އެގްޒިޓް ޕޯލުން މޯދީ ކުރި ހޯދުމުން ނަޝީދު މަރުހަބާ ދަންނަވައިފި

އިންޑިއާގައި ނިމުނު އިންތިހާބު ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދެއްކުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު، މޯދީ އަށް މިރޭ މަރުހަބާ ދަންނަވައިފި އެވެ.


އަވަށްޓެރި އިންޑިއާއާ އެކު ގާތް ގުޅުމެއް ބާއްވަވަމުން އަންނަ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރާއި ރައްޔިތުން އިންޑިއާއާ އެކު ބޭއްވި ގާތް ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ބާއްވާނެ ކަމަށެވެ. އަދި ދިވެހިން ތިބީ މޯދީ އާއި ބީޖޭޕީ ކޯލިޝަންގެ ސަރުކާރާ އެކު ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ކުރެއްވި ޓުވީޓު.

އިންޑިއާގެ މީޑިއާތަކުން މިއަަދު އާއްމުކުރި އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި ބީޖޭޕީ އަށް ބައެއް ގޮނޑި ގެއްލުނު ނަމަވެސް، ކޯލިޝަންގެ ބައިވެރިންގެ ތާއީދާ އެކު އެެ ޕާޓީ އަށް ޕާލަމެންޓުގެ ދަށު ގޭގެ 543 ގޮނޑީގެ އަޣުލަބިއްޔަތު ލިބޭނެ އެވެ.

ބީޖޭޕީ އިސްކޮށް ހަރަކާތްތެރިވާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން ޕާލަމެންޓުގެ ދަށުގޭ ނުވަތަ ލޮކް ސަބާގެ 287 އާއި 306 އާ ދެމެދުގެ އަދަދެއްގެ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް މަދުވެގެން ހަތަރު އެގްޒިޓް ޕޯލުން ދައްކަ އެވެ. އިދިކޮޅު އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީ އިސްކޮށް އޮވެ އުފައްދާފައިވާ ޔުނައިޓެޑް ޕްރޮގްރެސިވް އެލަޔަންސް (ޔޫޕީއޭ) އަށް ލިބޭނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކަނީ 128-132 އާ ދެމެދުގެ އަދަދެއްގެ ގޮނޑި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށް، އެ ގުޅުން ބަދަހި ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ. އެގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދަތުރުފުޅެއް ކުރެއްވީ ވެސް އިންޑިއާ އަށެވެ.

އިންޑިއާ އިން ރާއްޖެ އަށް ބޮޑެތި އެހީތަކެއް މިހާރު ވެސް ދޭ އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވި އެވެ.