ތަހުގީގުތައް އަވަސް ކުރުމަށް ޝިދާތާ ފުލުހުންގެ ވެރިންނާ ބައްދަލުކުރައްވައިފި

ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ޖެންޑާ މިނިސްޓްރީއާ ގުޅުން ހުރި މައްސަލަތައް އަވަސްކޮށް ދިނުމަށް އެދި ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް، ފުލުހުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.


ޖެންޑަ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި އޮތް ބައްދަލުވުމުގައި ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އެ މިނިސްޓްރީއާ ގުޅުން ހުރި ހައްސާސީ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމާއި ގުޅޭ ގޮތުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއާ މަޝްވަރާ ކުރެއްވި ކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީއާ ގުޅުން ހުރި ވަކިވަކި މައްސަލަތައް މިނިސްޓަރު، ޕޮލިސް ކޮމިޝަނަރުގެ ސަމާލުކަމަށް ގެންނެވި ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

ޖެންޑާ މިނިސްޓްރީއާ ގުޅުންހުރި މައްސަލަތައް އަވަހަށް ނިންމުމަށް ބާރު އެޅުއްވުމަށް ފުލުހުންގެ ވެރިންނާ ޝިދާތާ ބައްދަލު ކުރެއްވި އިރު، ކުޑަކުދިންނާއި އަންހެނުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ އެކި ގޮތްގޮތުން އަނިޔާ ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ އަންހެނަކަށް އަނިޔާ ކުރި މައްސަލައަކާއި 15 އަހަރުގެ އަންހެން ކުއްޖަކު ވިހެއި ދަރިފުޅު މަރުވި މައްސަލައަކާއި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް 18 އަހަރު ނުވާ ދެ ބޭބެއަކާއި އެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.