ފަންޑުގެ ދަތިކަމާ ހުރެ މުވައްޒަފުން ތަމްރީނުކުރަން ހުރަސްއެޅޭ: ސީއެސްސީގެ ރައީސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އެކަށީގެންވާ ފަންޑު ނުލިބޭތީ މުވައްޒަފުން ތަމްރީންކުރަން ދަތިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.


ބަންގްލަދޭޝްގެ ޕަބްލިކް ސާވިސް ކޮމިޝަނުން ރާއްޖެ އަށް އައި ޓީމަކާ އެކު ސީއެސްސީގެ ވެރިން ބޭއްވި ބައްދަލުވުމުގައި ޑރ. އަލީ ވިދާޅުވީ ސިވިލް ސާވިސް ސެކްޓަރަށް އެކި މައްސަލަތައް ދިމާވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ފަންޑު ނުލިބުމުން ދިމާވާ މައްސަލަތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަލީ ވިދާޅުވި ގޮތުގައި ފަންޑުގެ ދަތިކަން ހުރުމުން، ފެންވަރު ރަނގަޅު މުވައްޒަފުން ބިނާކުރަން ދަތިވެ އެވެ. އަދި އެތަނުން ކުރިއަށް ގެންދަން ބޭނުންވާ އެހެން ޕްރޮޖެކްޓުތަކަށް ބަޖެޓުގެ ދަތިކަން ހުރުމުން ބުރޫ އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަންގްލަދޭޝް ޕަބްލިކް ސާވިސް ކޮމިޝަނުނާއި ރާއްޖޭގެ ސީއެސްސީއާ އެކު ބޭއްވި ބައްދަލުވުމުގެ ބައެއް ބައިވެރިން. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ނަމަވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހުރިހާ ރަށްތައް އޮންލައިން ނެޓްވޯކަކުން ގުޅާލުމުން، ތަމްރީން ކުރުމަށް ދިމާވާ އެކި މައްސަލަތަކަށް ކުރިއެރުންތަކެއް ލިބުނު ކަމަށް ޑރ. އަލީ ވިދާޅުވި އެވެ. އަދި އެތަނުން އަންނަނީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގައި އޮންލައިން ދެ ކްލާހެއް ހެދުމުގެ މަސައްކަތްކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭރުން ދުރު ރަށްތަކުގައި އުޅޭ ސީއެސްސީގެ މުވައްޒަފުންނަށް ފަސޭހަކަމާ އެކު ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެ އެވެ.

ސީއެސްސީގެ ރައީސް ވިދާޅުވި ގޮތުގައި އޮންލައިން ނެޓްވޯކަކުން ރަށްތައް ގުޅާލުމުން ފައިސާ އާއި ވަގުތު ސަލާމަތްވާ ކަމަށެވެ. ފަސޭހަކަމާ އެކު މުއާމަލާތުކުރެވޭ މި ނިޒާމު، އޭނާ ސިފަކުރެއްވީ ސީއެސްސީއަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުން ކަމުގަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު

ތަމްރީނު ދިނުމުގައި ކުރިއެރުން ހޯދުނު ނަމަވެސް އަދިވެސް އެތަނުގައި މައްސަލަތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ވަޒީފާގައި ކުރިއެރުން ލިބޭނެ ފުރުސަތުތައް މަދުކަން ފާހަގަކުރެއްވި އެވެ. އެހެންވެ ވަޒީފާގައި ގިނަ ދުވަހު ނޫޅެ، ކެނޑިގެންދާ މުވައްޒަފުންގެ ނިސްބަތް ގިނަ ކަމަށް ވިދާޅުވި އެވެ.

"ވަޒީފާގައި ކުރިއަށް ދެވޭނެ ފުރުސަތުތައް ނެތުމުން ވަޒީފާ ރަނގަޅަށް އަދާކުރާނެ މޮޓިވޭޝަނެއް ވެސް މުވައްޒަފުންގެ ނުހުރޭ،" އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ބަންގްލަދޭޝް ޕަބްލިކް ސާވިސް ޓީމުގެ ހެޑް އެމް.ޑީ. މުހްލެސަ ރަހްމާނާއި ބަންގްލަދޭޝް އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ވައިސް އެޑްމިރަލް އަޚްތަރު ހަބީބް ވެސް ވާހަކަ ދެއްކެވި އެވެ. ހަތަރު ދުވަހުގެ މުއްދަތަށް އެ ޓީމުން ރާއްޖެ އަށް ކުރާ ދަތުރުގައި ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓްރީ އާއި އާޓްސް، ކަލްޗާ އެންޑް ހެރިޓެޖް މިނިސްޓްރީގެ އިސް އޮފިޝަލުންނަށް ބައްދަލުކުރާނެ އެވެ.