ކުރީގެ ލޯބިވެރިޔާ އަށް އަދަބު ލިބެން ޖެހެނޭ، އަޅުގަނޑުގެ ބައިވެރިވުމެއް ނެތް: ކުއްޖާގެ މަންމަ

އުމުރުން ނުވަ އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި، ކުރީގެ ލޯބިވެރިޔާ އަށް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށާއި އެކަމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ކުއްޖާގެ މަންމަ އިއްޔެ ބުނެފި އެވެ.


މާލެ އިން ދެކުނުގެ ރަށެއްގައި އަންހެން ކުއްޖާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެ ޖިންސީ އަނިޔާކުރި ކަމަށް ބުނާ މައްސަލައަކާއި މަންމަގެ ކުރީގެ ލޯބިވެރިޔާ ވެސް ކުއްޖާއާ ބެހުނު މައްސަލައެއް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އަންނަނީ ތަހުގީގުކުރަމުންނެވެ. އެ ނުބައި އަމަލްތަކުގެ ޝިކާރައަކަށްވި އަންހެން ކުއްޖާ މިހާރު ހުރީ، މަންމަގެ ބެލުމުގެ ދަށުން ގެންގޮސް، އާއިލާގެ އެހެން މީހަކާ ހަވާލުކޮށްފަ އެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ މަންމަގެ 71 އަހަރުގެ ލޯބިވެރިޔާ ހައްޔަރުކޮށްފަ އެވެ.

ކުޑަކުދިންތަކެއް ހިމެނޭ މައްސަލައަކަށް ވާތީ އެ ކުދިންގެ އައިޑެންޓިޓީ އެނގޭނެ އެއްވެސް މައުލޫމާތެއް ހާމަކުރަން ފުލުހުން ބޭނުމެއް ނުވެ އެވެ. އޭގެ ތެރޭގައި ރަށުގެ ނަން ވެސް ހިމެނެ އެވެ.

އުމުރުން 48 އަހަރުގެ މަންމަ "މިހާރު" އަށް ބުނީ އޭނާގެ އަންހެން ދަރިފުޅަށް އެ ފިރިހެންމީހާ ޖިންސީ ގޯނާކުރީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކަމަށް ވިޔަސް، އެކަމުގެ މައުލޫމާތު ދަރިފުޅު ހާމަކުރީ ދާދި ފަހުން ކަމަށެވެ. އެކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ވެސް މަންމަ ބުންޏެވެ.

"އެކަން ހިނގި ފަހުން ދަރިފުޅުގެ ފަރާތުން އެއްވެސް ހާސްކަމެއް ނޫނީ ނުތަނަވަސް ކަމެއް ނުފެނޭ. އެހެން އުޅެނިކޮށް އެއް ދުވަހު އަޅުގަނޑު އެހީ ބޭބެގެ [ފިރިހެންމީހާ] ގެއަށް މިއުޅެނީ ދާންށޭ، އެހެންވެ ދަރިފުޅު ދާނަންހޭ؟ އެހީމަ ބުނީ އެއީ ވަރަށް ގޯސް ބޭބެއެކޯ އެ ގެއަކަށް ނުދާނަމޯ،" ކުއްޖާގެ މަންމަ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި އެކަމެއް ހިނގީ ފިރިހެންމީހާއާ އެކު ސައިކަލް ދުއްވާލަން ދަރިފުޅު ދިޔަ ދުވަހެއްގަ އެވެ.

"ދަރިފުޅު ބުނީ އައިސްކްރީމް ދީފައި، ފިރިހެން މީހާ ދިރިއުޅޭ ގެއަށް ގެންގޮސް ޖިންސީ ގޯނާ ކުރި ވާހަކަ،" މަންމަ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ފިރިހެން މީހާއާ ރައްޓެހިވި އިރު، އެއީ އެކަހަލަ މީހެއް ކަމެއް އެނގިފައެއް ނެތެވެ. އަދި އެކަމެއް ހިނގީ އެމީހާއާ ކައިވެނިކުރަން ތައްޔާރުވަނިކޮށް ކަމަށް ވެސް އޭނާ ބުންޏެވެ.

"އެމީހާއާ ރައްޓެހިވެގެން އުޅުނުތާ ދެ މަސް ވާނީ. ކައިވެނި ކުރަން ވެގެން ފޯމް ވެސް ފުރިން. އެކަމަކު ޖެހުނު މައްސަލަތަކެއްގައި މި ރޯދަ މަހުގެ ކުރީ ކޮޅު އެމީހާއާ ރުޅިވީ. ރުޅިވީ އެ ކުއްޖާއާ ބެހުނު ކަން އެނގިގެނެއް ނޫން. އެކަން ފަޅާއެރީ އެމީހާއާ ގުޅުން ކަނޑާލި ފަހުން،" މަންމަ ބުންޏެވެ.

އަންހެން ކުއްޖާ އަށް ދެ ބޭބެ އިން ވެސް ޖިންސީ ގޯނާ ކުރާކަމުގެ ތުހުމަތުތައް ކުރެވޭ އިރު އެކަމާ ގުޅިގެން މަންމަ ބުނީ އެކަހަލަ މަންޒަރެއް ދުވަހަކު ވެސް ފެނިފައި ނުވާ ކަމަށެވެ.

"އެކަހަލަ ގޯސް ވާހަކައެއް އެ ކުދިންނާ ބެހޭ ގޮތަކުން ނުބުނޭ. އެކަމަކު ދެ ބޭބެ އެ ކުއްޖާގެ ގައިގައި އަތްލައި ހަދާ ވާހަކަ ބުނާނެ އަބަދުވެސް،" މަންމަ ކިޔައިދިނެވެ.

އަންހެންމީހާ މިހާތަނަށް ވަނީ ހަ ކައިވެންޏެއްކޮށްފަ އެވެ. ނުވަ ކުދިން ތިބެ އެވެ. އޭގެ ތެރެއިން ހަ ކުދިން ލިބުނީ އެކި ކައިވެނިންނެވެ. ނަމަވެސް ނުވަ އަހަރުގެ އަންހެން ކުއްޖާ އާއި 13 އަހަރާއި 16 އަހަރުގެ ފިރިހެން ދެ ކުދިން ލިބުނީ ނަހަލާލަށެވެ.

މި މައްސަލަ ދިމާވުމުގެ ކުރިން ތިން ކުދިން ވެސް ބަލަމުން ގެންދިޔައީ އޭނާ އެވެ.

މަންމަ ބުނި ގޮތުގައި އެއްވެސް ކުއްޖަކާ ދޭތެރޭގައި ގަސްދުގައި ދެރަ ގޮތެއް ހެދުމަކީ އޭނާގެ ނިޔަތެއް ނޫނެވެ. ހާއްސަކޮށް، އޭނާގެ ބެލުމުގެ ދަށުން އަންހެން ކުއްޖާ ގެންދިއުމުން އެކަމާ ވަރަށް ހިތާމަކުރާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަށް ފެނޭ މައިން ކުދިން ވިހާފައި މަގުމައްޗަށް އެއްލައިލާތަން. އަޅުގަނޑަކީ އެކަނިމާއެކަނި ދިރިއުޅެމުން ދިޔަ މީހެއް. ނުނިދި އަބަދު ހިޔާލު ކުރަން ޖެހުނީމަ ދެރަވޭ. ނުވަ ކުދިން ގޮވައިގެން މި ހިސާބަށް މިއައީ ވަރަށް ކެތްތެރިކަމާއި ހިތްވަރުކޮށްގެން،" އޭނާ ބުންޏެވެ.