ހާއްސަ ތަހުގީގުތަކަށް ފުލުހުން ތަމްރީނު ކުރަން ޔޫކޭގެ އެހީ ހޯދަނީ

ވަކި ދާއިރާއަކަށް ޚާއްސަ ވެގެން މަސައްކަތް ކުރުމަށާއި ތަހުގީގުތައް ކުރުމަށް ދިވެހި ފުލުހުން ތަމްރީނު ކުރަން އިނގިރޭސިވިލާތުގެ ފުލުހުން ގެންނަން މަޝްވަރާކޮށްފި އެވެ.


ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް ފަހު ފުލުހުންގެ އިދާރާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި ދިވެހި ފުލުހުން ތަމްރީނު ކުރަން ލަންޑަން މެޓްރޮޕޮލިޓަން ފުލުހުންގެ އެހީ ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވީ ލަންޑަން މެޓްރޮޕޮލިޓަން ފުލުހުންގެ ޑެޕިއުޓީ ކަމިޝަނަރު ސްޓެފަން ހައުސްއާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ. ދަތުރާ ބެހޭ ގޮތުން ފުލުހުންނާ ހިއްސާ ކުރެއްވި މައުލޫމާތު ހަމީދު މިއަދު ވަނީ ސޯޝަލް މީޑިއާގައި އާއްމު ކުރައްވައިފަ އެވެ.

އެގޮތުން އާއްމު ކުރެއްވި މެސެޖްގައި ހަމީދު ވިދާޅުވެފައިވާ ގޮތުގައި އޭނާ އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެކެވެ. ސްކޮޓްލޭންޑް ޔާޑުގެ ހެޑްކުއާޓަރަށް ކުރެއްވި ޒިޔާރަތުގައި އެ އިދާރާގެ ސީނިއާ އޮފިސަރުންނާ ބައްދަލުކުރެއްވި ކަމަށާއި ޑީސީޕީ ސްޓެފަން ހައުސްއާ އެކު ވަރަށް ދިގުކޮށް ވާހަކަ ދެއްކެވި ކަމަށް މެސެޖްގައި ވިދާޅުވެފައިވެ އެވެ.

"ސްޕެޝަލިސްޓް، އިންވެސްޓިގޭޓިވް އަދި ކޮމިއުނިޓީ ޕޮލިސިންގެ ދައުރަށް އަޅުގަނޑުމެންގެ އޮފިސަރުން ތަމްރީނު ކުރަން މެޓް އޮފިސަރުން (ލަންޑަން މެޓްރޮޕޮލިޓަން ފުލުހުންގެ އޮފިސަރުން) ފޮނުވުމާ ބެހޭ ގޮތުން އަޅުގަނޑުމެން ވާހަކަ ދެއްކިން،" ދަތުރު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ފުލުހުންނަށް ހަމީދު ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައިވާގޮތުގައި ލަންޑަން ފުލުހުންގެ ކަމިޝަނަރާ ބައްދަލު ނުކުރެއްވުނީ ޔޫކޭ ޕާލަމެންޓަށް ޖަވާބުދާރީވާން އޭނާ ވަޑައިގަންނަވަން ޖެހުމުންނެވެ.

ލަންޑަން މެޓް ފުލުހުންނާ ގުޅިގެން ކުރައްވާ މަސައްކަތްތައް ފުޅާ ކުރައްވައި ޕްރޮފެޝަނަލްކޮށް މަސައްކަތް ކުުރުމުގައި އެ އިދާރާ އިން ދިވެހި ފުލުހުންނަށް ކުރި އެރުން ހޯއްދަވައި ދެއްވާނެ ކަމަށް ވެސް މެސެޖްގައި ހަމީދު ވިދާޅުވެފައިވެ އެވެ.