ޚަބަރު / ޖީއެމްއާރު

ޖީއެމްއާރުން ދައްކަން ޖެހޭ ޓެކްސް: މިއީ ކިހިނެއް ވާ ކަމެއް؟

އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ނަޝިދާ އެކު ޖީއެމްއާރާއި މެލޭޝިއާ އެއާޕޯޓްސް ކޮމްޕެނީގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަނީ.

އިންޑިއާގެ ޖީއެމްއާރާ އެކު ހެދި އެގްރިމެންޓް ބާތިލްކުރުމުން ބަދަލެއްގެ ގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ދެއްކި 271 މިލިއަން ޑޮލަރުން ޓެކްސް އަށް ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު (354 މިލިއަން ރުފިޔާ) ދައްކަން މީރާ އިން ކަނޑައެޅި ގޮތާ މެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އޭރު ވެސް އުފެދިފައި އޮތް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ޖީއެމްއާރުން ޓެކްސް ދައްކަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ ފަރާތުން މީރާ އަށް ލަފާ ދީފައި އޮތަސް، ޖީއެމްއާރުގެ މައްސަލާގައި ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމި ނިންމުމުގެ މައުލޫމާތު ހުރި ބައެއް މީހުން ބުނާ ގޮތުގައި "އެއީ ޖީއެމްއާރުން ޒިންމާވާން ޖެހޭނެ އެއްޗެއް ނޫނެ"ވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާ ޖީއެމްއާރުން ހަވާލުވީ ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަމުގައި ވަކި ކުންފުންޏެއް ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެންނެވެ. މިދިއަ އަހަރުގެ ޖޫން މަހު މީރާ އިން އެ ކުންފުންޏަށް އެންގީ ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 14.4 މިލިއަން ޑޮލަރު، ވިތުހޯލްޑިންގް ޓެކްސްގެ ގޮތުގައި 2.8 މިލިއަން ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 3.3 މިލިއަން ޑޮލަރު ދައްކާށެވެ.

އެކަމަކު މައުލޫމާތު އެނގި ހުރި ގާނޫނީ ބައެއް މީހުން ބުނާ ގޮތުގައި އާބިޓްރޭޝަންގައި ނިންމާފައި އޮތީ ޖީއެމްއާރަށް ދޭ ބަދަލަކީ ޓެކްސް ހިމެނޭ އެއްޗެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި އެއިން ޓެކްސްއެއް ދައްކަން ޖެހިއްޖެ ނަމަ، އެ ޒިންމާ ނަގަން ޖެހޭނީ ދިވެހި ސަރުކާރާއި އެމްއޭސީއެލުން ކަމަށް ވެސް އެ މީހުން ބުނެ އެވެ.

"އެ ފައިސާ ޖީއެމްއާރުގެ އެކައުންޓަށް ވަދެއްޖެ ނަމަ މީރާ އަށް އެންގިދާނެ ޓެކްސް ނަގަން، އެއީކީ މައްސަލައެއް ނޫން. އެކަމަކު އެއީ އަސްލު އެމްއޭސީއެލުން ޒިންމާވާން ޖެހޭނެ އެއްޗެއް،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި 271 މިލިއަން ޑޮލަރުން ޓެކްސްއެއް ދައްކަން ޖެހިއްޖެ ނަމަ، އެމްއޭސީއެލުން ޖީއެމްއާރަށް ދޭ 271 މިލިއަން ޑޮލަރުގެ ތެރޭގައި އެބައި ހިމަނަން ޖެހޭނެ ކަމަށް، އާބިޓްރޭޝަންގެ ނިންމުމުގައި ބުނެފައިވެ އެވެ. އޭގެ މާނައަކީ ބަދަލުގެ ގޮތުގައި ޖީއެމްއާރަށް ލިބެން ޖެހޭ އެއްޗެއް އުނިވެގެން ނުވާނެ ކަމެވެ.

