ސިނގިރޭޓް މައްސަލާގައި ލަންކާ އިން ތިން ދިވެއްސަކު ހައްޔަރުކޮށްފި

ސްރީ ލަންކާ އަށް ގަވާއިދާ ހިލާފަށް އެތެރެކުރި ސިނގިރޭޓް ބޭނުންކޮށްގެން ތިން ދިވެއްސެއް އެ ގައުމުގެ ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.


އެ މީހުން ހައްޔަރުކުރީ ގަވާއިދާ ހިލާފަށް އެ ގައުމަށް އެތެރެކުރި ސިނގިރޭޓު ބޭނުން ކުރަނިކޮށް ކަމަށް ވެ އެވެ.

އެ ތިން މީހުން ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ލަންކާއަށް ދާ މީހުން އެ ގައުމަށް ސިނގިރޭޓް އެތެރެކުރުމަކީ، ލަންކާގެ ކަސްޓަމްސް ގަވާއިދު ބުނާ ގޮތުން، މަނާ ކަމެކެވެ. އެ ގައުމަށް ސިނގިރޭޓު އެތެރެކުރުމަކީ އެ ގައުމަށް ވަންނަ މީހުންނަށް މަނާ ކަމެކެވެ.

އެކަމަކު 10،000 އަށް ވުރެ ގިނަ ދިވެހިން އުޅޭ އަދި ކޮންމެ ހަފުތާއަކު ވެސް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ލަންކާއަށް ވަރަށް ގިނަ މީހުން މާލެ އިން ސިނގިރޭޓް ގެންދެ އެވެ. އެގޮތުން ސިނގިރޭޓް ކާޓަން ވެސް އެތެރެކުރެ އެވެ.

ލަންކާ ކަސްޓަމްސް އިން އެ އަތުލައިގެން ފި ނަމަ ކާޓަނަކަށް 6،000 ސްރީ ލަންކާ ރުޕީސް ( 522ރ.) ގެ ޖޫރިމަނާ ކުރެ އެވެ.

ލަންކާގައި އުޅޭ ބައެއް ދިވެހިން ބުނާ ގޮތުގައި މިދިއަ މަހު ދިން ބޮމުގެ ޓެރިރިސްޓް ހަމަލާތަކަށް ފަހު ލަންކާ ފުލުހުން ގެންދަނީ ސިނގިރޭޓް ފަދަ އެއްޗެހި ވެސް ގަވާއިދާ ހިލާފަށް ގެންގުޅޭތޯ ބަލަމުންނެވެ. އެގޮތުން ދިވެހިން އާންމުކޮށް ދާ ރެސްޓޯރެންޓްތަކަށް ވަދެ، ފާސްކުރާ ކަމަށް ވެސް، ބައެއް މީހުން ބުނެ އެވެ.

ބޮމުގެ ހަމަލާތަކަށް ފަހު ދޭތެރެ ދޭތެރެއިން ދިވެހިން ހައްޔަރުކުރާތީ، ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ ލަންކާގެ ގާނޫނާއި ގަވާއިދުތަކަށް ދިވެހިން ބޯލަނބައި ކިޔަމަން ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ލަންކާ އިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ކިޔަމަން ވާން އެ ގައުމުގައި އުޅޭ ދިވެހިންނަށް އަޅުގަނޑު ގޮވާލަން، ހާއްސަކޮށް މި ދުވަސްވަރުގެ ގޮތުން،" އޭނާ ވިދާޅުވި އެވެ.