އޯއައިސީގެ ގޮތްޕެއްގެ ވެރިއަކަށް ޝަހީމް

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް ހުންނެވި، އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް، އެ ޖަމާއަތުގެ ގޮތްޕެއްގެ ވެރިއަކަށް އައްޔަން ކޮށްފި އެވެ.


ޝަހީމް އައްޔަން ކޮށްފައިވަނީ "ވޮއިސް އޮފް ވިސްޑޮމް ސެންޓާ" ގެ ވެރިޔާ އަށެވެ. އެ މަގާމު ދެއްވީ އެޑްވައިޒަރުގެ މަގާމުގެ އިތުރުންނެވެ.

އެއީ އޯއައިސީގެ ފިކުރީ ގޮތްޕެވެ. އެ ގޮފީގެ މަގުސަދަކީ އިސްލާމީ ރިސާލަތު ދުނިޔެ އަށް ހާމަކޮށް މެދުމިންކަން ޕްރޮމޯޓް ކުރުމާއެކު ހަރުކަށި ކަމާ ދެކޮޅަށް މަސައްކަތް ކުރުމެވެ. އަދި އިސްލާމް ދީނުގެ ރީތި ސޫރަ ދުނިޔެ އަށް އާއްމު ކުރުމެވެ.

އެ ގޮފީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން މިއަދު ވަނީ އަރަބި ބަހުންނާއި އިނގިރޭސި ބަހުން މާލޭގެ ހުކުރު މިސްކިތާ ބެހޭ މައުލޫމާތުތައް ޕޯސްޓް ކޮށްފަ އެވެ. އެ އެކައުންޓްތައް ފްލޯ ކުރާ މީހުންގެ އަދަދު މިލިއަނަކާ ގާތް ކުރެ އެވެ.

އެ ގޮފީގެ އެކައުންޓްތަކުން ހުކުރު މިސްކިތާ ބެހޭ މައުލޫމާތު ޓްވީޓް ކޮށްފައި--

ޝަހީމް ވިދާޅުވިގޮތުގައި އޭނާގެ މަގުސަދަކީ ހުކުރު މިސްކިތް ދުނިޔެ އަށް ޕްރޮމޯޓް ކުރުމެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އެއް މިސްކިތް ކަމަށްވާ ހުކުރު މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ތަނެކެވެ.

އޯއައިސީގެ ވަޒީފާއާ ގުޅޭ ގޮތުން ޝަހީމް ކުރިން ވިދާޅުވެފައިވަނީ އެ މަގާމު އަދާކުރެއްވުމަށް ބޭރަށް ވަޑައިގަތަސް ރާއްޖެއާ އޮންނަ ގުޅުން ނުކެނޑޭނެ ކަމަށެވެ.