މަސްތުވާތަކެތި ބޭނުންކުރުމުގެ ހުރިހާ ކަމެއް ކޮށްދޭ ގެތައް އެބަހުރި: ފުލުހުން

ސެކިއުރިޓީ ވަރުގަދަކޮށްގެން، މަސްތުވާތަކެތީގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރާ ބައެއް ގެތައް މާލޭގައި އެބަހުރި ކަމަށް ފުލުހުން ބުނެފި އެވެ.


އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ ގްރޫޕް ހަދައިގެން މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، އެފަދަ ވިޔަފާރިކުރާ މާލޭގެ ހަތަރު ގެއެއް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސްތުވާތަކެތި ގަނެގެން، މަސްތުވާތަކެތި އެތަނުގައި ބޮއެގެން، އެތަނުގެ ތެރޭގައި ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ކަންކަން ބައްޓަން ކުރަމުންދާ ކަން ފާހަގަ ކުރެވޭ،" ޝާކިރު ވިދާޅުވި އެވެ.

މާލެ ގެއަކުން މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފައި. -- ފޮޓޯ: ޕޮލިސް

ފުލުހުން އެ ގެތަކަށް ވަނުމަށް ހުރަސް އެޅުމުގެ ގޮތުން ގޭގޭގެ ދޮރުގައި ބޮޑެތި ދަގަނޑު ފިލާ ހަރުކޮށް، ބަންދުކޮށްފައި ހުންނަ ކަމަށް ޝާކިރު ވިދާޅުވި އެވެ. އެކަމަކު، މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި އެފަދަ ތަންތަން ހަލާކުކޮށްލައިގެން ވަނުމަށް ފުލުހުން ފަސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ފުލުހުން ބަލައި ފާސް ކުރި ގ. ޕެލިކަން، ގ. މެމޮރީވިލާ އަދި މ. އެވަރެސްޓްއާގެ އާއި މއ. ބޯކެޔޮގަސްދަށުގޭގައި ދަގަނޑު ދޮރު ހަރުކޮށް ސެކިއުރިޓީ ވަރުގަދަކޮށްފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގެތަކުގައި މަސްތުވާތަކެތި ބޭނުން ކުރަން ތިބި ގިނަ ބަޔަކު ވެސް ހައްޔަރު ކުރި އެވެ.

ފުލުހުން ވެއިތުވެދިޔަ ހަތަރު މަސް ދުވަހު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 51 މައްސަލައަކާއި މަސްތުވާތަކެތި ޕެޑަލް ކުރުމުގެ 204 މައްސަލައަކާއި ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅުމުގެ 39 މައްސަލައަކާއި މަސްތުގެ ހާލުގައި ތިބި 309 މީހެއްގެ މައްސަލަ ހިމެނެ އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާކިރު (ކ) ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިދިޔަ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ބަލާއިރު، މަސްތުގެ ހާލަތުގައި ތިބި 345 މީހަކާއި މަސްތުވާތަކެތި ޓްރެފިކްކުރި 111 މީހަކާއި މަސްތުވާތަކެތި ޕެޑަލްކުރި 394 މީހަކާއި ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެގެން 77 މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މިހާތަނަށް ހެރޮއިންގެ 158 ކިލޯ، ކެނަބިސްގެ 65 ކިލޯ އަތުލައިގެންފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ތަހުގީގުކުރި މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 24 މައްސަލައަކާއި މަސްތުވާތަކެތި ޕެޑަލް ކުރުމުގެ 201 މައްސަލައަކާއި ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅުމުގެ 16 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް އެދި ޕީޖީ އަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުރަތަމަ ކުއާޓަރުގައި ކޯޓު އަމުރެއްގެ ދަށުން 22 ގެއެއް ބަލާ ފާސްކޮށް، 3000 އަށް ވުރެ ގިނަ މީހުން ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.