އިކޮނޮމިކް މިނިސްޓްރީ އަށް ނައިބަކު ހަމަޖައްސައިފި

އިކޮނޮމިކް މިނިސްޓްރީ އަށް އާ ނައިބަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަމަޖައްސައިފި އެވެ.


މި މަގާމަށް އައްޔަންކުރީ މއ. އެރިޒޯނާގެ މަރިޔަމް ނާޒިމާ އެވެ.

އިންޑިއާގެ ނިއު ދިއްލީން ހިއުމަން ރިސޯސް ޕްލޭނިން އެންޑް ޑިވެލޮޕްމެންޓުން މާސްޓާސް ހާސިލްކުރައްވާފައިވާ ނާޒިމާ ވަނީ އެމްޕްލޮއިމެންޓް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

މީގެ އިތުރުން ހިއުމަން ރިސޯސް މިނިސްޓްރީގެ ޔޫތު އެންޑް ސްޕޯޓްސް އެސިސްޓެންޓް ޑައިރެކްޓަރު ޖެނަރަލްގެ މަގާމާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އެމްޕްލޯއިމެންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމު ވެސް ނާޒިމާ އަދާކުރައްވާފައި ވެ އެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އާއި 12،500ރ. ގެ އެލަވަންސެކެވެ.