ރައީސަކު ހޮވާ ވޯޓު ކޮންމެ ގޮތަކަށް ނެގިއަސް މައްސަލައެއް ނެތް: އަފީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަކަށް އެމްޑީޕީން ކަނޑައަޅާނެ ބޭފުޅުން ހޮވަން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ކޮންމެ ގޮތަކަށް ވޯޓު ނެގިއަސް މައްސަލައެއް ނެތް ކަމަށް، ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.


މަޖިލީހުގެ ރައީސް ކަމުގެ ވާދަވެރިކަން އެމްޑީޕީގެ ތެރޭގައި ބޮޑުވެފައިވާ އިރު، ރައީސާއި ނައިބު ރައީސަކު ހޮވުމުގެ ވޯޓު ނަގާނެ ގޮތަކާ މެދު ވަނީ ޚިޔާލުތަފާތުވުން އުފެދިފަ އެވެ. މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މެމްބަރުން ކަނޑައަޅާނީ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ބައެއް މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ނަގަން ޖެހޭނީ ސިއްރު ވޯޓެކެވެ. އެކަމަކު ދެން ތިއްބެވި މެމްބަރުން ތާއީދު ކުރައްވަނީ މަޖިލީހުގެ ރައީސްގެ ވޯޓު ހުޅުވާލައިގެން ބޭއްވުމަށެވެ.

އަފީފްގެ އިތުރުން މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގެންފި ނަމަ އަމަލުކުރައްވަން ގެންގުޅުއްވާ ވިސްނުން "މިހާރު" އަށް ހިއްސާކޮށް ދެއްވަމުން އަފީފް ވިދާޅުވީ ގިނަ ބަޔަކު ތާއީދުކުރާ ގޮތަކަށް އޭނާގެ ރުހުން އޮންނާނެ ކަމަށެވެ. ޑިމޮކްރަސީގެ އަދި ޕާލަމެންޓްރީ ގްރޫޕް ތެރޭގައި ކަންކަން ނިންމުމުގައި ވެސް އޮންނާނެ ރޫހަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ މައްސަލައެއް ނެތް ކޮންމެ ގޮތަކަށް ވޯޓު ނެގިއަސް. ސިއްރު ވޯޓަކަށް ދާން މި ޖެހެނީ، އަޅުގަނޑުމެންނަކީ އިންސާނުން. ކަނޑައެޅިގެން މީނަ ވޯޓު ދިނީ ކަނޑައެޅިގެން ތިމަންނައާ ދެކޮޅަށް ކަން އެނގޭ ކަމަށް ވަންޏާ، އެ މީހަކު މިސާލަކަށް ހޮވިގެން ހިތުގައި އެކަން އޮންނާނެ. މީގެ މާނައަކީ ނުރަނގަޅުކޮށް ކަންކަން ކުރާނެއެކޭ ނޫން. ހިތުގައި އެކަން އޮންނަންޏާ ކޮންމެވެސް ވަރެއްގެ ތަފާތުކުރުންތަކެއް ގެންގުޅެވޭނެ،" އަފީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާނީ، އަލަށް އިންތިޚާބުވެވަޑައިގަތް މެމްބަރުން މި މަހު 28 ގައި ހުވާ ކުރައްވައި ބާއްވާ ފުރަތަމަ ޖަލްސާގަ އެވެ. ގާނޫނުއަސާސީގައި އޮންނަނީ، މަޖިލީހުގެ ރައީސަކު ކަނޑައަޅާނީ ސިއްރު ވޯޓަކުން ކަމަށެވެ. އެ ނޫން ގޮތަކަށް ވޯޓު ނެގޭނީ މަޖިލީހުގެ ޖަލްސާއަކުން ފާސްކޮށްގެންނެވެ.

ރައީސާއި ނައިބު ރައީސް ހޮވާ ވޯޓު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ނަގާނެ ގޮތެއް އަދި ނުނިންމަ އެވެ. މީގެ ކުރިން، މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބިފައި ނުވާތީ، އެ ޕާޓީގެ ތެރެއިން މަޖިލިހުގެ ރައީސް ނުވަތަ ނައިބު ރައީސަކު ކަނޑައަޅަން މެމްބަރުންގެ މެދުގައި ވޯޓަކަށް ގޮސްފައެއް ނުވެ އެވެ.