އެކަމަކު އާބިޓްރޭޝަންގެ ނިންމުމުގެ މައުލޫމާތު ހުރި އެހެން ބައެއް މީހުން ބުނާ ގޮތުގައި އެ ބަދަލުގެ ތެރެއިން ރާއްޖޭގެ ޓެކްސްއާ ބެހޭ އެއްވެސް އިދާރާއަކަށް ނުނެގޭނީ ވިތުހޯލްޑިން ޓެކްސް އެކަންޏެވެ. އެހެންކަމުން މީރާ އިން ޖީއެމްއާރަށް އަންގާފައި އެ އޮތް ވިތުހޯލްޑިން ޓެކްސް އަކީ 271 މިލިއަން ޑޮލަރަށް ނިސްބަތްވާ އެއްޗަކަށް ނުވެދާނެ، ކަމަށް "މިހާރު"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނެ އެވެ. އެއީ، އެ މީހުން ބުނާ ގޮތުގައި، ޖީއެމްއާރުން ރާއްޖޭގައި ވިޔަފާރިކުރި އިރު ކުރިއްސުރެ ދައްކަން އޮތް އެއްޗަކަށް ވުން ކައިރި އެވެ.

އެކަމަކު މީރާ އިން މި މައްސަލާގައި އެއްވެސް ވާހަކައެއް ނުދައްކާތީ އެ ތަނުގެ ނިންމުން ބިނާކުރި ސަބަބުތަކާއި ވިތުހޯލްޑިން ޓެކްސް އަކީ ކޮން އިރެއްގެ އެއްޗެއްކަން ސާފެއް ނުވެ އެވެ.

އެމްއޭސީއެލުން ފޮނުވި ސިޓީ

އޮކްޓޯބަރު 15، 2016 ގައި ސިންގަޕޫރު އާބިޓްރޭޝަނުން ނިންމި ގޮތަށް 271 މިލިއަން ޑޮލަރު، ނޮވެމްބަރު 15، 2016 ގައި އެމްއޭސީއެލުން ވަނީ ދައްކައިފަ އެވެ. އެގޮތުން ފުރަތަމަ ޕޭމަންޓްގެ ގޮތުގައި 80 މިލިއަން ޑޮލަރު ނޮވެމްބަރު 10 ގައި ދެއްކުމަށް ފަހު ނޮވެމްބަރު 15 ގައި ދައްކާ ހަލާސްކުރީ 191 މިލިއަން ޑޮލަރެވެ.

އެމްއޭސީއެލްގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ސޮއިކުރައްވައި، ޖީއެމްއާރަށް އެމްއޭސީއެލުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އާބިޓްރޭޝަނުން ކަނޑައެޅި ބަދަލުން މީރާ އިން އެއްވެސް ޓެކްސްއެއް ނުނަގާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ. އެހެންކަމުން 271 މިލިއަން ޑޮލަރުގެ ތެރޭގައި، މީރާއިން ދޭން އަންގަފާނެ އެއްވެސް ޓެކްސްއަކަށް ވާ ފައިސާ ހިމެނުމުގެ ބޭނުމެއް ނެތް ކަމަށް ސިޓީގައިވެ އެވެ.

އެތަންކޮޅުން ދޭހަވަނީ އާބިޓްރޭޝަންގެ ނިންމުގައި ކަނޑައަޅާފައި އޮތް ގޮތަށް ޓެކްސްއެއް ދައްކަން ޖެހިއްޖެ ހާލަތެއްގައި އެބައި އެމްއޭސީއެލުން ހިމަނަން ޖެހޭނެ ކަމަށް އޮތް އޮތުން އެ ކުންފުނިން ވެސް އޭރު ގަބޫލުކުރި ކަމެވެ. ނަމަވެސް ސިޓީގެ އެ ބަޔަށް ހަމައެކަނި ބަލައިގެން އެ މާނަ ނުނެގޭނެ ކަމަށް، ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި، އޭރުގެ ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވި އެވެ.

އޭރުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ޖީއެމްއާރަށް ލިބުނު ބަދަލުން ބިޒްނަސް ޕްރޮފިޓް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ކަނޑައެޅީ އާބިޓްރޭޝަންގައި އޭރުގެ ސަރުކާރުން ބޭނުންކުރި ބޭރުގެ ވަކީލުންގެ ވެސް ލަފަޔާ އެކު ކަމަށެވެ.

"އެއީ ހަމަ ތިބެލާފައި ނިންމި ނިންމުމެއް ނޫން. ބޭރުގެ ވަކީލުން ވެސް މުޅި އާބިޓްރޭޝަންގައި ބުނާ އެއްޗެއް ބަލާފައި، ދިން ލަފައާ އެއްގޮތަށް ނިންމި ނިންމުމެއް،" އިތުރު މާ ބޮޑު ތަފުސީލަކަށް ވަޑައިގެންނެވުމެއް ނެތި އުޝާމް ވިދާޅުވި އެވެ.

މީރާ އަކީ މިދިއަ ސަރުކާރުގައި ވަރަށް ބޮޑަށް ސިޔާސީ ވެފައި އޮތް މުއައްސަސާއެކެވެ. ސަރުކާރާ ދެކޮޅު ދިވެހި އެތައް ވިޔަފާރިވެރިންނަކަށް އަމާޒުކޮށް ގިނަ ފިޔަވަޅުތަކެއް މީރާ އިން އަޅާފައިވެ އެވެ. އެހެންކަމުން، "މިހާރު"އާ ވާހަކަ ދެއްކި ގާނޫނީ ބައެއް މީހުން ބުނީ ޖީއެމްއާރާ މެދު ވެސް އެގޮތަށް ކަންކޮށްފައި އޮތުން އެކަށީގެންވާ ކަމަށެވެ. އެ މީހުން ބުނާ ގޮތުގައި އޭރުގެ ސަރުކާރުން ޖީއެމްއާރު ދެކެ ހިތްހަމައެއް ނުޖެހެ އެވެ.

އޭޖީ ރިފްއަތުގެ ރައްދު

ޖީއެމްއާރުން ދައްކަން އަންގާފައިވާ ޓެކްސްތަކާ ބެހޭ ގޮތުން އާ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި އުޝާމާ ދެމެދު މި ވަނީ ޓްވިޓާގައި ކުޑަ ބަހުސެއް ހިނގައިފަ އެވެ. އުޝާމް ކުރެއްވި ޓްވީޓެއްގައި ތުހުމަތުކުރެއްވީ ޖީއެމްއާރުން އެ ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް، ރިފްއަތު ލަފާ ދެއްވާފައިވާ ކަމަށެވެ.

އާބިޓްރޭޝަންގައި ރިފްއަތަކީ ޖީއެމްއާރުގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އެހެންކަމުން އޭނާގެ މަސްލަހަތު އޮތް ކަމެއްގައި އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން ޖީއެމްއާރުގެ އެއްވެސް ކަމެއްގައި ލަފާ ދެއްވުމަކީ މައްސަލައެއް ކަމަށް، ޓްވީޓާ ގުޅިގެން ފަހުން ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވި އެވެ.

އެކަމަކު ރިފްއަތު ރޭ ކުރެއްވި ޓްވީޓަކުން އުޝާމަށް ޖަވާބު ދެއްވުމުގެ އިތުރުން ރައްޔިތުންނަށް ކަން އޮތް ގޮތް ސާފު ވެސް ކޮށްދެއްވި އެވެ.

ރިފްއަތު ވިދާޅުވީ އޭޖީގެ މަގާމުގައި ހުންނަވައި ޖީއެމްއާރާ ގުޅޭ ގޮތުން "އެއްވެސް ކަމެއް އަޅުގަނޑު ނިންމާފައި ނުވާނެ" ކަމަށެވެ.

ދެން އޭނާ ރައްޔިތުންނަށް ދެއްވީ އެހެން ޔަގީންކަމެކެވެ.

