15 އަހަރުގެ ކުއްޖާ ވިއްސީ ގޭގައި، އެކަކު ހައްޔަރުކޮށްފި

ރާއްޖޭގައި އުމުރުން 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު އިއްޔެ މަރުވިއިރު، އެ ކުއްޖާ ވިއްސީ އެ ރަށުގެ ސިއްހީ މަރުކަޒަށް ނުގެން ގޮސް ގޭގައި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.


ފުލުހުން ތަހުގީގުކުރާ އެ މައްސަލައިގައި ހިމެނެނީ ކުޑަކުއްޖަކަށް ވާތީ، އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެކަމަކު، މައުލޫމާތު އެނގޭ ބައެއް މީހުން "މިހާރު" އަށް ކިޔައިދިން ގޮތުގައި، އުމުރުން 14 އަހަރުގައި ބަލިވެ އިން އެ ކުއްޖާ ވިހެއީ ދިރިއުޅޭ ގޭގެ ފާޚާނާތެރެ އަށެވެ. ދުވަސްފުރައި ވިހެއި ދަރިފުޅު މަރުވީ ވިހެއުމުގެ ތެރޭގައި ކަމެއް ނުވަތަ ވިހާފައި މަރާލީ ކަމެއް އަދި ސާފެއް ނުވެ އެވެ.

އޭނާ ވިއްސުމުގައި އާއިލާ މީހަކާއި ރައްޓެހިވެގެން އުޅޭ މީހާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ، އެނގިފައިވާ ގޮތުގައި، ރައްޓެހިވެގެން އުޅުނު މީހާ އެވެ. އެކަމަކު މިކަން ވެސް ފުލުހުން ކަށަވަރެއް ކޮށެއް ނުދެ އެވެ.

ޅަ އުމުރުގައި، ބަލިވެ އިނުމާއި އަމިއްލަ އަށް ވިހެއުމަކީ ސިއްހީ ގޮތުން ރައްކާތެރި ކަމެއް ނޫނެވެ.

އެނގިފައިވާ ގޮތުގައި، އިއްޔެ މެންދުރެއްހާ އިރު އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައީ، ވިހެއުމަށް ފަހު ދަރިފުޅުގެ ފޫޅު ބުރިކޮށްލަން އުޅުމުގެ ތެރޭގައި ދިމާވި ކަމެއްގެ ސަބަބުން ލޭ މަނާ ނުވެގެންނެވެ.

ސިއްހީ މަރުކަޒަށް ގެންގޮސް ލޭ އަޅަން ޖެހުނު ކަމަށް ވެސް ވެ އެވެ.

އެތަނުން އެކަށީގެންވާ ފަރުވާ ދެވެން ނެތިގެން، ސީ އެމްބިއުލާންސްގައި އެ ކުއްޖާ ވަނީ ވަގުތުން މާލެ ގެނެސްފަ އެވެ. އޭނާ ވިހެއި ކުއްޖާ ވެސް ފުލުހުންގެ ބެލުމުގެ ދަށުން މާލެ ގެނަ އެވެ.

އާއިލާ އެކު ދިރިއުޅެމުން އައި 15 އަހަރުގެ ކުއްޖާ ބަލިވެ އިން ކަމެއް ރަށުގެ މީހުންނަކަށް ނޭނގެ އެވެ. ގްރޭޑް ނުވައެއްގައި ކިޔަވާ އެ ކުއްޖާ ވަރަށް ފަހަކާ ޖެހެންދެން ވެސް ސްކޫލަށް ދިޔަ ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.

ކުޑަ ކުއްޖަކު ވިހެއުމާއި އޭނާގެ ދަރިފުޅު މަރުވި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.