ރައީސް ބޭނުންފުޅުވާ ބޭފުޅަކު މަޖިލީސް ރައީސް ކަމަށް ހޮވަން މަސައްކަތް ކުރާނަން: ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވާ މެމްބަރުން ހޮވަން މަސައްކަތް ކުރައްވާނެ ކަމަށް ތިމަރަފުށީ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.


ކިނބިދޫ ދާއިރާގެ ގޮނޑި މިހާރު ފުރުއްވާ، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އޭނާގެ ތާއީދު އޮތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވާ ބޭފުޅުންނަށް ކަމަށެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސުންނަށް އެ ބޭފުޅުން އިންތިޚާބު ކުރަން ޖުމްހޫރީ ޕާޓީގެ މަޖިލީސް މެމްބަރުންގެ ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސްޓޭންޑަކީ އެއީ، މަސައްކަތް ވެސް ކުރާނީ އެ ގޮތުގައި،" ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ކުރައްވާ ރިޔާޒް ވިދާޅުވި އެވެ.

މަޖިލީސް އިންތިޚާބުގައި، ސަރުކާރު ކޯލިޝންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަށް ލިބުނީ ފަސް ގޮނޑި އެވެ.

ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން 65 ގޮނޑިއާ އެކު ސާފު އަޣުލަބިއްޔަތު ހޯދި މަޖިލީހުގެ ރައީސް ކަމަށް އެ ޕާޓީން ފަސް ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެއީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާ އިން އިންތިޚާބުވެވަޑައިގެންނެވި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

މަޖިލިހުގެ ރައީސް ކަމަށް ޝައުގުވެރިވެވަޑައިގެންނެވި އެމްޑީޕީގެ ބޭފުޅުން. (ކ-ވ) މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، އިންތިޚާބީ މެމްބަރު މުހައްމަދު އަސްލަމް އަދި އައްޑޫ މިދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް. --- ފޮޓޯ: މިހާރު

މީގެތެރެއިން އެންމެ ވާދަވެރިކަން ބޮޑީ، އަފީފާއި އަސްލަމާ ދެމެދެވެ.

ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާ އިން އިންތިޚާބުވެވަޑައިގެންނެވި މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ އަސްލަމަށެވެ. ގާބިލް ބޭފުޅުން އެމްޑީޕީގައި ތިއްބެވި ކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އަސްލަމްގެ ނަން ވިދާޅުވެފަ އެވެ.

އަފީފާއި އަސްލަމްގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދުކުރައްވަނީ ކޮން ބޭފުޅަކަށް ކަމެއް މިހާތަނަށް މީޑިއާގައި ވިދާޅުވެފައެއް ނުވެ އެވެ. އެކަމަކު، އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، ރައީސް ބޭފުޅުންފުޅުވަނީ، މަޖިލީސް ރައީސަކަށް އަފީފެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ވަކި ބޭފުޅަކަށް ތާއީދު ކުރައްވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާތަނަށް ވިދާޅެއް ނުވެ އެވެ. އެހެންވިޔަސް ރިޔާޒު ގަބޫލުކުރައްވާ ގޮތުގައި މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ވާނީ، ރައީސަށް އިތުބާރު ކުރެއްވޭ ގާބިލް، ބޭފުޅެކެވެ.

ރައީސް ވެރިކަމަށް ވަޑައިގަތީ، ރައްޔިތުންނަށް މުހިއްމު ވައުދުތަކަކާ އެކު ކަން ފާހަގަކުރައްވަމުން ރިޔާޒް ވިދާޅުވީ އެ ވައުދުތައް ފުއްދުމަށް މަޖިލީހުގެ ދައުރު ބޮޑު ކަމަށެވެ. ތިމަރަފުށީ ދާއިރާ އާއި އެހެން ދާއިރާތަކުގެ ރައްޔިތުްން އެދޭ، އުއްމީދީ ބަދަލުތައް ގެނެވެން އޮތީ މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދީގެން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާނީ، އަލަށް އިންތިޚާބުވެވަޑައިގަތް މެމްބަރުން މި މަހު 28 ގައި ހުވާ ކުރައްވައި ބާއްވާ ފުރަތަމަ ޖަލްސާގަ އެވެ. ގާނޫނުއަސާސީގައި އޮންނަނީ، މަޖިލީހުގެ ރައީސަކު ކަނޑައަޅާނީ ސިއްރު ވޯޓަކުން ކަމަށެވެ. އެ ނޫން ގޮތަކަށް ވޯޓު ނެގޭނީ މަޖިލީހުގެ ޖަލްސާއަކުން ފާސްކޮށްގެންނެވެ.