ހުޅުމާލޭގައި ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ހުޅުމާލޭގައި ހަ އަހަރުގެ ފިރިހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭ ދަންވަރު 1:00 ހާއިރު، ކުޑަ ދެ ފިރިހެން ކުއްޖަކާ މެދު، ފިރިހެނަކު ގަދަ ކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު، އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ ކުދިންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ފިޔަވަޅު އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ކުޑަ ދެ ކުދިންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ވެސް ގެންދިޔަ އެވެ.

މިދިޔަ ހަފުތާގައި ވަނީ، މާލެ އިން ދެކުނުގެ ރަށެއްގައި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަގެ ކުރީގެ ލޯބިވެރިޔާ ހައްޔަރުކޮށްފަ އެވެ. މަންމަގެ ކުރީގެ ލޯބިވެރިޔާގެ އިތުރުން އޭނާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެ ވެސް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތުކުރެ އެވެ. އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ 71 އަހަރުގެ ފިރިހެނެކެވެ.

މީގެއިތުރުން 15 އަހަރުގެ އަންހެން ކުއްޖަކު ވިހެއި ދަރިފުޅު މަރުވި މައްސަލައެއް ވަނީ ހިނގައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ އަންހެން ކުއްޖާ ވިއްސީ އޭނާގެ ލޯބިވެރިޔާ އެވެ.