ނުވަ އަހަރުގެ ކުއްޖަކަށް، 13 އަހަރާއި 16 އަހަރުގެ ދެ ބޭބެ ޖިންސީ އަނިޔާކުރާ ކަމުގެ ތުހުމަތު!

އުމުރުން ނުވަ އަހަރުގެ ކުއްޖަކަށް، އޭނާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެ ޖިންސީ އަނިޔާ ކުރަމުން ދާކަމުގެ ތުހުމަތުގައި އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.


ފުލުސް އޮފީހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރަމުންދާ ކަމަށް މި މަހުގެ 10 ވަނަ ދުވަހު ހުށަހެޅި މައްސަލައެއް އިތުރަށް ބެލިބެލުމުން އެ އަނިޔާކުރަނީ ކުއްޖާގެ 18 އަހަރު ނުފުރޭ ދެ ބޭބެ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެކަމަކު މިއީ ހުސް ކުޑަކުދިންތަކެއް ހިމެނޭ މައްސަލައެއް ކަމުން އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.

ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިންގެ އެއްވެސް ކަހަލަ އައިޑެންޓިޓީއެއް ހާމަނުކުރާތީ، އެއީ ކޮން ރަށެއްގެ ނުވަތަ ކޮން އަތޮޅަކަށް ނިސްބަތްވާ ބައެއްކަން ވެސް ފުލުހުން ނުބުނެ އެވެ.

މި މައްސަލާގައި ހިމެނޭ ނުވަ އަހަރުގެ ކުއްޖާގެ ޖިންސެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި ތުހުމަތުކުރެވޭ ދެ ބޭބެ ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނުބުނެ އެވެ.

އެކަމަކު އެވަރުގެ ކުޑަކުއްޖަކަށް އޭނާގެ 18 އަހަރު ނުވާ ދެ ބޭބެއަކު ޖިންސީ އަނިޔާކުރާކަމުގެ އެއްވެސް ކަހަލަ ކޭހެއް މީގެ ކުރިން އެނގިފައެއް ނުވެ އެވެ. އެހެންކަމުން މިއީ ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މުޅިން ތަފާތު ކޭހެއް ކަމަށް ބެލެވެ އެވެ.

ކުޑަކުދިން ހިމެނޭ ވަރަށް ނުބައި މައްސަލަތައް ދޭތެރެދޭތެރެ އިން ފެންމަތިވެ އެވެ. އެގޮތުން ދާދި ފަހުން ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު، ނަހަލާލަށް ބަލިވެ އިނދެ ގޭގައި ވިހައި، ތުއްތު ދަރިފުޅު މަރުވުމުގެ ހާދިސާއެއް ހިނގައިފަ އެވެ.

ގޭގައި އޭނާ ވިއްސަން އުޅުނީ އާއިލާގެ މީހަކާއި އޭނާގެ ލޯބިވެރިޔާ ކަމަށްވެ އެވެ. މި މައްސަލާގައި ކުއްޖާގެ ލޯބިވެރިޔާ ވަނީ ހައްޔަރުކޮށްފަ އެވެ.

ދުވަސް ފުރައި ވިހެއި ދަރިފުޅު މަރުވީ ވިހެއުމުގެ ތެރޭގައި ކަމެއް ނުވަތަ ވިހާފައި މަރާލީ ކަމެއް އަދި ސާފެއް ނުވެ އެވެ.