ބަޔަކު އަނިޔާކުރި އަންހެން މީހާގެ ދަރިއަކު ވެސް ދައުލަތުގެ ބެލުުމުގެ ދަށަށް

ބޮލުގައި ގޯންޏެއް އަޅުވައި ހޮޅި ދަނޑިއެއްގައި ބަނދެ އަނިޔާކުރި ށ. ފޭދޫ އަންހެން މީހާގެ ދަރިއަކު ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.


ފޭދޫގައި މިދިޔަ ހޯމަ ދުވަހު ބަޔަކު އަނިޔާކުރި އަންހެން މީހާ އަކީ ނުކުޅެދުންތެެރިކަން ހުންނަ މީހެކެވެ. އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް ރޭ ގެންދިޔައީ، 21 އަހަރުގެ އަންހެން ދަރިފުޅާ އެކުގައި ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

އެ ދަރިފުޅަކީ ވެސް ސިކުނޑީގެ އުނި ކަމެއް ހުންނަ މީހެކެވެ.

ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ އެ މިނިސްޓްރީން ހެދި އެސެސްމެންޓުން އެނގުނު ގޮތުގައި، 21 އަހަރުގެ އަންހެން މީހާ ދިރިއުޅުނު މާހައުލު ރައްކާތެރިއެއް ނޫނެވެ. ތަންކޮޅެއް ކުރިން ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އަންހެން މީހާ އަށް އަލުން ރައްކާތެރިކަން ދިނީ، އޭނާ އަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްކޮށްދިނުމުގެ ގޮތުން ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

"އަންހެންމީހާ އާއި އޭނާގެ ދަރިފުޅު ވެސް މިހާރު ތިބީ ރައްކާތެރި ކަމާ އެކު ދައުލަތުގެ ބެލުމުގެ ދަށުގައި،" އިބްރާހިމް ވިދާޅުވި އެވެ.

އެ ދެމައިން ގެންދިޔައީ ށ. ފުނަދޫގައި ހުންނަ ޖެންޑާ މިނިސްޓްރީގެ މަރުކަޒަށެވެ.

އަންހެންމީހާގެ އިތުރު ހަތަރު ކުދިން ތިބެ އެވެ. އޭގެތެރެއިން 18 އަހަރުން ދަށުގެ ދެ ކުދިން ތިބީ ރައްކާތެރި މާހައުލެއްގައި ކަމުގެ ޔަގީންކަން ޖެންޑާ މިނިސްޓްރީން ދެ އެވެ.

އަންހެންމީހާ އާ މެދު އަނިޔާވެރި އަމަލު ހިންގި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ ވިދާޅުވެފަ އެވެ.