"މިހާރު" އަށް ލިޔުންތެރިން ހޯދަން ހުޅުވާލައިފި

"މިހާރު" އަށް އެކި ދާއިރާތަކުން ލިއާނެ ލިޔުންތެރިންނާއި ފޮޓޯ ޖާނަލިސްޓުން ހޯދަން މިއަދު ހުޅުވާލައިފި އެވެ.


މީގެ ތިން މަސް ކުރިން ރާއްޖޭގައި ނެރެން ފެށި އޮންލައިން އަދި ޗާޕް އަދަދު ވެސް ހިމެނޭ "މިހާރު"ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ ތެރެއަށް އަލަށް ވަންނަން ބޭނުން ޒުވާނުންނަށް ވެސް މިއީ ރަނގަޅު ފުރުސަތެކެވެ.

އާންމު ހަބަރުތަކުގެ އިތުރުން ވިޔަފާރި އާއި ސިއްހަތާއި މުނިފޫހިފިލުވުމުގެ ދާއިރާ އިން ލިއަަން ޝައުގުވެރިކަން ހުރި މީހުންނަށް ވެސް "މިހާރު" ން ފުރުސަތު ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭގެ ތެރޭގައި ކޮލަމިސްޓުންނަށް ވާން ބޭނުން މީހުން ވެސް ހިމެނޭނެ އެވެ.

"ނޫސްވެރިކަން ރާއްޖޭގައި އަންނަނީ ކުރިއަރަމުން. ޒުވާނުންނަށް މިއީ ވަރަށް ރަނގަޅު ދާއިރާއެއް،" އޮފިޝަލް ވިދާޅުވި އެވެ.

"އަލަށް ވަންނަ ކުދިންނަށް ފުރަތަމަ ކޯސްތައް ހިންގާނެ. ނޫސްވެރިކަމުގެ އަސާސީ ހުނަރު ނިއުސްރޫމް ތެރޭގައި ދަސްކޮށްދޭނެ."

ލިޔުންތެރިންގެ އިތުރުން ފޮޓޯގްރަފީގެ ދާއިރާ އަށް ޝައުގުވެރިކަން ހުންނަ މީހުންނަށް ވެސް "މިހާރު"ގައި މަސައްކަތްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

"މިހާރު" ނިއުސް ރޫމްގެ ބައެއް ނޫސްވެރިން މަސައްކަތުގައި: އާ ލިޔުންތެރިން ނޫސްވެރިކަމަށް ނެރެން "މިހާރު"ން ބޭނުންވޭ

"މިހާރު"ގައި މިހާރު ވެސް ސިއްހަތާއި މުނިފޫހިފިލުވުމާއި ލައިފްސްޓައިލް އަދި ވިޔަފާރީގެ ވަކި ސެކްޝަންތައް ވަނީ ހަދައިފަ އެވެ. މިއިން ކޮންމެ ދާއިރާއަކުން ލިޔަން ބޭނުން ތަޖުރިބާކާރުންނަށް ވެސް ފުރުސަތު އޮތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެ މީހުން ގޭގައި ތިބެގެން ވެސް މަސައްކަތްކުރެވޭނެ އެވެ.

"ސިއްހީ ދާއިރާގެ ރަނގަޅު ލިިޔުންތައް ވެސް އަޅުގަނޑުމެން ބޭނުން. ވިޔަަފާރި އާއި އިގުތިސާދީ ދާއިރާގެ މައުލޫމާތު ހުރި މީހުންގެ ލިޔުންތައް ވެސް ބޭނުން. އެ ހުރިހާ މީހުން ގޭގައި ތިބެގެން ވެސް ކޮންޓްރިބިއުޓްކުރެވިދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

"މިހާރު"ން ހުޅުވާލި މި ފުރުސަތުތަކަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު 29، 2016 އެވެ. ސީވީ އާއި ތައުލީމީ ސެޓްފިކެޓްތަކާ އެކު ފޮނުވާނީ jobs@mihaaru.com އަށެވެ.

"މިހާރު"ގައި މަސައްކަތްކުރަމުން އަންނަނީ ނޫސްވެރިކަމުގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު ޓީމެވެ. އޭގެ ތެރޭގައި ނޫސްވެރިކަމުގައި ދިގު މުއްދަތެއް ހޭދަކުރި އެޑިޓަރުން ވެސް ހިމެނެ އެވެ.