ހިފެހެއްޓި ދޯނީގައި ތިބި، ގަވާއިދާ ހިލާފުވި ދެ ބިދޭސީން ހައްޔަރެއް ނުކުރޭ

ސިފައިންނާއި ފުލުހުން ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި، ސ. ފޭދޫން މުދާ ބަރުކޮށްގެން ދަނިކޮށް އިއްޔެ ހިފެހެއްޓި ދޯނީގައި ތިބި ގަވާއިދާ ހިލާފަށް އުޅޭ ދެ ބިދޭސީން ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށެވެ. ނަމަވެސް މައުލޫމާތު ސާފުކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެ މީހުންނާ ގުޅޭ މައުލޫމާތު އިމިގްރޭޝަނަށް އަޅުގަނޑުމެން ފޮނުވާނަން،" އޮފިޝަލް ވިދާޅުވި އެވެ.

އެ ދޯނީގައި ހުރީ ހުޅުމީދޫގެ ފެނަކަ އަށް ގެންދާ 6،000 ލިޓަރުގެ ޕެޓްރޯލާއި ފިހާރައަކަށް ގެންދިޔަ އައިސް ކުކުޅުތަކެކެވެ. އެ މީހުންގެ އަތުގައި ވޯކް ޕާމިޓެއް ވެސް ނެތް ކަމަށް ސިފައިން އިއްޔެ ބުނެފައި ވެ އެވެ.

ދެ ބިދޭސީން ފިޔަވައި އިތުރު ބަޔަކު އެވަގުތު ދޯނީގައި ނެތް ކަމަށް ފުލުހުން ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، އެފަދަ މީހުން ފެނިއްޖެ ނަމަ ހަވާލު ކުރަންޖެހޭނީ މޯލްޑިވްސް އިމިގްރޭޝަނަށެވެ.

ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި އިމިގްރޭޝަނާ ކުރިން ހަވާލު ކުރަމުން އައި ކަމަށެވެ. އެކަމަކު، ވަސީލަތް ނެތުމުގެ ސަބަބުން އިމިގްރޭޝަނުން އެ ބިދޭސީންނާ މިހާރު ހަވާލު ނުވާ ކަމަށް ފުލުހުން ބުންޏެވެ.