ ދީނާ ދެކޮޅު ޖަރީމާއެއް: އަދާލަތު

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުންގެ ތުނބުޅިއާ ގުޅުވައިގެން ވަޒީފާއިން ވަކިކުރުމަކީ ރަސޫލާގެ ސުންނަތާ ދެކޮޅަށް ސަރުކާރުން ހިންގަމުން އަންނަ ނުރައްކާތެރި އެޖެންޑާގެ ފުރަތަމަ ފިޔަވަހި ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.


އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ ބައެއް މުއައްސާތަކުން ފިރިހެން މުވައްޒަފުން ތުނބުޅި ބާލަން މަޖުބޫރުކޮށް، އެގޮތަށް އަމަލްނުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މިކަމަކީ ދިވެހިރާއްޖޭގައި އިސްލާމީ ޝިއާރުތައް ފާޅުކޮށް، މާތް ނަބިއްޔާ ސައްލަﷲ އަލައި ވަސައްލަމްގެ މޫރިތި ސުންނަތް ދިރުވާ އަލާކުރުމަށް ހުރަސްއެޅުމަށާއި، އިސްލާމް ދީނަށާއި ނަބިއްޔާއަށް ލޯބިކުރާ މީހުން މުޖުތަމައުން އެކަހެރިކުރުމަށްޓަކައި ދުރާލާ ރާވައިގެން، އިސްލާމް ދީނާ ދެކޮޅަށް ހިންގާ ޖަރީމާއެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދާލަތު ޕާޓީން ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުންގެ ތުނބުޅިއާ ގުޅުވައިގެން ވަޒީފާއިން ވަކިކުރުމަކީ ކުރިޔަށް އޮތް ތަނުގައި ހިންގަން އުޅޭ ކަންތައްތަކެއްގެ ފެށުން ކަމަށެވެ. އެހެންކަމުން އިސްލާމީ އިލްމުވެރިންނަށާއި ދީނީ ޖަމިއްޔާތަކަށާއި އިސްލާމް ދީނުގެ ދައުވަތު ފަތުރަން އުޅޭ ފަރާތްތަކަށް، އަދާލަތު ޕާޓީން ގޮވާލީ، ލާދީނީ އެ ސިޔާސަތުތައް ބަދަލުކުރަން މަސައްކަތްކުރުމަށެވެ.

އިމިގްރޭޝަން ބައެއް މުވައްޒަފުން ތުނބުޅި އާއި ބޯ ދިގުކޮށް، ޔުނިފޯމް މިންގަނޑާ ހިލާފުވާތީ އެކަން ރަނގަޅު ކުރަން އަންގައި، އެ މީހުންނަށް ވަނީ މުހުލަތެއް ދީފަ އެވެ. އަދި އިމިގްރޭޝަންގެ މުވައްޒަފުން އަމަލްކުރަން ޖެހޭ ޔުނީފޯމްގެ މިންގަނޑާ ހިލާފުވެފައި ވާތީ ބައެއް މުވައްޒަފުންނަށް ނޯޓިސް ވެސް ދީފައިވެ އެވެ. އެކަމަކު އެ މުވައްޒަފުންނަށް ދިނީ އެހެން ވަޒީފާއަކަށް ބަދަލުވުމުގެ ފުރުސަތު ކަމަށާއި އަދި ބޭނުންވެއްޖެ ނަމަ ސިވިލް ސާވިސްގެ އެހެން މަގާމެއް ހޯދައިދޭން އެހީތެރިވާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

އިމިގްރޭޝަންގެ ޔުނިފޯމް އެޅުމުގެ ގަވާއިދު ބުނާ ގޮތުން ފިރިހެން މުވައްޒަފެއްގެ ތުނބުޅި ބަހައްޓަން ޖެހޭނީ ދެ ސެންޓިމީޓަރަށް ވުރެ ދިގުނުވާ ވަރަށެވެ.