"ދައުލަތުގެ މަސްލަހަތު އިސްކުރަން. އަދި މަސްލަހަތު ފުށުއެރުމަކަށް ޖާގައެއް ނުދެން،" ރިފްއަތު ލިއުއްވި އެވެ.

ޖީއެމްއާރުގެ ޓެކްސްގެ މައްސަލާގައި މީރާ އާއި އެޓާނީ ޖެނެރަލްގެ އޮފީހުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ގިނަ ކަންކަން އެބަ ހުއްޓެވެ. އާބިޓްރޭޝަންގެ ނިންމުންތައް ސިއްރު އެއްޗަކަށް ވިޔަސް، މިއީ މުޅި ދައުލަތް ހިމެނޭ ކަމަކަށް ވާތީ، ރައްޔިތުންނަށް އެނގެން ޖެހޭ އެއްޗެހި މަދެއް ނޫނެވެ. ހާއްސަކޮށް މުޅި ދައުލަތް ވެސް ތަބާއަވާން ޖެހޭ ކަމެއްގައި، ޖީއެމްއާރާ ދެކޮޅަށް ކަމަށް ވިޔަސް، ރާއްޖޭގެ އިދާރާއަކުން ނިންމާފައި އޮތީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ކަށަވަރުކޮށްދޭން ޖެހެ އެވެ.

45 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 3%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވައިޖަހަން

23 May 2019

ހަގީގަތަކީ ދައުލަތަށް ލިބެންޖެހޭ ތިހާ ގިނަ ފައިސާއެއް ޖީ އެމްްއާރުގެ ވަކީލު އޭޖީއަށް ހުރެގެން ދައުލަތާ ދެކޮޅަށް ލަފާއެއް ނުދެވޭނެ.. އަދި އެވެސް ޖީއެމްއާރު ބޮޑުންނާ މީރާ އަދި ރިފްއަތު މީޓުކުރުމަށްފަހު.. ހުސް އެއްވަރުގެ މީހުން..

The name is already taken The name is available. Register?

ބުލްބުލޭ

23 May 2019

ކޮންމެ ބަޔަކުވެސް ބަލާނީ ހިހޫތަނުން ކެވޭމަގު. ރައްޔިތުން ކާރީ ބުނާނީ އިންސާފުގެ މަގޭ. ވަޓްއަ ޕޮލިޓިކްސް ހިޔާ. ޖަސްޓް ލައިކް އަންދާގާނޫނު. ސޭމްސޭމް ނޯޑިފަރެންޓް.

The name is already taken The name is available. Register?

ޖޮއްބެ

23 May 2019

ރީނދޫ ފިކުރުގެ މީހުނަށް ޖީއެމްއާރުގެ ކުށެއް ފެންނާނެތަ؟

The name is already taken The name is available. Register?

ސަނީީ

23 May 2019

އޭޖީ ހެދީ ދޮގުކަން މިހާރު ވަރަށް ރަނގަޅަށް ފަޅާއަރައިފި. ވެދުން

The name is already taken The name is available. Register?

ނޫސްކިޔާމީހާ

23 May 2019

ކޮންމެ ސަރުކާރަކުންވެސް ތިޔަކަމުގައި އޮތީ އޯލއޮޅުވާލުން. ޙުރިހާގޯހެއް ހަދާފައިވަނީ އެގްރިމެންޓްކުރިމީހުން. އެގްރިމެންޓް ނަހަދަން ގޮވަނިކޮށް ސިއްރިޔާތުގައި އޮޅުވާލައިގެން ކޮށްފައި އޮތްކަމެއް. ދިވެހިން ހިންދާލިމީހެއް އަންނިޔަކީ. މިއަދުވެސް މިފެނންނީ ޖީއެމްއާރު ނޫނަސް މުޅި އިންޑިޔާ އެއޮތީ ދިވެހިން ބޯގަޅިކޮށް ހަނާކުރާމްނަޒަރު

The name is already taken The name is available. Register?

