މެއި 31 އިން ފެށިގެން ވަކިން ސިނގިރޭޓް ވިއްކުން މަނާވާނެ

މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ވަކިން ސިނގިރޭޓް ވިއްކުން މަނާވާނެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުންނަށް ހަނދާންކޮށްދީފި އެވެ.


އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ވަކިން ސިނގިރޭޓް ވިއްކުން މަނާކުރުމާއި ސިނގިރޭޓް ފޮށީގެ ބޭރުގައި ފޮޓޯ ޖެހި އިންޒާރާ ނުލައި ސިނގިރޭޓް ވިއްކުން މަނާކުރަން ދީފައިވާ މުއްދަތުގައި އެކަން ތަންފީޒުކުރާނެ ކަމަށެވެ.

ގަވާއިދުގައިވާ ގޮތުން ސިނގިރޭޓު ފޮށި ބަންދުކޮށްފައި ހުންނަން ޖެހޭނީ ކޮންމެ ފޮށްޓެއްގައި 20 ސިނގިރޭޓަށް ވުރެ މަދު ނުވާނެ ގޮތަކަށެވެ. ބިޑި ޕެކްކޮށްފައި ހުންނަން ވާނީ ކޮންމެ ޕެކެޓެއްގައި 50 ބިޑި އަށް ވުރެ މަދު ނުވާނެ ގޮތަކަށެވެ. ދުންފަތުގެ އެހެން ބާވަތްތަކުގައި މަދުވެގެން 30 ގްރާމް ހިމެނެން ޖެހެ އެވެ.

ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމުގެ ބައި ތަންފީޒުކުރަން ހަމަޖައްސާފައި ވަނީ އަންނަ ޖުލައި 31 ވަނަ ދުވަހު އެވެ. އެ މުއްދަތުގެ ފަހުން ރާއްޖެ އަށް ސިނގިރޭޓް އެތެރެކޮށް ވިއްކޭނީ ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތަށް އިންޒާރުގެ ފޮޓޯއާ އެކުގަ އެވެ. އެކަމަކު އެ މުއްދަތުގެ ކުރިން ރާއްޖެ ގެނެސްފައިވާ ސިނގިރޭޓް ވިއްކޭނެ އެވެ. އިންޒާރުގެ ފޮޓޯ ނުޖަހައި ހުންނަ ސިނގިރޭޓް ފޮށި ވިއްކުން އެއްކޮށް މަނާވާނީ އަންނަ ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެންނެވެ.

އެ ކަންކަމާ ހިލާފުވާ ނަމަ، އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ދެ ވަނަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5،000ރ. އަދި ތިން ވަނަ ފަހަރަށް، 10،000ރ. އިން ޖޫރިމަނާކޮށް، ހަތަރު ވަނަ ފަހަރަށް 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

ގަވައިދުގައި ވަނީ ޖޫރިމަނާގެ އިތުރުން ދުންފަތް މުއާމަލާތް ކުރުމަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމާއި ހުއްދަ ބާތިލް ކުރުމާއި ހުއްދައިގައި ހިމެނޭ ވަކިވަކި ކަންކަން ހިފެހެއްޓުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، މައްސަލަ ކޯޓަށް ހުށަހެޅޭނެ އެވެ. ވަކިން ސިނގިރޭޓް ވިއްކުން މަނާކުރުމުގެ ގަވާއިދު ތަންފީޒުކުރުމުގެ ވަގުތު ކައިރިވެފައިވާއިރު، މިދިޔަ ހަފުތާގައި، މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން ނިންމައިފަ އެވެ. އެކަމަކު އެ އުސޫލަށް އަމަލުކުރަން ފަށާނީ ހަ މަސް ފަހުންނެވެ.