ރިފްއަތަށް ކުރާ ތުހުމަތުތައް ސާފުކޮށްދޭން ޕީޕީއެމާއި ޕީއެންސީން ގޮވާލައިފި

އަމިއްލަ މަސްލަހަތު ހިމާޔަތް ކުރައްވައި، ދައުލަތަށް ގެއްލުންވާ ގޮތަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ލަފާ ދެއްވާ ކަމަށް ކުރާ ތުހުމަތުތަކުގެ ހަގީގަތް ސާފުކޮށްދޭން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިރޭ ގޮވާލައިފި އެވެ.


އިދިކޮޅު ކޯލިޝަން، ޕީޕީއެމާއި ޕީއެންސީ ގުޅިގެން ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި ސަރުކާރަށް ހަ މަސް ވި އިރު ފެންނަނީ ދައުލަތުގެ ބަޖެޓުން އޭޖީ ފައިސާ ބަހާ ތަން ކަމަށް ބުނެ ޕީޕީއެމާއި ޕީއެންސީން އޭނާ އަށް ވަނީ ފާޑުކިއުން އަމާޒުކޮށްފަ އެވެ.

ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިހާން ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބުގެ ނިންމުންތަކާ މެދު ރައްޔިތުން ސުވާލު އުފައްދަނީ ސަބަބުތަކެއް ހުރެގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މިސާލެއްގެ ގޮތުން ނިހާން ދެއްކެވީ، ދީބާޖާ އިންވެސްޓްމެންޓުން 348 މިލިއަން ރުފިޔާ، ދައުލަތުން ހޯދަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި އޮއްވައި ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރަން ރިފްއަތު ހުށަހެޅުއްވި ކަމަށް ކުރާ ތުހުމަތެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ކުރި ތުހުމަތުތަކާ އެކު އެއީ، ދައުލަތަށް ބުރަކުޑަވާ ގޮތެއް ހޯދަން ގާނޫނީ އިމުގެ ތެރެއިން ފުރުސަތެއްތޯ އޮތްތޯ ބައްލަވަން ކުރެއްވި ކަމެއް ކަމަށް ރިފްއަތު ވިދާޅުވި ނަމަވެސް ނިހާން ވިދާޅުވީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން އުޅުއްވުމުން ސުވާލު އުފެދޭ ކަަމަށެވެ. ޒީރޯ ޓޮލަރެންސްގެ ސަރުކާރެއްގެ ގޮތުގައި ވަކާލާތު ކުރާ އިރު، ދީބާޖާ އަށް ފައިސާގެ އަދަދެއް ހުށަހެޅުއްވި ކަމުގެ ތުހުމަތަކީ ވެސް ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

"އެންމެ ހަ މަސް ނުވެގެން މިއުޅެނީ. އަޅުގަނޑުމެންނަށް މި ފެންނަނީ ބަހަމުން ބަހަމުން ގެންދާތަން،" ނިހާން

ރިޝްވަތު ނަންގަވައި ދީބާޖާ މައްސަލަ ހައްލުކުރަން އުޅޭ ކަމަށް ކުރި ތުހުމަތު އޭޖީ ވަނީ ދޮގު ކުރައްވައިފަ އެވެ.

ނިހާން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދޫކުރި ޖީއެމްއާރުގެ މަސްލަހަތު ހިމާޔަތް ކުރަން އޭޖީ އުޅުއްވާ ކަމަށް ދައްކާ ވާހަކަތަކަށް ވެސް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހެ އެވެ.

ނިހާން ވިދާޅުވީ ޖީއެމްއާރުން ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ޓެކްސްއެއް ބަންޑާރަ ނައިބުގެ ލަފާފުޅަކަށް މާފެއް ނުކުރެވޭނެ އެވެ.

ޕީއެންސީގެ ނައިބު ރައީސް ނިހާން: ބަންޑާރަ ނައިބު ރިފްއަތު ޖަވާބުދާރީވާން ޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށް ނިހާން ވިދާޅުވި.---ފޮޓޯ: މިހާރު

"އެންމެ ހަ މަސް ނުވެގެން މިއުޅެނީ. އަޅުގަނޑުމެންނަށް މި ފެންނަނީ ބަހަމުން ބަހަމުން ގެންދާތަން،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖީއެމްއާރުން، މީރާ އަށް ދައްކަން ޖެހޭ ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް އޭޖީ ލަފާ ދެއްވިތޯ އާއި ޖީއެމްއާރުގެ އިސްވެރިއަކާ އޭޖީ އޮޮފީހުގައި ބައްދަލުކުރެއްވިތޯ ވެސް ސާފުކޮށްދެއްވަން ޖެހެ އެވެ. ޖީއެމްއާރާ ގުޅޭ އެއްވެސް ކަމެއް ނުނިންމާ ކަމަށް އޭޖީ ރިފްއަތު ރޭ ވަނީ ޓުވީޓް ކުރައްވައި ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް މި އިވޭ ކަންކަމަކީ ޒީރޯ ޓޮލަރެންސްގެ ދަށުން ނޯޓު ކުރަން ޖެހޭ ކަންކަން ކަމަށް ޝައްކުވާތީ މި ވާހަކަތައް ދައްކަން މި ޖެހެނީ،" ނިހާން ވިދާޅުވި އެވެ.