އުލިގަމުގެ ރުއް ވަލެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ

ހއ. އުލިގަމުގެ ވަލުތެރޭގެ ބޮޑު ބައެއްގައި މިއަދު އަލިފާން ރޯވެ ގެއްލުންތަކެއް ވެއްޖެ އެވެ.


ރަށު ކައުންސިލުން ބުނީ މިއަދު ހަވީރު 5:30 ހާއިރު އަލިފާން ރޯވީ، ރަށުގެ މީހުން އާއްމުކޮށް ކުނި އަޅާ ސަރަހައްދުގައި ކަމަށެވެ. އެ އަލިފާންގަނޑު ފެތުރި މިހާރު 200 އެއްހާ އަކަފޫޓަށް އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޒިޔާދު ހަސަން ވިދާޅުވި ގޮތުގައި، ސިފައިންނާއި އާއްމުން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފަ އެވެ. އެކަމަކު، އަދިވެސް އެއްކޮށް އަލިފާންގަނޑު އެއްކޮށް ނިއްވައި ނުލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އުލިގަމު ވަލުގައި ރޯވެފައި: އަލިފާންގަނޑު ވަނީ ބޮޑު ސަރަހައްދަކަށް ފެތުރިފައި-- ފޮޓޯ: ކައުންސިލް

މިހާތަނަށް ބެލެވޭ ގޮތުގައި އެއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

"މިހާރަކަށް އައިސް ދޭތެރެދޭތެރެއިން އެ ސަރަހައްދުގައި ރޯކުރޭ. މިއަދު ބޮޑަށް މި ފެތުރުނީ،" އޭނާ ވިދާޅުވި އެވެ.

އަލިފާން ރޯވީ، ގިނަ އަދަދެއްގެ ރުއް ހުރި ސަރަހައްދަކަށް ވާއިރު ގިނަ ރުއްތަކަކަށް ގެއްލުން ވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ. އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ނުވާތީ ގެއްލުމުގެ ތަފްސީލް އަދި ނުބެލޭ ކަމަށް އޭނާ ވިދާޅުވި އެވެ.