ހައުސިން މިނިސްޓަރުގެ ކާރުކޮޅު އެކްސިޑެންޓް ވެއްޖެ

ހައުސިން މިނިސްޓަރު އައިމިނަތު އާތިފާގެ ރަސްމީ ކާރުކޮޅާއި ސައިކަލެއް ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ.


ބޮޑުތަކުރުފާނު މަގުގައި މި އެކްސިޑެންޓް ހިނގި އިރު މިނިސްޓަރު ވެސް ކާރުކޮޅުގައި އިންނެވި އެވެ. އެކަމަކު އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގީ، އިސްކަންދަރު މައިޒާން ކުރިމަތިން، ދެކުނުން އުތުރަށް ކާރުކޮޅު ދުއްވާފައި ދަނިކޮށް، ސައިކަލް ލޭނުގައި ދުއްވި މީހަކު ކާރު ލޭނަށް އެރުމުން ކަމަށެވެ. ސައިކަލް ދުއްވީ، ފުލުހުން ބުނިގޮތުގައި، 24 އަހަރުގެ އަންހެނެކެވެ.

ސައިކަލް ދުއްވި މީހާގެ އަތުގައި ލައިސަންސް އޮވެ އެވެ. އެކަމަކު، ލައިސަންސްގެ މުއްދަތު ހަމަވެފައި އޮތް ކަމަށް ފުލުހުން ބުންޏެވެ.

ލައިސަންސް ނެތި ދުއްވުމާއި ލައިސަންސްގެ މުއްދަތު ހަމަވެފައި އޮވެ ދުއްވުމަކީ ކުށެކެވެ.

މި އެކްސިޑެންޓުގައި، މިނިސްޓަރުގެ ކާރުކޮޅުގެ ކުރީކޮޅު ވަނީ ބަނޑިވެފަ އެވެ. އެކަމަކު ސައިކަލަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.