ރަހިމު ނެގުމުގެ ކާމިޔާބު އޮޕަރޭޝަނެއް ޓްރީ ޓޮޕްގައި ކޮށްފި

ޓޯޓަލް ލެޕްރޮސްކޮޕިކް ހިސްޓެރެކްޓޮމީ އޮޕަރޭޝަނެއް ޓްރީޓޮޕް ހޮސްޕިޓަލުގައި ކާމިޔާބު ކަމާ އެކު ކޮށްފި އެވެ. މިއީ މީގެ އެއް އަހަރު ކުރިން ހުޅުވި ހޮސްޕިޓަލުގައި މިފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ.


ޓޯޓަލް ލެޕްރޮސްކޮޕިކް ހިސްޓެރެކްޓޮމީ އަކީ ލޯވަޅެއްތޮރުފައިގެން ރަހިމް ނެގުމަށް ކުރާ ހާއްސަ އޮޕަރޭޝަނެކެވެ. އެއީ ދަރިމައިވުމުގެ ނިޒާމަށް ޖެހޭ ބައެއް ބަލި ބައްޔާ ގުޅިގެން ކުރަންޖެހޭ އޮޕަރޭޝަނެކެވެ.

ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިއްޔެ އެ އޮޕަރޭޝަން ކުރުމުގައި އިސްކޮށް ހުންނެވީ އެ ހޮސްޕިޓަލުން ބުނި ގޮތުގައި އަންހެނުންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު ޑރ.ވަރްޝާ ރެންގަރާޖް އެވެ. އޭނާ އަށް އެހީތެރިވީ ހޭނައްތާ ޑޮކްޓަރަކާއި ނަރުހުން ޓީމެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ތަނުގެ އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ ޑިޕާޓްމަންޓަކީ ކޮންމެ އުމުރުފުރައެއްގެެ އަންހެނުންނަށް ވެސް ފަރުވާދިނުމުގެ ގާބިލްކަން ހުރި ޕާޓްމަންޓެއް ކަމަށެވެ. އެގޮތުން ދަރިމައިވުމުގެ ސިއްހަތާއި އަންހެނުންގެ އެހެން ބަލިތަކަށް ރަނގަޅު ފެންވަރަކަށް ފަރުވާ ކުރުމަށް އެ ޑިޕާޓްމަންޓުން މަސައްކަތްކުރާ ކަމަށް ވެސް އެހޮސްޕިޓަލުން ބުންޏެވެ.

"...ޓްރީ ޓޮޕް ހޮސްޕިޓަލްގެ އަމާޒަކީ ސިއްހީ ދާއިރާއިން ދިވެހިރާއްޖޭގައި ވީހާ ވެސް ގިނަ ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިމުގައި ދެމިތިބުމެވެ"، އިއްޔެ ކުރި އޮޕަރޭޝަނާ ގުޅޭ ގޮތުން ޓްރީޓޮޕުން އާއްމުކުރި ބަޔާނުގައި ބުންޏެވެ.

ދަރިމައިވުމާއި ވިހެއުމުގެ ކަންކަމުގައި އެހޮސްޕިޓަލުން ގިނަ ބަޔަކު ފަރުވާ ހޯދަ އެވެ. ހޮސްޕިޓަލުގައި 100 ވަނަ ކުއްޖާ އުފަންވީ މިދިޔަ މަހު އެވެ.