ޔާމީންގެ މަރުގެ ދައުވާލިބޭ މީހުން ކުރިކަމަށް ބުނާ އަމަލު ހާމަކުރަން ފުރުސަތު ދީފި

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާލިބޭ މީހުން ކުރި ކަމަށް ތުހުމަތުކުރާ އަމަލެއް ދައުވާ އިން އެނގެން ނެތުމުން ދިފާއީ ވަކީލުން ފާޅުކުރި ކަންބޮޑުވުންތަކާ އެކު، އެ ކަންކަން ސާފުކޮށް ދިނުމަށް ދައުލަތަށް ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.


އޭޕްރީލް، 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ޔާމީން މަރާލި މައްސަލާގައި ހަ މީހަކަށް ދައުލަތުން ދައުވާ ކުރެ އެވެ. އެއީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ އިތުރުން މ. ކުދެހިގޭ ހަސަން ޝިފާޒާއި މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހަސަން ޒިޔާދެވެ. އެ ހަ މީހުންގެ މައްޗަށް ވެސް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލާގެ ކުރީގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާ ނުލައި ސިއްރު ކޮށްގެން ކަމަށް ވިޔަސް، މިއަދުން ފެށިގެން އެ މައްސަލަ ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އަދި ކުރިން ގާޒީ އިބްރާހިމް އަލީ ބެއްލެވި އެ މައްސަލަ މިހާރު ބައްލަވަނީ ގާޒީ އަލީ ރަޝީދު ހުސައިންނެވެ.

ކުރިން އެ މައްސަލަ ބެއްލެވި ގާޒީ އަޑުއެހުންތައް ކުރިއަށް ގެންދެވިއިރު، އެ މައްސަލަ އޮތީ އިބްތިދާއީ މަރުހަލާ ނިންމައި ޝަރީއަތުގެ މަރުހަލާ ފަށާނެ ކަމަށް އިއުލާންކޮށްފަ އެވެ. އެކަމަކު ގާޒީ އަލީ ރަޝީދު އެ މައްސަލައާ ހަވާލުވެ ވަޑައިގަތުމަށް ފަހު ނިންމީ އިތުރަށް ކަށަވަރު ކުރަންޖެހޭ ކަންތައްތައް ކަށަވަރު ކުރުމަށްޓަކައި އިބްތިދާއީ މަރުހަލާ އަދިވެސް ކުރިއަށް ގެންދިއުމަށެވެ.

މިއަދުގެ އަޑުއެހުން ފެށުމާ އެކު ދިފާއީ ވަކީލުން އެންމެ ބޮޑަށް ފާހަގަކުރި މައްސަލައަކީ ދައުލަތުގެ ދައުވާގައި ދައުވާލިބޭ މީހުން ކުރި ކަމަށް ތުހުމަތުކުރާ އަމަލެއް ބުނެފައި ނެތުމެވެ. ދައުވާގައި ހަމައެކަނި އޮތީ އެ ހަ މީހުން ބައިވެރިވެގެން ޔާމީން މަރާލި ކަމަށް ކަމަށާއި އެކަމުގައި ބައިވެރިވުމުގެ ގޮތުން އެ މީހުން ކުރި އަމަލެއް ބުނެފައި ނެތް ކަމަށް ދިފާއީ ވަކީލުން ބުންޏެވެ.