ސޭޓުގެ އަނބިމީހާގެ ފިރިމީހާ

23 May 2019

ތިޔައީ ދައްކަންޖެހޭ އެއްޗެއްކަމުގައިވާނަމަ، ރައީސް ޔާމީންގެ ސަރުކާރުން ތިކަމާއި އަޅައިނުލައެއް ނޯތީސްކަން ކަށަވަރެވެ. ސޯ ޤަބޫލުކުރެވޭގޮތުގައި ތިޔައީ ދައްކަންޖެހޭ އެއްޗަކަށް ނުވަނީއެވެ. ބުއްދީގެ ހަމައަށްބަލާއިރު ޓެކްސް ނެގެނީ ކުރާވިޔަފާރިއަކުންނެވެ. ލިބޭގެއްލުމަކާއިހެދި ދައްކަންޖެހޭބަދަލަކުން ނުވަތަ އަދާކުރާ ދަރަނިން ޓެކްސް ނެގޭކަމެއް އެނިގިފަކާއެއްނެތެވެ. މިރާއްޖެއަކީ އާދައިގެ ތަނެއްނޫނެވެ. އެހެންވީމައި ނެގޭގޮތެއް އޮތުމަމކީ އެކަށީގެންވާކަމެއް.

The name is already taken The name is available. Register?

ހުއްބުލްވަތަން އަސްލު

23 May 2019

ޔާމީނު ސަރުކާރުން ބުނަމުންދިޔައީ ޖީއެމްއާރު އާއި ދިވެހިސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމަކީ އުފެދުމުގާވެސް ބާތިލު އެއްޗެކޭ، އެ އެގުރީމަންޓް އުވާލައިގެން ދައުލަތުން ލޯ ލާރިއެއްވެސް ދައްކާކަށް ނުޖެހޭނެއޭ. ސަރުކާރުގެ އެ ބުނުން ދޮގަކަށްވެ ދައުލަތުން ގެއްލުމުގެ ބަދަލު ދޭންޖެހުނު. އަދި ބަދަލު ދޭއިރު އެ ބަދަލާގުޅިގެން ދައުލަތަށް ޓެކްސް ދައްކަން ނުޖެހޭނެކަމުގެ ޔަގީންކަން އެމްއޭސީއެލް މެދުވެރިކޮށް ސަރުކާރުން ޖީއެމްއާރަށް ދިން. ވާހަކަ ނިމުނީ

The name is already taken The name is available. Register?

ކޭތުވާލު

23 May 2019

މިއި މިރާއްޖެ ޖީއެމް އާރ އާ އިންޑިޔާގެ ކިބައިން ސަލާމަތް ނުވާނެ ކަމުގެ ހެކިތަށް.ޔަމީނުގެ ބޮލު ގަ އަޅު ވަނެ ކަމެއް ނެތް. އަދި މިއުޅެ ނީ މަޖިލިސް ހުވާނުކުރެވިގެން.

The name is already taken The name is available. Register?

އަބްދޫ

23 May 2019

ޖީއެމްއާރަްއަށް އެއާޕޯޓް ދިނުމުގެ ސަބަބުން ދަވްލަތަށް ގެއްލުންވާގޮތަށް ސޮއިކުރި އެގްރީމެންޓްގެ ސަބަބުން ދަވްލަތަށް ލިބުނުގެއްލުން ކުޑަބަންދާ އާއި ނަސިދު އަ ދެމީހުނަށް ދައްުވާކުރެވެންޖެހޭނެ. އެއީ ގާނޫނުނަންބަރި 1/68 ޖ ގެ ދަށުން.

The name is already taken The name is available. Register?

މަންނާނު

23 May 2019

އެމްޑީޕީ ކުރީގެ ސަރުކާރުން ހެދި ހުރިހާ އެގްރިމެންޓަކަށް މިޖެހެނީ ނިކަމެތި ރައްޔިތުން ޒިންމާވާން ތިންސަތޭކައިން ހަތަރުސަތޭކަ މިލިއަނުން ޑޮލަރު ކޮންމެފަހަރަކުވެސް ހަވާލުވަނީ މަށަށްވާނޭ ކިޔާފަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!