އައްޑޫގެ އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް

ރޭ ދަންވަރު ސ. ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ލިބުނު ބޮޑެތި އަނިޔާތަކާ އެކު ހާލު ސީރިއަސް ވެއްޖެ އެވެ.


ފުލުސް އޮފީހުން މިއަދު ބުނީ ރޭ ދަންވަރު 2:40 ހާއިރު ކާރަކާއި ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލުގައި އިން 25 އަހަރުގެ މީހާއަށް ކަމަށެވެ. އޭނާގެ ފައި ބިނދި ބޮލަށް ވެސް ގެއްލުންތަކެއް ލިބުނު ކަމަށް ފުލުހުން ބުނެ އެވެ.

އެ މީހާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. އެކަމަކު އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކާރު ދުއްވަން އިން 29 އަހަރުގެ މީހާއަށް މި އެކްސިޑެންޓުގައި އެއްވެސް އަނިޔާއެއް ނުލިބެ އެވެ. އެކަމަކު ފުލުހުން ބުނާ ގޮތުގައި އޭނާ ދުއްވި ކާރަށް އެކި ވަރުގެ ގެއްލުންތައް ލިބުނެވެ.

ރޯދަ މަހުގެ މިހާތަނަށް ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް މާލޭގައި ވެސް ވަނީ ހިނގައިފަ އެވެ. އެގޮތުން ސިނަމާލެ ބްރިޖް މަތީ ހިނގި އެކްސިޑެންޓެއްގައި މިދިޔަ ބުދަދުވަހުގެ ރޭ އެއް އަހަރުގެ ކުއްޖަކު ޒަހަމްވި އެވެ.

ހުޅުމާލޭގައި އެމްޓީސީސީގެ ބަހެއްގެ ދަށުވެ ޔުކްރެއިންގެ އަންހެން ޓޫރިސްޓަކު ވަނީ މަރުވެފަ އެވެ. އެ އެކްސިޑެންޓް ހިނގީ ބަސް ޑްރައިވަރު ނިދި ޖެހިފައި އިންދަ އެވެ.