ރަށަށް ނުގޮސް މަޑުކުރީ މަންމަމެން ހައްޖުން އަންނަންދެން، ދެން ކުރިމަތިވީ ހިތާމަވެރި އެ ހާދިސާ

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި ފާތިމަތު ޝިއުނާ މަރުވީ ގާތް ރައްޓެއްސަކާ އެކު ސައިކަލް ދުއްވާލަން ނުކުމެ އުޅެނިކޮށް ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.


ޝިއުނާ، 28، ރ. ރަސްގެތީމު، ސައިކަލްގައި ނުކުތީ އެ ރަށަށް ނިސްބަތްވާ ގާނޫނީ ވަކީލެއް ކަމަށްވާ މުހައްމަދު ޝާހިދު، 35، އާ އެކު އެވެ. ސައިކަލްގެ ފަހަތުން ބާރަށް ދުއްވާފައި އައި ކާރަކުން ޖެހި ހިނގި އެކްސިޑެންޓްގައި ލިބުނު ސީރިއަސް ގެއްލުންތަކުގައި އޭނާ މަރުވީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ.

ޝާހިދަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ގެންދަނީ ވެސް އައިޖީއެމްއެޗުގަ އެވެ. އެކަމަކު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެ އެވެ.

އެކްސިޑެންޓް ހިނގީ ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ އެޗުޑީސީގެ ނާސަރީ ކުރިމަތިން ކަހަލަ ގޮތަކަށެވެ. އެކްސިޑެންޓްގައި ކާރުގެ ކުރީކޮޅަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ

ކުރިން މީހަކާ އިނދެ ހަ އަހަރުގެ ކުއްޖެއް ހުރި ޝިއުނާ މާލެ އައީ މަންމަ އާއި އެއްބަނޑު އެއްބަފާ ދައްތަގެ އިތުރުން ތިމާގެ އެހެން ބަޔަކު ހައްޖަށް ފުރުވާށެވެ. ދަރިފުޅާ އެކު އޭނާ ހުޅުމާލޭގައި މަޑުކޮށްގެން ހުރީ، އާއިލާގެ މީހަކު ބުނި ގޮތުގައި، މަންމަމެން އެނބުރި އަންނަންދެނެވެ.

"ޝިއުނާ އާއި ޝާހިދަކީ ގާތް ދެ ރައްޓެހިން،" އާއިލާގެ މީހަކު ބުންޏެވެ.

ޝާހިދު ގެންދަނީ އިސްލާމިކް ޔުނިވަސިޓީގައި ގާނޫނީ ރޮނގުން ކިޔަވައި ވެސް ދެމުންނެވެ.

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި ކާރު ހަލާކުވެފައި.-- ފޮޓޯ: ފޭސްބުކް

އެކްސިޑެންޓްވީ ހުޅުމާލޭ ގެސްޓްހައުސްއެއްގެ ކާރެކެވެ. އެކަމަކު އޭރު އެ ދުއްވީ އެތަނުން ކުއްޔަށް ހިފި މީހެކެވެ. ދުއްވި މީހާ ނޫން އެހެން މީހަކު ކާރަކު ނެތެވެ.

އެކްސިޑެންޓް މައްސަލާގައި ފުލުހުން އޭނާ އަދި ހައްޔަރެއް ނުކުރެ އެވެ. އޭނާ އަށް މާ ބޮޑު އަނިޔާއެއް ވެސް ނުލިބެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކާރަށް ލިބިފައިވާ ބޮޑެތި ގެއްލުތަކަށް ބަލާ އިރު އެ ދުއްވާފައި ދިޔައީ ވަރަށް ބާރަށް ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

"ކާރު ދުއްވަން އިން މީހާގެ ބަޔާން ނަގާފައި އަޅުގަނޑުމެން މިހާރު ވަނީ. އޭނާ ހައްޔަރު ކުރަން ޖެހުނީމަ ހައްޔަރުކުރާނަން. މައްސަލަ މިހާރު ކުރިއަށްދަނީ،" އޮފިޝަލް ވިދާޅުވި އެވެ.