ޖަވާބުގައި ދައުލަތުން ފުރަތަމަ ބުނީ ހެކިންގެ ހެކިބަސް ނަގާއިރު ދައުވާލިބޭ މީހުން ކުރި އަމަލުތައް ސާފުވާނެ ކަމަށެވެ. އަދި އެ މީހުންގެ މައްޗަށް ދައުވާކުރާ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނު އޮންނަ ގޮތުން ތޫނު އެއްޗެއް ބޭނުން ކޮށްގެން މީހަކު މެރުމުގައި ބައިވެރިވާ އެންމެން ވެސް މީހަކު މެރުމުގެ ކުށުން ކުށްވެރިވާނެ ކަމަށް ދައުލަތުން ބުންޏެވެ. އެ ވާހަކަ ކުރީގެ އަޑުއެހުންތަކުގައި ވެސް ވަރަށް ގިނައިން ދައްކާފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެކަމަކު އަނެއްކާވެސް ދިފާއީ ވަކީލުން ވަނީ އެ ކަން ދައުލަތަށް ސާފުކޮށް ނުދެވޭ ނަމަ، ދިފާއު ވެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ ދައުވާލިބޭ މީހުންގެ މައްޗަށް އަންނާނެ އަދަބަކީ މަރުގެ އަދަބު ކަމަށާއި އެވަރުގެ ބޮޑު މައްސަލައެއްގައި ކުރި އަމަލެއް ސާފު ނުވާ ނަމަ ދިފާއު ބިނާކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެ، ވަކީލުން ތަކުރާރުކޮށް ޝަކުވާ ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ޔާމީން މަރާލި މައްސަލައަކީ ދުރާލައި ރޭވިގެން އަދި އެކި ފަހަރު މަތިން ފާރަލަމުން ގޮސް ހިންގި އަމަލެއްކަން ހެކިން ތަހުގީގަށް ދިން ބަޔާންތަކުން އެނގޭ ކަމަށާއި ދައުވާ ބިނާކުރީ އެ ބަޔާންތަކަށް ކަމަށެވެ. އެގޮތުން ޔާމީނަށް ފާރަލަން ތިބޭ މީހުންނަށް ކާބޯތަކެތި ގެންގޮސް ދިނުން ފަދަ ކަންކަން ކުރި މީހުން ތިބިކަން ވެސް ހެކިންގެ ބަޔާންތަކުން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.

އެކަމަކު ދައުވާގައި އެ ހުރިހާ ތަފްސީލުތައް އިތުރަށް ހާމަކޮށްފި ނަމަ، ހެކިވެރިންނަށް ނުފޫޒު ފޯރައި، ހެކިބަސް ބަދަލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވަކީލާ ވިދާޅުވި އެވެ.

ދައުވާ ލިބޭ ހައިޝަމާއި ޒިހާންގެ ވަކީލް އަބްދުﷲ ހަސީން ރައްދުގައި ވިދާޅުވީ ކުރި އަމަލެއް އެނގެން ނެތީސް ދިފާއު ބިނާ ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި ދިފާއު ބިނާ ކުރުމުގެ ފުރުސަތު ނުދީ އަދަބެއް ދިނުން "އަތްފައި ބަނދެފައި މަރާލުން ފަދަ" ކަމަށެވެ. އަދި އެ މައްސަލާގައި ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ މަރުގެ އަދަބު ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ހެކިން ސިއްރު ކުރުމަކީ ބައެއް ހާލަތްތަކުގައި ކުރެވިދާނެ ކަމެއް ކަމަށާއި އެކަމަކު ދައުލަތުން ތުހުމަތުކުރާ އަމަލެއް ބުނެ ނުދެވޭ މިންވަރަށް ކަންކަން ދައުލަތުން ސިއްރު ކުރުމުން އިންސާފު ގާއިމުކުރެވޭނެ ކަމަށް ނުދެކޭ ކަމަށް ހަސީން ވިދާޅުވި އެވެ.

ދައުވާލިބޭ ޒިޔާދުގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ މީހަކު މެރުމުގައި ބައިވެރިވުމުގެ ގޮތުން ފާރަލުމާއި ހަމަލާ ދޭއިރު އެ މީހާ ހިފެހެއްޓުމާއި ހަތިޔާރުތައް ފޮރުވުން ފަދަ ވަރަށް ގިނަ ކަންކަން ކުރެވޭނެ ކަމަށާއި، އޭގެ ތެރެއިން ދައުވާލިބޭ މީހުން ކުރި ކަމަށް ތުހުމަތުކުރާ ވަކި އަމަލެއް ބުނެދޭން ޖެހޭ ކަމަށެވެ. ދައުވާއަށް ޖަވާބުދާރީ ވެވޭނީ އެކަން އެނގިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުވާލިބޭ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ކުރި އަމަލެއް އެނގެން ނެތުމުގެ އިތުރުން އަމަލެއް ކުރި ވަގުތާއި ގަޑި ވެސް ދައުވާއިން އެނގެން ނެތް ކަމަށާއި އެހެންވެ، މަދަނީ މިންގަނޑުން ބަލާއިރު އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

ދައުވާލިބޭ މީހުން ކުރި އަމަލެއް ބުނެ ނުދެވެނީސް، އެ ދައުވާ ބިނާކުރި ގޮތާ މެދު ވެސް ދިފާއީ ވަކީލުން ސުވާލު އުފެއްދެވި އެވެ. އަދި އެކަން ސާފުކޮށް ނުދެވޭ ނަމަ، ވަގުތުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކޯޓުން ނިންމަން ޖެހޭނެ ކަމަށް ވިދާޅުވެ، ދަައުލަތުން ހެކި އުފެއްދީ ކަމުގެ ތުހުމަތު ވެސް އެއް ވަކީލަކު ދައުލަތަށް އަމާޒު ކުރެއްވި އެވެ.

ރައްދުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުވާލިބޭ މީހުންގެ މައްޗަށް ދޮގު އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާނެ ކަމަށާއި އެފަދަ ދޮގު ތުހުމަތެއް ނުކުރެވޭނެ ކަމަށެވެ. އަދި އެ މައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރުމުގައި ދައުލަތުގެ އެއްވެސް ޒާތީ މަސްލަހަތެއް ނޯންނާނެ ކަމަށް ކަމަށް ވަކީލާ ވިދާޅުވި އެވެ.

އެކަމާ މެދު ދައުލަތާއި ދިފާއީ ވަކީލުންގެ މެދުގައި ގިނަ އިރުތަކެއް ވަންދެން ބަހުސް ކުރުމަށް ފުރުސަތު ދެއްވުމަށް ފަހު ގާޒީ އަލީ ރަޝީދު ދައުލަތަށް އެންގެވީ ދައުވާލިބޭ މީހުން ކުރި އަމަލެއް ހާމަކުރެވެން އޮތް މިންވަރަށް ދައުލަތުން ހާމަކޮށް ދިނުމަށެވެ. އެކަމަކު އެކަން ކުރަން ވާނީ ސިއްރު ހެކި ހާމަ ނުވާ ގޮތަށް އަދި އިންސާފަށް ހުރަސް ނޭޅޭނެ މިންވަރަކަށް ކަމަށް ގާޒީ ވިދާޅުވި އެވެ. އެކަން ސާފުކޮށް ދިނުމަށް އިތުރު ފުރުސަތެއް ވެސް ގާޒީ ދައުލަތަށް ދެއްވި އެވެ.

ގާޒީ ބަދަލުވެފައިވާތީ އެ މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް އަލުން ފަށައިގެން ކުރިއަށް ގެންދިއުމަށް ވަކީލް މައުމޫން އެދިވަޑައިގަތެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން އެ ބާރު ގާޒީއަށް އޮންނާނެ ކަމަށާއި އެގޮތަށް އަމަލުކޮށް ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

އެކަމަށް ދެކޮޅު ހަދައި، ދައުލަތުން ބުނީ ގާނޫނު އޮތްގޮތުން އަލުން އަޑުއެހުންތައް ފަށަން ނިންމުމުގެ ބާރު ފަނޑިޔާރަށް ލިބޭނީ ޝަރީއަތުގެ މަރުހަލާގައި ގާޒީ ބަދަލުވާ ހާލަތުގައި ކަމަށެވެ. އެ މައްސަލަ އަދިވެސް އޮތީ އިބްތިދާއީ މަރުހަލާގައި ކަމަށްވާތީ އަޑުއެހުންތައް އަލުން ނުފެށޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ގާޒީ އަލީ ރަޝީދު ނިންމެވީ ކުރިން އެހެން ގާޒީއަކު އެ މައްސަލަ ބެއްލެވިއިރު އެ މައްސަލައާ ގުޅޭގޮތުން ނިންމަވާފައި ހުރި ނިންމުންތަކަށް އެއްވެސް ބަދަލެއް މިވަގުތު ނުގެނެސް، މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާލިބޭ އިސްމާއިލް ރަޝީދުގެ އިތުރުން ދިފާއީ ހެކިތަކެއް ވެސް ހުށަހެޅި އެވެ. ފަހުން ހާމަވާ ހެއްކެއްގެ ގޮތުގައި ބައެއް ލިޔުންތަކާއި ދައުލަތުގެ ބައެއް އިސް ބޭފުޅުންގެ ނަންތައް ހެކިވެރިންގެ ގޮތުގައި އޭނާގެ ފަރާތުން ހުށަހެޅި އެވެ.

އެގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޕްރޮފެސަރު ހަސަން އުގައިލްގެ އިތުރުން މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަންގެ މެމްބަރުންގެ ނަންތައް ވެސް ދިފާއީ ހެކިންގެ ގޮތުގައި އޭނާގެ ފަރާތުން ހުށަހެޅި އެވެ.

އެ މައްސަލާގައި ދެން އޮންނަ އަޑުއެހުން އަންނަ ހަފުތާގައި ބާއްވާނެ ކަން ގާޒީ އިއުލާން ކުރެއްވި އެވެ.