ދެމަފިރިންގެ ފަހު ނޭވާ ގާތްގަނޑަކަށް އެކުއެކުގައި!

އެ ދެމަފިރިންގެ މުޅި އުމުރު ހޭދަކުރީ އެކުގަ އެވެ. ބަލި އެނދުގައި ދުވަސްތައް ގުނީ ވެސް އެކުއެކީގަ އެވެ. އަދި އެންމެ ފަހުން ދެ މީހުންގެ އެންމެ ފަހު ނޭވާ ދުނިޔެއަށް ދޫކޮށްލީ ވެސް ގާތްގަނޑަކަށް އެކުއެކީގަ އެވެ.


ރ. ދުވާފަރުގެ މި ދެމަފިރިންގެ ތެރެއިން ހަސަން އިބްރާހިމް 84، މަރުވީ މިދިއަ ބުދަދުވަހު އެވެ. އޭގެ ތިން ދުވަސް ފަހުން އިއްޔެ އޭނާގެ އަންހެނުން ހަދީޖާ އަލީ، 82، ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ.

މިއީ އެހާ އާންމުކޮށް އިވޭ ހަބަރުތަކެއް ނޫނެވެ. ގުދުރަތީ މަރުގައި ދެމަފިރިއަކު އެހާ ކައިރިކައިރީގައި މަރުވުމުން، ގިނަ މީހުންގެ ސަމާލުކަން ހުއްޓެނީ ވެސް އެހެންވެގެންނެވެ.

ސުނާމީގައި ރ. ކަނދޮޅުދޫ ވީރާނާވެ، ރަށް ދޫކޮށްލުމުގެ ކުރިން ހަސަން އާއި ހަޖީދާ (އާންމު ނަމުން ނަމަ ކަދިއްތަ) އަކީ އެރަށުގެ މަސައްކަތްތެރި ދެމަފިރިންނެވެ. މަސްވެރި ރަށަކަށް ވާތީ މަހުގެ މަސައްކަތުގައި ދެމަފިރިންގެ ޒުވާން އުމުރު ހޭދަކުރި އެވެ. ފަސް ދަރިން ބޮޑުކުރީ، މަސް ކައްކައިގެން، ހިއްކައި، އެއިން ލިބޭ އާމްދަނީންނެވެ.

"ވަރަށް ލޯބިން އުޅުނު ދަމަފިރިން އެއީ،" ދުވާފަރުން ވާހަކަދެއްކި މީހަކު، "މިހާރު"އަށް ކިޔައިދިނެވެ.

"މީހުންނަށް ވެސް ވަރަށް ހެޔޮ ބައެއް. ދީނީ ކަންތަކަށް ވެސް ވަރަށް ކަމޭހިތައިގެން އުޅުނީ."

ހަސަން އާއި ހަދީޖާ މަރުވި އިރު ދެ މަފިރިން ވެސް މުސްކުޅި ބަލީގައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު އެމީހުންގެ ސިއްހީ ހާލަތު އެގޮތަށް ދިޔައީ ދުވާފަރަށް ބަދަލުވި ފަހުން ކަމަށް، "މިހާރު"އާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

ދެމަފިރިންގެ ކަންކަން ބަލަހައްޓަމުން ގެންދިޔައީ އެމީހުންގެ ދަރިިންނެވެ.

ހަސަން އައި ހަދީޖާ ކައިވެނިކުރީ، ބައެއް މީހުން ބުނާ ގޮތުގައި، އުމުރުން 15-16 އަހަރުގަ އެވެ. އެހެންކަމުން ދެ މީހުން މި ދުނިޔެ ދޫކުރި އިރު ކައިވެނީގައި ގާތްގަނޑަކަށް 60 އަހަރު ވަނީ ހޭދަކޮށްފަ އެވެ.